11 އޯގަސްޓް 2017
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޝާފިއު އަހުމަދު (ޝާފީ) ޖެހި ލަނޑުން 2-1 އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫ އަތުން ގްރީން ސްޓްރީޓްސް ހަނިމޮޅެއް ހޯދައިފި އެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޝާފިއު އަހުމަދު (ޝާފީ) ޖެހި ލަނޑުން 2-1 އިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫ އަތުން ގްރީން ސްޓްރީޓްސް ހަނިމޮޅެއް ހޯދައިފި އެވެ.
މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއް ވަަނަ ލިބޭނެ އެވެ. އެއްވަރުވެއްޖެނަމަ އެއް ވަނައިގައި އޮންނާނީ ގްރީން ސްޓްރީޓްސް އެވެ.
ގްރީން ސްޓްރީޓްސް މި މެޗަށް ނުކުތީ ކުރިން މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު ވިލިއަމް މެކޯގެ ބަދަލުގައި މުހައްމަދު ޝައްފާޒު (ސައްޕޭ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ތިނަދޫ އިންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ތިނަދޫގެ އަންސަރު އިބްރާހިމް (އަންކޮ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ފުރަތަމަ ހާފް ފެށިގެން ގްރީން ސްޓްރީޓްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ.
ކައުންޓަ އެޓޭކުގައި ތިނަދޫ އަށް ލިބޭ ފުރުސަތުތަކުގައި އެ ޓީމުގެ ކުރިއަށް ކުޅޭ ކޮލަމްބިއާގެ ހޯސޭ އަވިލާ އާއި އަންކޮގެ އިތުރުން އަހުމަދު ރިޒުވާން (ރިޒޭ) ދިޔައީ ގްރީން ސްޓްރީޓްސް އަށް ނުރައްކާ ކުރަމުންނެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުނީ ފަހު ބޯޅަ ގޯސްވުމުންނެވެ.
މެޗުގެ 35 ވަނަ މިނިޓްގައި އަވިލާ އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭރިއާ ބޭރުން ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) މަތިން ހުސްކޮށްލާފައި އިލިއާ އަށް ދިން ބޯޅަ އޭނާ ވަނީ ތިނަދޫގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން 21 ސިކުންތު ތެރޭ ތިނަދޫ އަށް އެއްވަރުކޮށްދިނީ އަވިލާ އެވެ. އޭރިއާ ބޭރުން ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އަވިލާ ވަނީ އެ ޓީމުގެ ކީޕަރު ޖަޕާންގެ ޖުން ކޮޗީ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ތިނަދޫގެ އަންކޮ (މ) އާއި ޒުއްބަ ކައިރިން އިލިއާ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގްރީން ވަނީ ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ މުހުތާރް ނަސީރު (ޓޫކިލޯ)ގެ ބަދަލުގައި އާދަމް އިޝާމް ކުޅެން އަރުވައިފަ އެވެ.
މެޗުގެ 62 ވަނަ މިނިޓްގައި ތިނަދޫ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން ތިނަދޫގެ ފަހަތަށް ކުޅޭ އިވާން ސައިސޭޑޯ އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ފަހަރަށް މެޗުގެ ލީޑުނަގައިދިނީ މެޗުގެ 86 ވަނަ މިނިޓްގައި ޝާފީ އެވެ. ގްރީން ސްޓްރީޓްސް އަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް އައި ބޯޅަ ތިނަދޫގެ ކީޕަރު ރުސްލާން ބޭރުކޮށްލައިން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފައި އޭރިއާ ތެރެއިން ލިބުނީ ޝާފީ އަށެވެ. ޝާފީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލު ރޮނގުމަތީގައި ހުރި ތިނަދޫ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.
މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ތިނަދޫގެ އޮތީ ހަމައެކަނި ނަން ކަމަށާއި އޭނާ އަށް ފެންނަނީ އިދިކޮޅުގައި އޮތީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބް އީގަލްސް ކަމަށެވެ.
އީގަލްސް އަށް ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނީ މާލޭ ލީގުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް އީގަލްސް އަށް ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. ތިނަދޫ ޓީމު ޕްރިމިއާ ލީގަށް ވަރުގަދަ ކުރިއިރު އީގަލްސްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ގެނެސްފަ އެވެ.
މިރޭގެ މެޗަށް ފަހު ސޮބާ ބުނީ ތިނަދޫގައި ތިބި އީގަލްސްގެ ކުޅުންތެރިން މި މެޗަށް ނުކުތީ ބަދަލު ހިފުމުގެ ރޫހުގައި ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"މެޗުގެ ކުރިން ވެސް އަޅުގަނޑު ފާހަގަކުރިން ތިނަދޫގެ ނަން އޮތަސް އެއީ އީގަލްސް ޓީމު ކަމަށް. މެޗުން ފެނިގެންދިޔަ އީގަލްސް އިން ދެކުނީ ބަދަލު ހިފުމެއްގެ ގޮތުގައި. އެ ރޫހުގައި އެ ޓީމުން ކުޅުނީ. ވަރަށް ރަނގަޅަށް ކުޅެފި. އަޅުގަނޑުމެންނަށް އެނގޭ މި މެޗަށް ނުކުތްއިރު ވެސް އުނދަގޫވާނެ ކަން އެކަމަށް ތައްޔާރުވެގެން ނުކުތީ ވެސް،" ސޮބާ ބުންޏެވެ.
އޭނާ ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމުގެ ގަސްދުގައި ކަމަށާއި އެކަން ކާމިޔާބު ކުރެވުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ނިއުއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަދި މާދަމާރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ޓީސީ ކުޅޭނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
ތިނަދޫގެ ނަން އޮތަސް އެއީ އީގަލްސް ޓީމު: ސޮބާ
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން
ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް
ގަދަ ހަތަރަކަށް ވަންނަން ތިނަދޫ އަށް ބޮޑު ފުރުސަތެއް
ތިނަދޫ ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް
"ނިއު އާއި މާޒިޔާ އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް"
ކުޑަހުވަދޫއާ ދެކޮޅަށް ގްރީން މުހިއްމު މެޗަކަށް
ހާލަތު ބަދަލުކުރަން މިލަންދޫ-ގްރީން މުހިއްމު މެޗަކަށް