Roadha Mihaaru
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި

ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި

29 އެޕްރީލް 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ގްރީން ސްޓްރީޓްސްގެ މައްޗަށް 2-1 އިން ނިއު ރޭޑިއަންޓުން ކުރި ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ގްރީން ސްޓްރީޓްސްގެ މައްޗަށް 2-1 އިން ނިއު ރޭޑިއަންޓުން ކުރި ހޯދައިފި އެވެ.

މި މޮޅާ އެކު ނިއު ލީގުގެ އެއް ވަަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ދެ މެޗުން މަދުން ކުޅެފައިވާއިރު، އެ ޓީމަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާދަމާ މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ މިއަދު އީގަލްސް އަތުން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބެވެ. އެ ޓީމަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތީ ފައިދާ ލަނޑުގެ ގޮތުންނެވެ.

ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނިއުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ގަލާޑޯ އެވެ. ހަތް ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަކުރަމް އަބްދުލް ގަނީ (އަކޫ) ނަގައިދިން ބޯޅަ ގަލާޑޯ ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު ކޮޗީ ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން އެޓޭކިން ގޭމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ލީޑު ނެގުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭން މިޑްފީލްޑަރު ޒްޑަނޯފް ޑިމިޓްރޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލިގެ އަރިމަތީ ދަނޑިއަށެވެ.

ލަނޑު ޖެހުމަށް ފަހު ގަލާޑޯ (ކ) އާއި ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު ގަލާޑޯ (ކ) އާއި ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އިން ލީޑުނެގީ މެޗުގެ 38 ވަނަ މިނިޓްގައި އަހުމަދު އަބްދުﷲ (ލިލީ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލިބުނު ކޯނަރަކުން އަލީ ފާސިރު (ސެންޓޭ) ނަގައިދިން ބޯޅަ ލިލީ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހަން ނިއު އަށް ހުސް ދެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ގަލާޑޯ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ސެންޓޭ އަށް ލިބުނު ފުރުސަތު ބޭކާރުވީ އޭނާ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުންނެވެ.

ދެ ވަނަ ހާފަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ދެ ބަދަލަކާ އެކު އެވެ. އަނިޔާގެ ސަބަބުން އިބްރާހިމް ރިޒުހާންގެ ބަދަލުގައި ޔޫސުފް ޝުއާއު ކުޅެން އެރުވިއިރު، މޫސާ ހަސަން ވަނީ އިބްރާހިމް ހަސީބުގެ ބަދަލުގައި އަރައިފަ އެވެ.

މި ހާފްގައި ފެށިގެން ހަ ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްލަން ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޑިމިޓްރޯ ހުސްކޮށްލާފައި އޭރިއާ ތެރެއިން އައްމަޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ އަތަށް ނަގައިފަ އެވެ.

އޭގެ ނަތީޖާއަކަށްވީ ފަސް މިނިޓް ފަހުން ނިއު އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ދެ ވަނަ ލަނޑެއް ޖެހުމެވެ. މެޗުގެ 56 ވަަނަ މިނިޓްގައި ސެންޓޭ ދިން ބޯޅަ އަކުން މި ލަނޑު ޖެހީ ގަލާޑޯ އެވެ. މިއީ ސީޒަނުގައި ގަލާޑޯ ޖެހި ހަ ވަނަ ލަނޑެވެ.

އޭގެ ފަހުން ތިން ވަނަ ލަނޑެއް ޖަހަން ނިއު އަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. ގަލާޑޯ އަށް ލިބުނު އެއް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަނެއް ބޯޅަ ދިފާއުކުރީ ކީޕަރު ކޮޗީ އެވެ. އަދި އަކޫ އަށް ގޯލު ކުރިމަތިން މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއު އިން ލިބުނު ފުރުސަތުތަށް ގެއްލުވާލުމުން ގްރީން ސްޓްރީޓްސް ވަނީ މެޗުގެ 81 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިމިޓްރޯ އެވެ.

ގްރީން ސްޓްރީޓްސްގެ ހަސީބު (ކ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ހަސީބު (ކ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ކީޕަރު އިމްރާން އަތުން ބޭރުކޮށްލިނަމަވެސް އެ ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ޑިމްޓްރޯ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެއް ފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް އޮއްސާލައިފަ އެވެ.

ލަނޑާ އެކު ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅުވެ ނިއު އަށް ޕްރެޝަރު ބޮޑުވި އެވެ. އެހެން ނަމަވެސް ގްރީން ސްޓްރީޓްސްގެ އެޓޭކްތައް ނިއު އިން ހުއްޓުވައި ވަނީ މުހިއްމު ތިން ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުގައި އަދި މެޗަށް ފަހު ވެސް ގްރީން ސްޓްރީޓްސްގެ އޮފިޝަލުން ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ނިއު އަށް މި މެޗުގައި ލިބުނީ ހައްގު ނޫން މޮޅެއް ކަމަށެވެ.

"މެޗު ހަމަ ބެއްލެވި އެންމެހާ ބޭފުޅުންނަށް އެނގޭނެ ރާއްޖޭގެ އެންމެ ބޮޑު ކްލަބް ކުޅުނު ބޯޅަޔާ އަޅުގަނޑު އަލަށް ނެރުނު ޓީމު ކުޅުނު ބޯޅަ. އަޅުގަނޑު އަތުގައި ތިބި ކުޅުންތެރިންގެ ލިމިޓެޑް ކަމާއި އެ ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑު ވަރަށް ބޮޑަށް ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. ނިއު މޮޅުކަމަކުން ނޫން މޮޅުވީ އެއީ އަޅުގަނޑުމެން އަތުން ދިން ދެ ގޯލު،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އޭނާ އަކީ ރެފްރީ އަށް ފާޑުކިޔާ މީހެއް ނޫން ކަމަށާއި އެހެން ނަމަވެސް މިރޭ ކަންތައްތައް ދިޔަ ގޮތުން އެކަން ކުރަން ޖެހޭ ކަމަށެވެ.

މިރޭގެ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ނުދެކެން މިރޭގެ ރެފްރީ ފުރަތަމަ ޑިވިޝަންގެ މެޗެއްގައި އަރައި ރެފްރީކަން ކުރަނިކޮށެއް. މިއީ ވަރަށް ބޮޑެތި މައްސަލަތައް. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ރެފްރީން މި ފެންނަނީ ފުޓްސަލް މުބާރާތްތަކުން. ގިނަ ލާރިހޯދަން. މިކަމާ ހެދި ޕްރެޝަރަށް ގޮސް ދެ ޓީމު ހަލާކު މިވަނީ. ގްރީން ސްޓްރީޓްސް އިން ވެސް މިއަންނަނީ ނިއު ގޮތަށް މިލިއަނުން ހަރަދުކޮށްފައި. އެހެންވީމަ ކޮންމެހެން ވަކި ޓީމަކަށް ފޭވާވާކަށް ވެސް ނުޖެހޭ،" ސޮބާ ބުންޏެވެ. "އަޅުގަނޑު ބަލިވީމަ ރެފްރީން ބޮލަށް ޖަހަނީކީ ނޫން. ހަގީގަތުގައި މިއީ ކަން ހިނގައިދިޔަ ގޮތް."

ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ގިނަ ގޯލުތަކެއް ޖަހަން ލިބި ބޭނުން ނުކުރެވުނަސް ޓާގެޓަކީ މޮޅެއް ކަމަށް ވެފައި އެކަން ހާސިލްކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފްގައި ވެސް ތިން ގޯލު ޖެހެންދިޔަ. ދެ ވަނަ ހާފްގައި އިތުރު ގޯލުތަކެއް ވެސް ޖެހެންދިޔަ. އެކަމަކު އަހަރެމެންނަށް ކާމިޔާބެއްނުވި. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން ވެސް މެޗުން މޮޅުވުމުން އެކަމާ ހިތްހަމަ ޖެހޭ އަހަރެން. އެއީ ވަރަށް މޮޅަށް ކުޅޭ ޓީމެއް (ގްރީން ސްޓްރީޓްސް) އަތުން މުހިއްމު މޮޅެއް މި ލިބުނީ،" ޓަވަރޭސް ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ވިކްޓަރީ ބައްދަލުކުރާނީ ވެލެންސިއާއާ އެވެ.