20 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ޖަވާބެއްގެ ގޮތުގައި ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ދިން ހަމައެކަނި ޖަވާބަކީ އެޓީމަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި މި މެޗުގައި ވެސް ބޭނުންވަނީ އެކަން ދަމަހައްޓަން ކަަމަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ޖަވާބެއްގެ ގޮތުގައި ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ދިން ހަމައެކަނި ޖަވާބަކީ އެޓީމަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި މި މެޗުގައި ވެސް ބޭނުންވަނީ އެކަން ދަމަހައްޓަން ކަަމަށެވެ.
"ތި ހުރިހާ ބޭފުޅުންނަށް ވެސް އެގިލައްވާނެ ފަދައިން ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު. އެ ރަސްކަން ދެމެހެއްޓުމަށްޓަކައި ﷲގެ ހެޔޮ ރަހުމަތާ އެކު ނިއު ރޭޑިއަންޓް އޮތީ ފުރިހަމަ އަށް ތައްޔާރަށް. ދެޓްސް އިޓް،" މެޗާ ގުޅޭގޮތުން ކުރި ފުރަތަމަ ސުވާލަށް ސަމްޕަތު ބުންޏެވެ.
ދެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސަމްޕަތު ބުނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
"ދެންމެ އަޅުގަނޑު މި ބުނި އެތީގެ އިތުރަށް ބުނާނެ އިތުރު އެއްޗެއް ނެތް. ނިއު ރޭޑިއަންޓް އޮތީ ރަސްކަން ދެމެހެއްޓުމަށް ޓަކައި ތައްޔާރަށް. އިތުރު ވާހަކައެއް ނެތް އަޅުގަނޑު ދައްކާކަށް،" ސަމްޕަތު ބުންޏެވެ.
ލީގުގެ އެއް ވަނައިގައި ނިއު އޮތީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ގްރީން ސްޓްރީޓްސް ބަލިވުމުން އެ ޓީމަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މާޅޮސް މެޗުން ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި މިއީ އޭނާ އާއި އެ ޓީމުގެ ކުޅުންތެރިންނަށް ހަޖަމްކޮށްލަން އުނދަގޫ ނަތީޖާއެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަމްޕަތު ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ވަރަށް ލަދުގަންނަ ނަތީޖާއެއް. ހަގީގަތަށްވާނަމަ ނިމިގެންދިޔަ ވާހަކަ ދެއްކޭކަށެއް ނެތް. ކޮންމެ ގޮތެއް ވިޔަސް އަމިއްލަ ބާރު އެބައޮތް އަދިވެސް. މި ބުރުގައި އެންމެ މެޗެއް މި ކުޅުނީ. ދެން ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން މިއީ ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ވަގުތެއް. ވަރަށް އުނދަގުލުން ނޫނީ ޕޮއިންޓެއް ނުހޯދޭނެ. ގަދަ ހަތަރެއްގެ ވާހަކަ ދައްކަން ވަރަށް އަވަސް. މި ވަގުތު ޓާގެޓަކީ ނިއުއާ ދެކޮޅަށް ކުރިއަށް އޮތް 90 މިނިޓް،" ސޮބާ ބުންޏެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގްރީން ސްޓްރީޓްސް އިން ވަނީ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި މާލޭ ލީގުގައި ދެއްކި ކުޅުމާ އެއްވަރުގެ ކުޅުމެއް އަދި ނުދެއްކެ އެވެ.
"އަބަދުވެސް ބުނަމުން މި އަންނަނީ ގްރީން ސްޓްރީޓްސްގައި ނެތޭ ގައުމީ ޓީމުގެ އެންމެ ޓޮޕް ކުޅުންތެރިންނެއް. ދެތިން ހަތަރު ކުޅުންތެރިން މި ތިބީ ދެން ފަހުން ޝާފީ (ޝާފިއު) މިއައީ. ދެން މުބާރާތެއްގައި ކިތަންމެ ބޮޑު ޓީމެއް ވެސް އެކަހަލަ ހާލަތަކަށް ހިނގައިދާނެ. އަޅުގަނޑުމެން ނުބުނަން ގްރީން ސްޓްރީޓްސް އަކީ މާޒިޔާ ކަހަލަ ނޫނީ ނިއު ކަހަލަ ވަރުގަދަ ޓީމެކޭ. ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ކަންތައްތަކެއް ކުރެވިފައި ހުރީމަ ގިނަ ބަޔަކު އުއްމީދުކުރޭ ގްރީން ސްޓްރީޓްސް އެ އަށް ވުރެ ރަނގަޅު ނަތީޖާ ނެރޭނެ ކަމަށް. ޓޮޕް ލެވެލްގެ ކުޅުންތެރިން މަދުވީމަ އެއް ފެންވަރެއްގައި ހިފަހައްޓަން އުނދަގޫވެގެން މި އުޅެނީ،" ސޮބާ ބުންޏެވެ.
ނިއުގެ ފޯވާޑް ލައިނުގައި ތިބީ މި ވަގުތަށް ބަލާއިރު އެންމެ ލަނޑުގެ ރެކޯޑް ރަނގަޅު ފޯވާޑުންނެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ލަނޑު ޖަހައިފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ސޮބާ ވެސް ވަނީ މި ކުޅުންތެރިންގެ ކުޅުން ފާހަގަ ކޮށްފަ އެވެ.
"ހުރިހާ ގޮތަކުން ބެލިޔަސް ނިއު ރޭޑިއަންޓްގެ ސްޓްރައިކް ލައިން ދަގަނޑޭ، ސެންޓޭ، ގަލާޑޯ ދެން އޭގެ އިތުރުން މެދުތެރޭގައި އެ ކުޅޭ ކަންޑޭލާ އެ ކުޅުންތެރިންނަކީ މި ވަގުތު ތިބި އެންމެ ފެންވަރުގައި ކުޅޭ ރަނގަޅު ކުޅުންތެރިން. ދެން ޓެކްޓިކަލީ ވަރަށް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެން ޖެހޭ މެޗެއް މިއީ. އެ ހިފަހައްޓައިގެން ކުޅެފިއްޔާ އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" ސޮބާ ބުންޏެވެ.
ނިއު އަށް ފުރިހަމަ އަށް އިހުތިރާމްކުރާކަމަށާއި ފުޓްބޯޅައިގައި އަދިވެސް ނިއު އަކީ އެންމެ ބޮޑު ކްލަބްގެ ގޮތުގައި ސޮބާ ސިފަކުރެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޮބާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ވެސް ވަރަށް ގިނަ ކާމިޔާބު ހޯދާފައި އޮތް ކްލަބެއް ނިއު އަކީ. ދެން އަޅުގަނޑު ވަރަށް ލޯބިވާ، މި ވަގުތަށް ވެސް އަޅުގަނޑު މި ފަހަރު ލީގު ހޯދާނެ ކަމަށް ވެސް ބުނާ އެއް ޓީމު. އެކަމަކު އަޅުގަނޑު އިދިކޮޅަށް ކުޅޭއިރު ވިސްނާނެ އެ ޓީމު ބަލިކުރެވޭނެ ހުރިހާ ގޮތަކަށް. މި ތިބީ އެއްކޮށް ކުޅުނު ކުޅުންތެރިން،" ސޮބާ ބުންޏެވެ.
ނިއު އިން މި މެޗަށް ނުކުންނައިރު ރަސްގެފާނުގެ ގޮތުގައި މަގާމު ދަމަހައްޓަން ނުކުންނަ ކަމަށް ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ސޮބާ ބުނީ އެކަން ކަނޑައަޅާނީ ސީޒަން ނިމުމުން ކަމަށެވެ.
"ބޯޅައިގައި ކުރީގައި ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަ ދައްކާ ކަމަށްވާނަމަ ތިބޭނީ ހުސް ކިންގުން (ރަސްގެފާނުން). އަޅުގަނޑަށް ހީވަނީ ދެން އަހަރު ނިމޭއިރު ކަންނޭނގެ ހޯދާފައިވާ ކާމިޔާބުތަކަށް ބަލާފައި ދެން ނިންމާނީ ކޮންބައެއްތޯ ރަސްގެފާނަކީ ނުވަތަ ކުއީން އަކީ،" ސޮބާ ބުންޏެވެ.
އަނިޔާގެ ސަބަބުން ގްރީން ސްޓްރީޓްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް މި ސީޒަނުގެ ބާކީބައިގައި ނުކުޅެވުމުގެ ބިރުހީވެފައިވާއިރު، ވަޒީފާގެ ކަންތައްތައް ހުރި ގޮތުން އެ ޓީމުގެ މިޑްފީލްޑަރު އަލީ އިފާޒު ވެސް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެ އެވެ.
ގްރީން ސްޓްރީޓްސް އާއި ނިއު މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނިއު މޮޅުވީ 2-1 އިންނެވެ. ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސް ވަނީ 3-0 އިން ނިއު ބަލިކޮށްފަ އެވެ. މި ދެ މެޗު ނިއު ކުޅުނީ ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭޒްގެ އިރުޝާދުގެ ދަށުންނެވެ. ނިއުގެ މިހާރުގެ ކޯޗު ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ހަވާލުވި ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ނިއު މޮޅުވީ 1-0 އިންނެވެ.
ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ގްރީން ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
ކުރިއަށް ދިއުމަށް މާޅޮސް ބަލިކުރުން މުހިއްމު: ސޮބާ
ޓީމުތައް ކުރިއަރައިފި، ފަސޭހަކުރެވެން ނެތް: ސޮބާ
ގްރީން އަތުން ނިއު އަށް މުހިއްމު މޮޅެއް
ނިއު ވަރުގަދަ އެކަމަކު ބޭނުންހާ ގޮތެއް ނުހެދޭނެ: ސޮބާ
ތިނަދޫގެ ނަން އޮތަސް އެއީ އީގަލްސް ޓީމު: ސޮބާ
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
"ނިއު ތަފާތު ދައްކައިފި، ކާމިޔާބު އޮތީ ކުރިއަށް"
ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާ ވަކިކޮށްފި