16 އެޕްރީލް 2018
ނިއު ރޭޑިއަންޓާ އޮންނަނީ ޒާތީ ވާދަވެރިކަމެއް ނޫން ކަމަށާއި އެ ކްލަބާ ގުޅެން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުގެ ބޭނުން ނުހިފީ ހާލަތުގެ ގޮތުން ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއުއާ ދެކޮޅަށް ނުކުންނަ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ނިއު ރޭޑިއަންޓާ އޮންނަނީ ޒާތީ ވާދަވެރިކަމެއް ނޫން ކަމަށާއި އެ ކްލަބާ ގުޅެން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުގެ ބޭނުން ނުހިފީ ހާލަތުގެ ގޮތުން ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއުއާ ދެކޮޅަށް ނުކުންނަ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ސުޒޭން ވަނީ މީގެ ކުރިން ވިކްޓަރީ އާއި މާޒިޔާ ގޮވައިގެން ނުކުމެ ނިއު އަށް ވަރުގަދަ ޗެލެންޖްތަކެއް ދީފަ އެވެ. ނިއުގެ މައްޗަށް އެންމެ ގިނަ މޮޅު ހޯދި ދިވެހި ކޯޗުންގެ ތެރޭގައި ސުޒޭން ހިމެނެ އެެވެ. އަދި ސުޒޭން ހުންނަ ޓީމަކާ ނިއުއާ ކުޅޭ މެޗުތައް ފޯރިގަދަވާ އެއް ސަބަބަކީ ވެސް އޭނާ އެވެ.
ސުޒޭން ބުނީ ނިއު އިން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފީ އެ ޓީމާ ގުޅުމަށް ވުރެ އެ ޓީމަށް ޗެލެންޖް ކޮށްލުން މާ ރަނގަޅު ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.
"ނިއު ރޭޑިއަންޓާ ޗެލެންޖް ކޮށްލުން އެ މާ ރަނގަޅު ކަންނޭނގެ. ކޮންމެ ގޮތެއް ވިޔަސް ދިވެހި ރާއްޖޭގައި އޭރު އޮތް (ވިކްޓަރީއާ) އެންމެ ވާދަވެރި ކްލަބް. ދެން މިހާރު ތަފާތު ބޮޑުކޮށް އެންމެ ވަރުގަދަ މޮޅު ކްލަބް. އެހެންވީމަ އެ ޗެލެންޖަކީ ކޮންމެ ގޮތެއް ވިޔަސް ނަގަން ޖެހޭ އެއްޗެއް. އަޅުގަނޑަށް ވެސް ވަރަށް ފަސޭހަވާނެ ކަންނޭނގެ ނިއު ރޭޑިއަންޓަށް ގޮސް އެތާ ޖައްސާލައިގެން އިދެ ބައިވަރެއް ކުޅުންތެރިން އެއްކޮށްގެން ތަށި ނަގަން. އެކަމަކު އެ އަށް ވުރެ ބޮޑަށް ޗެލެންޖް ނެގީމަ އަޅުގަނޑަށް އޮންނަ ހިތްހަމަ ޖެހުން މާ ބޮޑު،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ނިއުއާ ދެކޮޅަށް ކުޅޭ މެޗު އޭނާ އަށް ހާއްސަވާ ކަމަށައި އެއީ އޭނާ ކުޑައިރުގައި ކުޅެފައިހުރީ ވިކްޓަރީގައި ކަމަށްވެފައި ވިކްޓަރީ ނިއު ރޭޑިއަންޓް ވާދަވެރިކަމަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން ކަމަށްވާތީ ކަމަށެވެ.
"އެ ވާދަވެރިކަމުގެ ރޫހުގައި އަޅުގަނޑު ބޮޑުވެގެން އައިއިރު ނިއު ރޭޑިއަންޓާ އޮންނާނެ އެ ޗެލެންޖް. އެއީކީ އެއްވެސް ގޮތަކަށް ޒާތީ އެއްޗެއް ނޫން. ބައެއް ބޭފުޅުންނަށް އޮޅެނީ ކަންނޭނގެ މެޗުތަކުގައި އެހެން ބުނާ އެއްޗެހިން އެއީ ޒާތީ އެއްޗެކޭ،" ސުޒޭން ބުންޏެވެ.
"ނިއު ރޭޑިއަންޓް ކުރާ ހުރިހާ ރަނގަޅު ކަންތައްތަކީ އަޅުގަނޑަށް ވެސް ރަނގަޅު ކަންތައް އެ އަށް އިހުތިރާމް ކުރާނަން. އިންޓަނޭޝަނަލް މެޗުތަކުގައި ނިއު އަށް އަޅުގަނޑުގެ ހެޔޮ އެދުންތައް އޮންނާނެ."
އޭނާ ވަނީ ދާދި ފަހުން އޭއެފްސީ ކަޕްގައި ނިއު އިން ރަށުންބޭރުގައި ބެންގަލޫރާ ދެކޮޅަށް ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
"ނިއު ރޭޑިއަންޓް ބެންގަލޫރާ ދެކޮޅަށް އެ ދެއްކި ކުޅުމުން ދިވެހި ފުޓްބޯޅަ އަށް އެ ދިން އުއްމީދުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ ވަރުގެ އަވޭ މެޗެއްގައި އެ ވަރުގެ ޑޮމިނަންސެއް ދިން ހަނދާނެއް ނުވޭ. އޮވެދާނެ އަވޭގައި ލާއޯސް ކަހަލަ މެޗެއްގައި އެހެންވެފައި. އަޅުގަނޑުމެން މި ދައްކަނީ މި ސަރަހައްދުގައި އޭއެފްސީގައި ވާދަކުރާ އެންމެ ވަރުގަދަ ބެންގަލޫރުގެ އެފްސީއާ ވަރަށް މޮޅަށް ކުޅެލިތަން. އެ މެޗު ނިމިގެންދިޔައީ ނަތީޖާ އެހާ ރަނގަޅު ގޮތަކަށް ނޫން. އެހެން ނަމަވެސް ޖުމްލަކޮށް މެޗަށް ބަލާއިރު އެހާ ވަރަށް ބެންގަލޫރު ދަނޑުގައި މި ސަރަހައްދު ޓީމެއް ކުޅެލިތަން ނުދެކެން،" ސުޒޭން ބުންޏެވެ.
ނިއުގައި މިހާރު އޮތީ ރާއްޖޭގައި ނެގޭނެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމުގެ މައްޗަށް ކުރި ހޯދޭނީ ވަރަށް ވިސްނުން ތެރިކަމާ އެކު ކުޅެގެން ކަމަށް ސުޒޭން ބުންޏެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން (ކ) އާއި ސަމްޕަތު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި މެޗަކީ ގްރީން ސްްޓްރީޓްސް އަށް ވަރަށް މުހިއްމު މެޗެއް. އެއީ މިހާރު ގްރީން ސްޓްރީޓްސް އޮތް ހާލަތަށް ބަލާއިރު. އަޅުގަނޑު އުއްމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް. މިހާރު ނިއު ރޭޑިއަންޓް ބަލިކުރާ ވާހަކަ ގްރީން ނޫނީ ރާއްޖޭގެ ޓީމެއް ދެއްކުން އެ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެދާނެ. އެކަމަކު ނިއު ރޭޑިއަންޓާ އެކު މެޗު ދާ ގޮތަކުން ފަހަރެއްގައި ޓެކްނިކަލް އަޅުގަނޑުގެ މައުލޫމާތު ހުރިވަރަކުން އެ ބޭނުންކޮށްގެން އެކަން ކުރެވިދާނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.
ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ މާލޭ ލީގުގެ ގަދަ ހަ ޓީމަށެވެ. ސުޒޭން ބުނީ އެ ހިސާބުގައި ނިންމާލާން ބަލާއިރު ގްރީން ސްޓްރީޓްސް އަށް އަދި ޕްރެޝަރެއް ނެތް ކަމަށެވެ.
"އަދި އަޅުގަނޑުމެން ތެޅިގަނެގެން ދުއްވައިގަންނަ ހިސާބަކަށްނުދޭ ހަމަ. މީގެ ގަދަ ހައެއް ވިސްނާ ހިސާބަށް އަދި ނުދޭ ކަންނޭނގެ މި އުޅެނީ ދެ ޕޮއިންޓް އެއް ޕޮއިންޓް. ހީނުވޭ އެ ކަހަލަ ޕްރެޝަރެއް އޮތް ހެނެއް އަދިއެއް،" އޭނާ ބުންޏެވެ.
މިއަދު ގްރީން ސްޓްރީޓްސް ބަލިކޮށްގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ނިއު އަށް އެބައޮތެވެ. އޭއެފްސީ ކަޕްގައި ބެންގަލޫރު އަތުން ބަލިވުމުން ނިއު އިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި ދެއްކި ކުޅުމަކީ ނިއު އިން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހިތްވަރުކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ވަނީ ބުނެފަ އެވެ.
"މެޗަކުން ބަލިވީމަ އެ ކުރާ އަސަރުކުރާނެ. އެ މެޗަށް ފަހު އަޅުގަނޑު ދުށިން ބައެއް ކުޅުންތެރިންގެ ލޮލުން ކަރުނަ ވެސް. އެހެންވީމަ އެހެރީ ވަރަށް ވަރުގަދަ އަށް މަސައްކަތްކޮށްފައި. އެކަމަކު އެ ކަންތައް އެ ނިމުނީ. އަޅުގަނޑުމެން ކުޅުނީ ބެންގަލޫރު ހިފަހައްޓަން. ބެންގަލޫރު ބަލިކުރަން. ރިޒަލްޓް ދެން ކުޅިވަރުގައި އަންނާނީ އެކި ފަހަރު އެކި ގޮތަށް،" ސަމްޕަތު ބުންޏެވެ.
ނިއުގެ ކޯޗުކަމާ މިދިޔަ އަހަރު ސްޕެއިނުގެ އޮސްކާ ބްރުޒޮން ހަވާލުވުމަށް ފަހު ފުރަތަމަ ނަތީޖާ އަށް ނުވިސްނައި ކުޅުނީ އޭނާ ބޭނުންވާ ސިސްޓަމަށް ޓީމު ހޭނުވުމަށެވެ. އެ ވައްޓަފާޅިއަށް ޓީމު ހޭނުވުމަށް ފަހު ނިއު އިން ވަނީ ސީޒަނުގެ ފަހު ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސަމްޕަތު ބުނީ މިހާރު ބޭނުންވަނީ މޮޅަށް ކުޅެގެން ނަތީޖާ ނެރުމަށް ކަމަށެވެ.
"މިދިޔަ އަހަރު އެހާ ބޮޑަށް ރިޒަލްޓަށް ނުވިސްނައި ކުޅުނީ. އެކަމަކު މި ފަހަރު މިއޮތީ ރީތި ފުޓްބޯޅައެއް ކުޅެގެން ސީދާ ރިޒަލްޓަށް ހިފާފައި. އެ ފެންވަރުގެ ގޭމެއް ކުޅެވިދާނެކަން މިހާރު ޔަގީންކުރެވިއްޖެ،" ސަމްޕަތު ބުންޏެވެ.
ގްރީން ސްޓްރީޓްސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު ސަމާލުވާން ޖެހޭނެ ކަމަށް ސަމްޕަތު ވަނީ ބުނެފަ އެވެ.
"ގްރީން ސްޓްރީޓްސް އަކީ އެންމެ ވަރުގަދަ ތިން ހަތަރު ޓީމު ތެރޭގައި އިންނަ ޓީމެއް. ގްރީން އިން އުނދަގޫތަކެއް ކުރާނެ. އެއީ ގްރީންގައި އެބަތިބި އެ ފެންވަރުގެ ކުޅުންތެރިން. ދެން އަނެއް ހެން ބަލާއިރު ވަކި ކުޅުންތެރިޔަކަށް ޓާގެޓް ކޮށްގެން ކުޅޭކަށް ނުވިސްނަން. އެހެން ކުޅެންޏާ އެބަޖެހޭ އެ ޓީމުގެ ސްޓައިލަށް ބަދަލުވާން. އަޅުގަނޑުމެންގެ ގޭމްގައި އެ ބަލަން ޖެހޭ ކުޅުންތެރިންނަށް ބަލައިގެން ތައްޔާރުވެގެން ނުކުންނާނީ،" އޭނާ ބުންޏެވެ.
ސަމްޕަތު ވަނީ މިދިޔަ ސީޒަނުގައި ސުޒޭން ވިކްޓަރީގައި ހުރިއިރު، އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރެފަ އެވެ. އަދި ސުޒޭނުގެ އިރުޝާދުގެ ދަށުން ސަމްޕަތު ވަނީ މީގެ ކުރިން ކުޅެފަ އެވެ.
"ވެދާނެ އެޑްވާންޓޭޖަކަށް. އަޅުގަނޑަށް ސުޒޭންގެ ވަރަށް ގިނަ ކަންތައްތަކެއް އެނގޭނެ. އަޅުގަނޑު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ތިން އަހަރު ވަރު ސުޒޭންއާ އެކު މަސައްކަތްކުރިން. އެހެންވީމަ ސުޒޭންގެ ޓެކްޓިކްސްތަކާ އެއްޗެހި އެނގޭނެ،" ސަމްޕަތު ބުންޏެވެ.
ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
"ނިއު އާއި މާޒިޔާއާ އެއް ލެވެލެއްގައި ޓީސީ ނުގުނާނެ"
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
ވިކްޓަރީ އަތުން ނިއު މުހިއްމު މޮޅެއް ހޯދައިފި
ފަހު ވަގުތު ޔޫވީ އަތުން ގްރީން އަށް ޕޮއިންޓެއް