08 ޖޫން 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ދެ ގޯލުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ދެ ގޯލުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
ނިއު އިން ވަނީ އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި މޮޅާ އެކު ލީގު ކަށަވަރުކޮށްފަ އެވެ. އެ ޓީމާ ލީގު އައްޑަނަ ހަވާލުކުރާނީ މި މަހު 19 ވަަނަ ދުވަހު މާޒިޔާއާ ކުޅޭ މެޗަށް ފަހު އެވެ.
މިރޭގެ ނަތީޖާއާ އެކު ނިއު ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް 12 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ޓީސީ ހަތަރު ވަނައިގައި އޮތީ 13 މެޗުން 19 ޕޮއިންޓާ އެކު އެވެ.
މި މެޗަށް ނުކުތްއިރު ނިއުގެ ފުރަތަމަ އެގާރައިގައި އެއްވެސް ބިދޭސީ ކުޅުންތެރިއަކު ނުހިމެނެ އެވެ. ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ކަންޑޭލާއި ގޯތޯރް ބެންޗުގައި ތިބިއިރު، އަފްގާނިސްތާނުގެ ފުލްބެކް ހާރޫން އަމީރީ މި މެޗަށް ނެގި ޓީމު ލިސްޓުގައި ނެތެވެ. އަމީރީ އަކީ ފުރަތަމަ ބުރުގައި ޓީސީ ކޮޅަށް ގޯލު ޖެހި ކުޅުންތެރިއެކެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގައި އެ ޓީމުން ނެރުނީ އެންމެ ވަރުގަދަ ޓީމެވެެ. މި މެޗުގައި ވެސް އެ ޓީމުގެ ގޯލުގައި ހުރީ އިފްރާހް އަރީފް އެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޓީސީންނެވެ. ތިން ވަނަ މިނިޓްގައި އޭރިއާ ތެރެއިން އިބްރާހިމް ވަހީދު (އިއްބެ) ދިން ބޯޅަ އަކުން ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ފުރަތަމަ 15 މިނިޓަށް ފަހު ނިއު ކުޅުން ރަނގަޅުކުރިއިރު، ދަގަނޑޭ އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޓީސީން މެޗުގެ 32 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން އެ ޓީމުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ދެ ވަނަ ހާފުގައި ޓީސީން ކުޅުނެވެ. މެޗުގެ 56 ވަނަ މިނިޓްގައި އިއްބެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނިއު އިން ވަނީ މެޗުގެ ފަހު 30 މިނިޓަށް އިބްރާހިމް އަތީގުގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިފަ އެވެ. އޭގެ ފަހުން ނިއުގެ ކުޅުން ކުރިއަށް ވުރެ ރަނގަޅުވިއިރު، ދަގަނޑޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން މެޗުގެ 73 ވަނަ މިނިޓްގައި ލީޑުފުޅާކުރަން ނިއު އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޓީސީގެ ކީޕަރު އިފްރާހް އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ޓީސީން ވަނީ ފަހު 15 މިނިޓަށް ހަސަން ސޮލާހާއި އަހުމަދު އާރިފް (އާރީ) ކުޅެން އަރުވައިފަ އެވެ. ދެ ބަދަލާ އެކު ޓީސީން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން ފެށި އެވެ. މެޗުގެ 85 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޓީސީގެ މުހައްމަދު ސާމިރު ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
އެކަމަކު ޓީސީ އަށް ލިބުނު ބޯޅަ ތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށްވީ ނިއު އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ނަތީޖާ ފުޅާކުރުމެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ދަގަނޑޭ ނިއުގެ ދެ ވަނަ ގޯލު ޖެހީ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ ވަނީ މިރޭގެ ލަނޑުތަކާ އެކު ސީޒަނުގައި 20 ގޯލު ހަމަކޮށްފަ އެވެ.
މެޗާ ބެހޭގޮތުން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ބަދަލުތަކަކާ އެކު ކުޅެގެން ވެސް ވަރުގަދަ ޓީމެއް އަތުން މޮޅުވެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ކަންޑޭލާ އާއި ގޯޓޯ ތިބީ އަނިޔާގައި. ހަގީގަތުގައި ވަރުބަލިކަމާ އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވޭ ހާލަތުގައި ތިބީ 12 ވަރަކަށް ކުޅުންތެރިން. އެ ގޮތަށް ކުޅެގެން ވެސް އަހަރެމެންނަށް މޮޅެއް ހޯދުމުން ހިތްހަމަ ޖެހޭ. ފުރުސަތު ދިން ކުޅުންތެރިން ވެސް މޮޅަށް ކުޅުނު،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އޭގެ ވަރުބަލިކަން ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހުގައި ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތުދޭނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ނިއު އަތުން ޓީސީ ހަތް ފަހަރު ބަލިވިިއިރު، މި ފަހަރު މާލޭ ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިރޭގެ މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ލަނޑެއް ކާމިޔާބު ނުކުރެވުން ފިޔަވައި އެހެން ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ.
"ޖުމްލަކޮށް ވަރަށް ރަނގަޅު ޓީމުގެ ކުޅުން. މިދެން ޕްރިމިއާ ލީގަށް ދިއުމުގެ ކުރިން އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް އެކްސްޕީރިއަންސް ކޮށްލެވުނު ރަނގަޅު އެއްޗެހިތަކެއް. މޮޅުވާން މެޗަށް ނުކުތީ. ހަމައެކަނި ނުވެދިޔަ ކަމަކީ ގޯލުގެ ދާގަނޑަށް ބޯޅަލުން. އެހެން ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ،" ނިޒާމްބެ ބުންޏެވެ.
އަދި މި މެޗުގައި ޓީސީގެ އެޓޭކްގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ފޯމެއްގައި ހުރި އިޝާން އިބްރާހިމް (ސައްޓު) ބަލިވުމުގެ ސަބަބުން ނުކުޅެވުން ކަމަށް އޭނާ ބުންޏެވެ.
ޓީސީ އަށް ޗެލެންޖެއް، ނިއު ކެތްމަދުވެފައި
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި