Roadha Mihaaru
އާ މަގާމެއްގައި ހަމްޕު ތަފާތު ދައްކަނީ

އާ މަގާމެއްގައި ހަމްޕު ތަފާތު ދައްކަނީ

17 އެޕްރީލް 2018

މިދިޔަ ހަތަރު އަހަރު ހަމްޒާ މުހައްމަދު (ހަމްޕު) ފާހަގަވީ ނިއު ރޭޑިއަންޓުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކޮށް ލަނޑު ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ނިއުގެ ކޯޗު ކަމާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ހަވާލުވި ފަހުން ހަމްޕު ބޮޑަށް ފެންނަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ފުޓްބޯޅައިގެ މުހިއްމު މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. ފޯވާޑުން ފަހަތުން އެޓޭކް އުފައްދާ ކުޅުންތެރިޔަކަށް އޭނާ ވަނީ ވެފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ހަތަރު އަހަރު ހަމްޒާ މުހައްމަދު (ހަމްޕު) ފާހަގަވީ ނިއު ރޭޑިއަންޓުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކޮށް ލަނޑު ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ނިއުގެ ކޯޗު ކަމާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ހަވާލުވި ފަހުން ހަމްޕު ބޮޑަށް ފެންނަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ފުޓްބޯޅައިގެ މުހިއްމު މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. ފޯވާޑުން ފަހަތުން އެޓޭކް އުފައްދާ ކުޅުންތެރިޔަކަށް އޭނާ ވަނީ ވެފަ އެވެ.

"އަސްލު ކޯޗު (އޮސްކާ) ދިން އިތުބާރާ އެކު މި މަގާމަށް އެހާ ރަނގަޅަށް މި ކުޅެވެނީ،" ހަމްޕު އޭނާގެ އާ މަގާމާ ބެހޭގޮތުން "މިހާރަ"ށް ބުންޏެވެ.

އޮސްކާ ހަވާލުވި ފަހުން ނިއުގެ މެދު ތެރޭގައި މިދިޔަ ސީޒަނުގައި ކުޅުނީ ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މި ދެ ކުޅުންތެރިންނާ އެކު ހަމްޒާ އަށް އެ ރޯލުގައި ކުޅުމަށް ފަސޭހަތަކެއްވެގެންދިޔަ އެވެ. މިދިޔަ އަހަރުގެ ތަޖުރިބާއާ އެކު ހަމްޕު މިހާރު ފެންނަނީ އެ ރޯލުގައި އޮސްކާގެ ގޭމްޕްލޭނާ އެއް ގޮތަށް ކުރިއަށްދާތަނެވެ.

އޭއެފްސީ ކަޕްގައި މި މަހު 10 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރު އަތުން 1-0 އިން ނިއު ބަލިވި ނަމަވެސް އެ މެޗު އެއްކޮށް ނިއު އިން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ހަމްޕުގެ ދައުރު ބޮޑެވެ. ކަންޑޭލާ އާއި މުހައްމަދު އުމެއިރު އަދި ހަމްޕުއާ އެކު ނިއުގެ މެދުތެރެ ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އެ މެޗުގައި ހަމްޕުގެ ފަރާތުން ފެނުނު ކުޅުން ގިނަ ބަޔަކު ފާހަގަކުރެވެ އެވެ. އެއީ ބެންގަލޫރުގެ މައްޗަށް އެ ޓީމުގެ ދަނޑުގައި ފަހަކަށް އައިސް އެއްވެސް ޓީމަކުން އެންމެ ބޮޑަށް ޑޮމިނޭޓްކުރި އެއް މެޗު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"އަސްލު ގިނަ ބަޔަކު ގަބޫލުކުރޭ ހަމްޕު އަކީ ނެޗުރަލް ސެންޓަ ފޯވާޑެއް ނޫނީ ވިންގެއްގެ ގޮތުގައި. ކޮންމެ ކޯޗެއް ވެސް އޭނަގެ ހުނަރުގެ ވާހަކަ ފާހަގަކުރޭ. އެކަމު މިހާރު ހުރި ކޯޗު (އޮސްކާ) އައި ފަހުން ހަމްޕު އެހެން ރޯލެއްގައި މި ފެންނަނީ. މިއީ އަހަންނަށް ވެސް ލިބުނު ހައިރާން ކަމެއް. ބެންގަލޫރު މެޗުގައި ހަމްޕު ސާބިތުކޮށްދީފި އޭނާ އަށް އެ ރޯލުގައި ތަފާތު ދެއްކިދާނެކަން،" ފުރަތަމަ ޑިވިޝަނުގެ ކޯޗަކު ހަމްޕުއާ ބެހޭގޮތުން "މިހާރަ"ށް ބުންޏެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭ ނިއުއާ ނުވަ ވަރަކަށް ކޯޗުން ހަވާލުވެފައިވާއިރު ހުރިހާ ކޯޗުންގެ ތައުރީފް ހަމްޕު އަށް ލިބެ އެވެ. މިހާރު އާ ރޯލެއްގައި ހަމްޕު އަށް ކުޅެން ޖެހުނަސް އޭނާ ހުރީ ކުރިއަށްދިއުމުގެ ވިސްނުމުގަ އެވެ.

"އެންމެ ކުޅޭ ހިތްވަނީ އަރިމަތިން. އެކަމަކު މިހާރު ފަސޭހަ މެދަށް ކުޅެން ވެސް،" ހަމްޕު ބުންޏެވެ.

ބ. އޭދަފުއްޓަށް އުފަން އުމުރުން 23 އަހަރުގެ ހަމްޕު އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނިއު އަށް ކުޅެމުންނެވެ. އޭނާ އަކީ ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ހަމްޕު ވަނީ ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ވެސް ކުޅެފަ އެވެ. ދާދި ފަހުން ގައުމީ ޓީމާ ހަވާލުވި ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ކޯޗު ކަމުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން 7-0 އިން ބޫޓާން ބަލިކުރިއިރު، ހަމްޕު ވަނީ އެ މެޗުގައި ލަނޑު ޖަހައިފަ އެވެ.