28 މެއި 2018
އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ތިން ޕޮއިންޓް ގާތަށް ނިއު ރޭޑިއަންޓް މިރޭ ޖެހިލައިފި އެވެ.
އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ތިން ޕޮއިންޓް ގާތަށް ނިއު ރޭޑިއަންޓް މިރޭ ޖެހިލައިފި އެވެ.
ނިއު 28 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ބާކީ އޮތް ވެލެންސިއާ، ޓީސީ އަދި މާޒިޔާ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ތަށި ހޯދޭނެ އެވެ. އެކަމަކު އަންގާރަ ދުވަހުގެރޭ ގްރީންސްޓްރީޓްސް އަތުން ޓީސީ މޮޅުނުވެއްޖެ ނަމަ، އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް ނިއު އަށް ލީގު ކާމިޔާބުކުރެވޭނެ އެވެ.
ނިއުގެ ފަހަތުން ދެ ވަނައިގައި 19 ޕޮއިންޓާ އެކު ވިކްޓަރީ އޮތްއިރު ތިން ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އީގަލްސް އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޓީސީ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނެތި ނިއު އިން ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ސެންޓޭ ނިއު އަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނެވެ. ފުރަތަމަ ގޯލް ހަ ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި އަރައި ޖެހިއިރު ދެ ވަނަ ލަނޑު 12 ވަނަ މިނެޓުގައި ވައްދާލީ ހަމަ ކައުންޓާ އެޓޭކެއްގައި، ރިހާމް އަބްދުލްގަނީ (ބޮބީ) ދިން ޕާހަކުންނެވެ.
ބޮބީ ދިން ބޯޅަ ސެންޓޭ ކޮންޓްރޯލްކުރި ވަގުތު އޭނާގެ އަތުގައި ބޯޅަ ޖެހުނެވެ. އެކަމާ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) އާއި އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) ބޯޅައަށް އެރި ވަގުތު ދެ ކުޅުންތެރިން މުޑިއަރައި ބަކާގެ މޫނުމަތި ފަޅައިގެން ދިއައިރު އެ ވަގުތު އަނެއްކާ ވެސް މައްސަލަ ޖެއްސުމުން މޯހަން ބެންޗުން ފޮނުވާލި އެވެ. އަނިޔާއާ ގުޅިގެން ބަކާ ވެސް ބޭލި އެވެ.
އޭރު ނިއު އިން އޮތީ ތިން ވަނަ ގޯލް ޖަހައިފަ އެވެ. އެ ލަނޑު 27 ވަނަ މިނެޓުގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަކްރަމް އަބްދުލްގަނީ ނެގި ހުރަހެއް ސެންޓޭ ފައިގައި ޖެހިފައި ހުރަސްވުމުން ހަމްޕު ގޯލަށް ވައްދާލީ ވެއްޓިގެން ބޮލުން ޖަހަ އެވެ.
ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާގެ އުކުޅަވަށް އަނިޔާވެ އޭނާ ވެސް ކުޅުމާ ދުރަށް ދާން ޖެހުނެވެ. ކުރީ މެޗުގައި އަނިޔާވި ސްޕެއިން ޑިފެންޑަރު ޖޯޖް ގޮޓޯ ވެސް މިއަދު ނުކުޅެ އެވެ.
ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ނިއުގެ ސެންޓޭ އޭރިއާ ތެރެއިން ބޯޅަ ޖަހަޖަހާ އޮއްވާ އޭނާ ވައްޓާލުން އީގަލްސްގެ ސޮލާހް އަލީ އަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ނިއު އަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސެންޓޭ ހެޓްރިކް ފުރިހަމަކުރި އެވެ.
މެޗުގެ ފަހު ބައިގައި އީގަލްސްގެ ބްރެޒިލް ފޯވާޑް އެޑުއާޑޯ ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު އޭގެ ތެރެއިން ފުރުސަތެއްގައި 83 ވަނަ މިނެޓުގައި ގޯލެއް ޖެހި އެވެ. އަދި ނިއުގެ ހަމްޕު އަށް ވެސް ތަފާތު ބޮޑުކޮށްލަން ފުރުސަތު ލިބި ބޭކާރުވި އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ މިނެޓުން ފެށިގެން ހުރިހާ ކަމެއް ދިޔައީ ފުރިހަމަކޮށް ކަމަށެވެ. އަދި އީގަލްސް އިން ފަހަތަށް ނުޖެހި ކުޅެން އުޅުނީވެ އެކަމަށް އޮސްކާ މަރުހަބާ ކިޔެވެ. އެންމެ ފަހުން ކުޅުނު ބައެއް މެޗުތަކުގައި އިދިކޮޅު ޓީމުތަކުން މާބޮޑަށް ފަހަތަށް ޖެހި ކުޅެން ފުރުސަތު ނުދީވެ އޮސްކާ ވަނީ ފާޑުކިޔައިފަ އެވެ.
އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު ބުނީ އެ ޓީމުން މިރޭ ކުޅުނީ އާ ފޯމޭޝަނަކަށް ކަމަށާއި އެއަށް ރަނގަޅަށް ފަރިތަނުކުރެވި އަދި މެޗުގައި ވެސް ރަނގަޅަށް ނެހޭނި އޮއްވާ ނިއު އިން ލީޑު ނެގުމުން އުނދަގޫތަކެއްވި ކަމަށެވެ.
"ދެން ފާހަގަކުރަން ބޭނުންވޭ ސެންޓޭ ދެ ވަނަ ގޯލް ޖެހީ އަތުން ކޮންޓްރޯލް ކުރުމަށް ފަހު. ދަނޑަށް ވަން އެންމެންނަށް އެކަން ފެންނާނެ. އެގޮތަށް ރެފްރީންގެ ނިންމުންތައް ހުންނަންޏާ ވަރަށް އުނދަގޫ ފަހަތުން އަރައި ނަތީޖާ ނެރެން. ގަސްދުގައި ފައުލްކުރުމުން ވެސް ކާޑު ނުދައްކާ ވެސް ދިޔަ،" ނިމާ ބުންޏެވެ.
އީގަލްސް އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ
މިހާލަތުގައި ނިއު ބަލިކުރުމަކީ ޗެލެންޖެއް: މޯހަން
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް