11 އޯގަސްޓް 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ ދެކޮޅަށް ނުކުންނައިރު އެއީ ހަމައެކަނި ނަން ކަމަށާއި ދެކެނީ އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އީގަލްސް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ ދެކޮޅަށް ނުކުންނައިރު އެއީ ހަމައެކަނި ނަން ކަމަށާއި ދެކެނީ އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އީގަލްސް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު އީގަލްސް އަށް ގެއްލުމުން ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އީގަލްސްގެ ގިނަ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގެ އެހެން ކްލަބްތަކަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ ތިނަދޫ ޓީމާ ގުޅިފަ އެވެ.
މިރޭގެ މެޗުގެ ކުރިން ސޮބާ ބުނީ އެ ޓީމުން މި ސީޒަނަށް ނުކުތީ ހުރިހާ ތަށްޓަކަށް ޓާގެޓް ކޮށްގެން ނޫން ނަމަވެސް ބުރަ މަސައްކަތާ އެކު ކާމިޔާބަށް ހަމައަށް ވާސިލްވުމަށް އަޒުމު ކަނޑައަޅައިގެން ކަމަށެވެ.
"ކުރި ހަރަދާ ތިބި ޕްލޭޔަރުންނަށް ބަލާފައި އަޅުގަނޑުމެންނަށް ނެތް ހަތަރު ތަށި ހޯދާނަމޭ ބުނެވެން ނެތް. މެޗަކަށް ފަހު މެޗެއް ވިސްނައިގެން ޕްރިމިއާ ލީގަށް މި ނުކުންނަނީ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމަކީ ތިނަދޫކަން އެނގެނީ ހަމައެކަނި ނަމުން ކަމަށާއި އޮތީ އީގަލްސް ޓީމު ކަމަށެވެ.
"ހަމައެކަނި ތިނަދޫގެ ނަން އެ އޮތީ. އަޅުގަނޑު ދެކެނީ އެއީ އީގަލްސް ކަމަށް. މެޖޯރިޓީ ކުޅުންތެރިންނާއި ކީޕަރު ޓްރެއިނަރު އަސްލަމާ. ދެން އަޅުގަނޑު ފާހަގަކޮށްލަން (ރިޒޭ) ދެން ހެލްމެޓް (ނޫމާން) ވެސް އެބަހުރި. ފަސޭހަކޮށްލަން ނެތް އެންމެ ގޮތަކަށް ވެސް،" ސޮބާ ބުންޏެވެ.
ޕްރިމިއާ ލީގު ފެށުމުގެ ކުރިން އޮތް ޓްރާންސްފާ މާކެޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. ސޮބާ ބުނީ އެ ކުޅުންތެރިންގެ ފިޓްނަސްއާ އެހެން ހުރިހާ ކަމެއް ރަނގަޅު ކުރަން ވަގުތު ނަގާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު ކުޅުންތެރިންނަކީ ޓްރާންސްފާ އައި ގޮތުން ޓީމުތަކުން ބާކީވި ކުޅުންތެރިން. މި ކުޅުންތެރިންގެ ފިޓްނަސް އެންމެ ރަނގަޅު ލެވެލަކަށް ގެންނަން ދެ މެޗެއް ތިން މެޗު ވަރު ނަގާނެ. މިހާރަށް ބަލާއިރު ޝާފީ އެހެރީ ކުރީގެ ލެވެލަކު ނޫން. ދެން އޭނަ ވެސް ކުރީގެ ޝާފީގެ ލެވެލަށް ގެންނަން މަސައްކަތްތަކެއް ކުރަން ޖެހޭ،" ސޮބާ ބުންޏެވެ.
މާޅޮހާއި ތިނަދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު އެ ޓީމަށް ޕޮއިންޓް ލިބުނީ ދެ ވަނައިގައި ނިންމި ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި ނިންމި ނިއު ރޭޑިއަންޓާ އެއްވަރަށެވެ. ތިން ޓީމުގެ ތަފާތަކަށްވީ ލިބިފައިވާ ފައިދާ ލަނޑެވެ. ސޮބާ ބުނީ އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުން ކަމަށެވެ.
"މާލޭ ލީގުގައި ވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުން. ވެލެންސިއާ ދެ މެޗާއި ޔޫވީ މެޗު ވެސް ދިޔައީ އެކަށީގެންވާ ވަރަށް ލިބި ގޯލު ނުޖެހި. ގޯލު ރަނގަޅުވި ނަމަ އެންމެ ފަހު ވަގުތު މާލެ ލީގު ޗެމްޕިއަންކަން އޮންނާނީ ވެސް ގްރީން އަތުގަ ކަންނޭނގެ. ކުރިއަށް އޮތްތާ އެކަން އަޅުގަނޑުމެން ރަނގަޅުކުރާނަން،" ސޮބާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު ފުރަތަމަ މެޗުން ށ. މިލަންދޫ އަތުން މޮޅުވީ 2-1 އިންނެވެ. ސޮބާ ބުނީ ކޮންމެ މެޗެއްގައި ގިނަ ލަނޑުތަކެއް ޖެހޭނެ ފަދަ ވަރުގަދަ ސްކޮޑެއް ނެތް ނަަމަވެސް ގްރީން ސްޓްރީޓްސްގެ ހިތްވަރަކީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތާއި އެލާ ހިތްވަރު ކަމަށާއި އެއާ އެކު ލީގުގެ ކޮންމެ ޓީމެއް ވެސް ގްރީން ސްޓްރީޓްސް އަށް ބަލިކުރެވޭނެ ކަމަށެވެ.
އޭނާ ބުނީ ޕްރިމިއާ ލީގަށް ނުކުންނައިރު ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މީހުން އޭނާ އާއި ގްރީން ސްޓްރީޓްސްއާ މެދު ދެކޭގޮތް ތަފާތު ކުރެވުން ކަމަށާއި މީހުން ގްރީން ސްޓްރީޓްސް އަކީ ބޮޑު ޓީމެއްގެ ގޮތުގައި ސިފަކުރާތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ވެސް އޮންނަ ކަމަށެވެ.
"ގްރީން ސްޓްރީޓްސްގެ ސައިޒު އަޅުގަނޑަށް އެނގޭ. އަޅުގަނޑު ބޭނުންވި ކަންތައް ހާސިލްކުރެވިއްޖެ. އެއީ ގްރީން ސްޓްރީޓްސްއާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރެވިއްޖެ. މިހާރު މީހުން ގްރީން ސްޓްރީޓްސް ރޭންކް ކުރަނީ ހަތް ވަނައިގައެއް ނޫން. މީހުން ގަބޫލުކުރޭ ގްރީން ސްްޓްރީޓްސް ދެ ވަނަ ހޯދާނެކަން. ނޫނީ ފަސް ލަނޑު ޖަހާނެކަން. މިއީ ހަގީގަތުގައި ކޮންމެވެސް ކަމެއް ކުރެވިގެން ދައްކާ ވާހަކަ ކަންނޭނގެ،" ސޮބާ ބުންޏެވެ.
ތިނަދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ އއ. މާޅޮސް އަތުން 1-0 އިން މޮޅުވެފަ އެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް ކުޅުންތެރިންގެ ރޫހާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ކުޅުންތެރިންގެ ކޮންފިޑެންސް ވަރަށް ރަނގަޅު. ކުޅުންތެރިންގެ ރޫހާ މެދު ވަރަށް ހިތްހަމަ ޖެހޭ. ކުޅުންތެރިން އަަހަރެން ބުނެދޭ އެއްޗެހި ކަނުލާ ވަރަށް ރަނގަޅަށް އަޑުއަހާ. އެ ކުޅުންތެރިން އަހަރެމެންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރޭ. އަހަރެން ވަރަށް ރަނގަޅަށް މި ގައުމަށް ހޭނިއްޖެ،" މާޓީނޭޒް ބުންޏެވެ.
އޭނާ ބުނީ ވާދަވެރި ސްކޮޑެއް އޮތުމަކީ ލިބުނު އަނެއް ހިތްހަމަ ޖެހުން ކަމަށާއި އޭނާ އެދޭ ގޮތަށް ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.
"ފުރަތަމަ އެގާރައިގައި ހިމެނުމަށް ކޮންމެ ކުޅުންތެރިއަކު ވެސް ކޮންމެ ޕްރެކްޓިހެއްގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. މިއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެހެން ގައުމުތަކުގައި އަހަންނާ އެއްކޮށް މަސައްކަތްކުރި ކުޅުންތެރިންނާއި މި ޓީމުގެ ކުޅުންތެރިން ވަރަށް ތަފާތު. އަހަރެން ބޭނުމީ އެ ހިތްވަރުދީގެން މި ކުޅުންތެރިންނާ އެކު ކުރިއަށްދާން. ވަރަށް އިތުބާރު އެބައޮތް ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ،" މާޓީނޭޒް ބުންޏެވެ.
މާޓީނޭޒް ބުނީ ގްރީން ސްޓްރީޓްސް އެނގޭ ކަމަށާއި މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.
"ގްރީން ސްޓްރީޓްސްއާ ބެހޭ ރަނގަޅު މައުލޫމާތު އަހަންނަށް ލިބިފައި ހުރީ. އެމީހުންގެ ޓްރެއިނިންތައް ކޮންމެ ދުވަހަކު އަހަރެން ބަލަން. ވަރަށް ވަރަށް މޮޅު ކުޅުންތެރިން އެ ޓީމުގައި އެބަތިބި. ވަރަށް ފުރިހަމަ އެމީހުން މެޗަށް ތައްޔާރުވާ ގޮތް ވެސް. އެ އަދަދަށް މޮޅު ކުޅުންތެރިން މި ޓީމުގައި ނެތަސް މެޗު ކާމިޔާބު ކުރެވޭވަރަށް އަހަރެމެންގެ ހިތްވަރު އެބަހުރި،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާ އެހެން ޓީމުތަކުގައި ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ތިބި ނަަމަވެސް ތިނަދޫގައި ތިބީ އޭނާގެ ނަޒަރުގައި އެންމެ ރަނގަޅު ކުޅުންތެރިން ކަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.
"އެހެން ޓީމުތަކުގައި އަގުބޮޑު ކުޅުންތެރިން ތިބި ނަމަވެސް އަހަންނަށް އެއީ މައްސަލައެއް ނޫން. އެއީ އަހަރެމެން ޓީމުގައި މި ތިބީ އެންމެ ރަނގަޅު ކުޅުންތެރިން. އެއީ އަހަރެން ބޭނުންވާ ގޮތަށް މި ކުޅުންތެރިން ކުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގަށް ކުރިމަތިލިއިރު އެންމެ ބޮޑު އުނދަގޫ ކަމަކަށް ދިމާވީ ތައްޔާރުވާން ލިބުނު ވަގުތު މަދުވުން ކަމަށާއި ދެ ހަފްތާ ތެރޭގައި އޭނާ ބޭނުންވާ ގޮތަށް ކުޅުންތެރިން ހޭނުވުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ބުންޏެވެ.
ގްރީން ސްޓްރީޓްސް އާއި ތިނަދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
ނިއު "ރަސްކަން" ދަމަހައްޓަން ގްރީންއާ ދެކޮޅަށް
ކުރިއަށް ދިއުމަށް މާޅޮސް ބަލިކުރުން މުހިއްމު: ސޮބާ
ތިނަދޫ އަތުން ގްރީން ސްޓްރީޓްސް އަށް ހަނި މޮޅެއް
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން
ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް
ގަދަ ހަތަރަކަށް ވަންނަން ތިނަދޫ އަށް ބޮޑު ފުރުސަތެއް
ތިނަދޫ ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"