27 ނޮވެމްބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓުގެ ފަރާތުން ބޭނުންވި ތަފާތު ފެނިއްޖެ ކަމަށާއި އެ ޓީމަށް އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓުގެ ފަރާތުން ބޭނުންވި ތަފާތު ފެނިއްޖެ ކަމަށާއި އެ ޓީމަށް އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ނިއު އަށް ލީގު ލިބުނީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓީސީ އޮތީ 32 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރަކަށް ދިޔައީ 18 ޕޮއިންޓް ހޯދި ގދ. ތިނަދޫ އެވެ.
ލީގުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 2-0 އިން ރޭ މޮޅުވިއިރު، މިއީ ޖެހިޖެހިގެން ނިއު މޮޅުވި 12 ވަނަ މެޗެވެ. ހަ ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ނިއު ވެފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ. އޮސްކާ ބުނީ އަމާޒަކީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދިއުން ކަމަށެވެ.
"ބައިވަރު ވާހަކަ ދެއްކިޔަސް ނިއު އިން މިހާތަނަށް މި ދެއްކި ތަފާތު އަގު ނުކުރެވޭނެ. އަހަރެމެން މި އޮތީ ރަނގަޅު ހިސާބެއްގައި މޮޅުވުމުގެ ސިލްސިލާއެއްގައި. އަހަރެންގެ ވިސްނުމަކީ ވަކި މުބާރާތެއް ނޫން. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި ވެސް މޮޅުވާން. ހުރިހާ ފޯކަސް އެއް ހުރީ އަންނަ މަހު 15 އާ ހަމައަށް ބަލިނުވެ ކުރިއަށްދާން. އޭރަށް އަހަރެމެންނަށް ދެން އޮތް ދެ މުބާރާތް ވެސް ކާމިޔާބު ކުރެވޭނެ،" އޮސްކާ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ އެންމެ ރަނގަޅު ކުޅުން ނުފެނެވެ. އެހެން ނަމަވެސް ދެ ވަނަ ހާފު ފެށިގެން އެ ޓީމުން ދިޔައީ މެޗު ޑޮމިނޭޓް ކުރަމުންނެވެ. އޮސްކާ ބުނީ މެޗު ކާމިޔާބު ކުރެވުނީ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
"މި މެޗަކީ ތަށްޓައް ކުރި ވާދައެއް ނޫން. ޕޮއިންޓެއް ހޯދަން ކުރި މަސައްކަތްތަކެއް ވެސް ނޫން. މި މެޗުގައި އަހަރެމެން ކުޅުނީ އަމިއްލަ ފަހުރަށްޓަކައި. އެކަމަކު މި ވަރުގެ މަސައްކަތެއް ކޮށްގެން މޮޅުވެވުނީމަ އެނގިއްޖެ އެކަށީގެންވާ މަސައްކަތެއް ކުރެވިއްޖެކަން. ފުރަތަމަ ހާފު ދަށްކޮށް ދިޔައީ އެހެން ނަމަވެސް ދެ ވަނަ ހާފުގައި މެޗުގެ ކޮންޓްރޯލް ނަގައިގެން ހުރިހާ ކަމެއް ރަނގަޅު ކުރެވިއްޖެ. ވަރަށް އުފާވެއްޖެ،" ކުރިން އިންޑިއާގެ މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.
ދަގަނޑޭ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޭގެ މެޗަކީ ފާއިތުވި ދެ އަހަރު ތެރޭ މާޒިޔާ އަތުން ނިއު އަށް ހޯދުނު ފުރަތަމަ މޮޅެވެ. ނިއުއާ އޮސްކާ ހަވާލުވި ފަހުން މާޒިޔާއާ ދެކޮޅަށް ރޭގެ މެޗުގެ ކުރިން ކުޅުނު ދެ މެޗުން ވެސް ނިއު އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. ނިއު އިން މި ފަހަރު ލީގު ކާމިޔާބުކުރިއިރު ވެސް އެ ޓީމު ބަލިވީ ފުރަތަމަ ބުރުގައި މާޒިޔާ އަތުން އެކަންޏެވެ.
"މާޒިޔާ އަކީ އެންމެ ފަހުގެ ޗެމްޕިއަން. މި މެޗުގައި ވެސް އެމީހުން ބަލިވެފައި އޮތް ވަގުތު ވެސް ދެއްކި ހިތްވަރު ފެނިއްޖެ. މާޒިޔާއާ އެކު އަަބަދުވެސް އަހަރެމެންނަށް އުނދަގޫތަކެއް ކުރިމަތިވޭ،" މާޒިޔާއާ ބެހޭގޮތުން އޮސްކާ ބުންޏެވެ.
އޭނާ ބުނީ ނިއު އިން ލީގު ހޯދީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އެހެން ޓީމުތަކުގެ މައްޗަށް ކުރިހޯދައިގެން ކަމަށެވެ.
"ވާދަވެރިންނާ މެދު އަހަރެން ނުވިސްނަން. ލީގުގެ ފަރަގުން ހުރިހާ ކަމެއްް އެބަފެނޭ. އަހަރެންގެ ކޮންޓްރޯލު ދަށުގައި ނެތް ކަމެއްްގެ ވާހަކަ އަހަރެން ނުދައްކާނަން. ލީގުގައި އަހަރެމެންނާ ދެކޮޅަށް ކުޅުނު ހުރިހާ ޓީމެއް ވެސް ބަލިކޮށްގެން ލީގު މި ހޯދީ. މިއީ އަހަރެން ފާހަގަކުރާނެ ކަމަކީ. އަހަރެމެންނަކީ އެންމެ ގިނަ ގޯލު ޖެހި ޓީމު. އެންމެ މަދުން ގޯލު ވަނީ އަހަރެމެން ކޮޅަށް. އަހަރެމެން ނޫނީ ނެތް ޖެހިޖެހިގެން 12 މެޗުން މޮޅުވި ޓީމެއް،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ލީގު ލިބުމުގެ އުފާފާޅުކުރުން މާ ބޮޑުކޮށް ބޭއްވޭކަށް ނެތް ކަމަށާއި ވަރަށް އަަވަހަށް އަލުން އެހެން މުބާރާތްތަކުގައި ވާދަކުރަން ޖެހިފައި އެބައޮތް ކަމަށެވެ.
ނިއު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ ކުޅޭނީ ކްލަބް އީގަލްސްއާ އެވެ.
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ސަރަހައްދީ ބާރަކަށް ނިއު ހަދަން ބޭނުން: އޮސްކާ
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް
"ނިއުއާ އެކު އޭއެފްސީ ކަޕުގައި ވާދަކުރަން ބޭނުން"
ނިއު ފަސް ބެލުމެއް ނެތި ލީގު ޗެމްޕިއަންކަމާ ގާތަށް
ތިނަދޫ ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"