Roadha Mihaaru
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި

މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި

27 ނޮވެމްބަރ 2017

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ 2-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ނިއު ރޭޑިއަންޓުން މިރޭ އުފުލާލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ 2-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ނިއު ރޭޑިއަންޓުން މިރޭ އުފުލާލައިފި އެވެ.

މިއީ 2015 ގެ ފަހުން މާޒިޔާ އަތުން ނިއު އަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ނިއު އާއި މާޒިޔާ މި އަހަރު ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާ ދެ މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މި ފަހަރު ލީގު ނިއު ނިންމައިލީ ޖެހިޖެހިގެން 12 މޮޅު ހަމަކޮށްގެންނެވެ.

ނިއު އަށް ލީގުގެ ލިބުނީ 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓީސީ އޮތީ 32 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް 27 ޕޮއިންޓް ލިބިފައިވާއިރު، ހަތަރަކަށް ދިޔައީ 18 ޕޮއިންޓް ހޯދި ގދ. ތިނަދޫ އެވެ. ފަސް ވަނައިގައި 16 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތްއިރު، ހަ ވަނަ އަށް ދިޔައީ 14 ޕޮއިންޓް ހޯދި ށ. މިލަންދޫ އެވެ. ހަތް ވަނަ އަށް ދިޔަ މާޅޮހަށް ނުވަ ޕޮއިންޓް ލިބުނުއިރު، އެންމެ ފުލުން ނިންމާލި ދ. ކުޑަހުވަދު އަށް ލިބުނީ ތިން ޕޮއިންޓެވެ.

ހަ ވަނަ ފަހަރަށް ލީގު ހޯދުމާ އެކު ތާރީޚުގެ ތެރެއަށް ނިއު ވަންނަނީ އެންމެ ގިނައިން ލީގު ހޯދި ޓީމުގެ ގޮތުގަ އެވެ. ލީގު މިހާތަނަށް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ގާއިމް ކުރަމުން އައީ ނިއު އާއި ވެލެންސިއާ އިންނެވެ. އެ ދެ ޓީމު ވެސް ވަނީ ކުރިން ފަސް ފަހަރު ލީގު ހޯދައިފަ އެވެ. އެގޮތުން މީގެ ކުރިން އެ ޓީމުތައް ލީގު ހޯދީ 2006، 2012، 2013، 2014 އަދި 2015 ވަނަ އަހަރު އެވެ. ދެހާސް ފަނަރަވަނަ އަހަރަށް ލީގު، ޕްރިމިއާ ލީގަށް ރިބްރޭންޑް ކުރި ފަހުން ނިއު ދެ ފަހަރު އައްޑަނަ އުފުލައިލިއިރު، މާޒިޔާ ވަނީ އެ ޝަރަފު އެއް ފަހަރު ހޯދައިފަ އެވެ.

ނިއު އިން މިރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. ކާޑު ހަމަވުމުގެ ސަބަބުން ރިލްވާން ވަހީދު (ރިލޭ) ހުރީ ސަސްޕެންްޝަންގަ އެވެ. ފަހަކަަށް އައިސް ފުރަތަމަ 11 އިން ފުރުސަތު ނުލިބުނު ނަމަވެސް ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ) އަދި ބިދޭސީ ޑިފެންޑަރު ސްޓެފަން މާކޮވިޗް ވަނީ މި ފަހަރު އެ ފުރުސަތު ހޯދައިފަ އެވެ.

ނިއުގެ އެންމެ ގިނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) މިރޭ އިނީ ބެންޗުގަ އެވެ.

ނިއުގެ ކުޅުންތެރިން ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކުޅުންތެރިން ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ވެސް ވަނީ ތިން މެޗަށް ފަހު އަމްދާން އަލީ (އެންޑީ) އަށް ފުރުސަތު ދީފަ އެވެ. މިރޭގެ މެޗުގައި ކެޕްޓަން ބޭންޑް އެޅީ ވެސް އެންޑީ އެވެ. އަދި އަނިޔާގެ ސަބަބުން މުހައްމަދު އުމެއިރު މި މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނިއު އިން ވަނީ މެޗުގެ 16 ވަނަ މިނިޓްގައި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ފައުލް ކުރި ކަމަށް ބުނެ އެ ޓީމުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލް ކުރި އެވެ. ނަމަވެސް ރެފްރީ މުހައްމަދު ޖާވިޒް ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

މާޒިޔާ އިން ވަނީ މިރޭގެ މެޗުގެ 30 ވަނަ މިނިޓްގައި އަނިޔާގެ ސަބަބުން އެންޑީގެ ބަދަލުގައި ގާސިމް ސައްމާމު (ސައްމެ) ކުޅެން އަރުވައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ނިއުގެ އޭރިއާ ތެރެއިން ހަސަން ޝިފާޒް (ޑުންގާ) ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ފާއިތުވި 11 މެޗުގައި ނިއު މޮޅުވިއިރު އެ ޓީމުން ކުޅެމުން އައި ޕާސިން ގޭމް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފެނިފައެއް ނުވެ އެވެ. އެކަމަކު މާޒިޔާ އިން ދިޔައީ ނިއުގެ ގޭމް ރޫޅާލައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަބްދުﷲ މިދުހަތު (ބިޗަޑް) ފޮނުވާލި ބޯޅަ ގޯލާ ސީދާވާ ގޮތެ އްނުވި އެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާގެ އޭރިއާ ތެރެއިން ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ފައުލްކުރުމުން އެއީ ޕެނަލްޓީއެއް ކަމަށް ބުނެ ނިއުގެ ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

ދަގަނޑޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އަށް ލީޑުނަގައިދިނީ މެޗުގެ 53 ވަނަ މިނިޓްގައި ގަލާޑޯ އެވެ. އަރިމަތިން ހޮކޭ ނަގައިދިން ހުރަހަކުން ދަނޑީގައި ބޯޅަ ޖެހިފައި ނުކުތުމުން ލިބުނީ ގޯލު ކުރިމަތީގައި ހުސްކޮށްހުރި ގަލާޑޯ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ލީޑް ފުޅާކުރަން ހޮކޭ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ނިއު އިން ވަނީ މެޗުގެ ފަހު 25 މިނިޓަށް ގަލާޑޯގެ ބަދަލުގައި ސެންޓޭ ކުޅެން އަރުވައިފަ އެވެ. މިއީ ގަލާޑޯ ނިއު އަށް ކުޅެދޭ ފަހު މެޗު ކަމަށް ވުމުން އޭނާ ބަދަލުކުރި ވަގުތު ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ގަލާޑޯ މި ސީޒަނުގައި އެ ޓީމަށް ކޮށްދިން ހިދުމަތައް ޝުކުރު އަދާކުރުމުގެ ގޮތުން އަތްޖަހައިފަ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން ނިއުގެ އޭރިއާ ތެރެއިން މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއުގެ ދެ ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖެހީ ދަގަނޑޭ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ހާފުގެ މެދުތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އޭނާ ވަނީ ކީޕަރު މަހުމޫދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ހަނިކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ދަގަނޑޭ އެވެ.

މެޗުގެ ފަހު ވަގުތު ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. އަދި ރެފްރީ ޖާވިޒް ވަނީ ގިނަ ކުޅުންތެރިންތަކަކަށް ރީނދޫ ކާޑު ދައްކައިފަ އެވެ.