27 މެއި 2017
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް މިރޭ އަރައިފި އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް މިރޭ އަރައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އިން 17 ޕޮއިންޓާ އެކު ތިން ވަނަ އަށް އެރިއިރު، ދެ ވަނައިގައި 18 ޕޮއިންޓާ އެކު ނިއުއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. ކުރިން ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ހަތަރު ވަނަ މަގާމަށް ވެއްޓިފަ އެވެ. ފަސް ވަނައިގައި 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ވިކްޓަރީ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ގޯލްކީޕަރު އިމްރާން މުހައްމަދާއި މިޑްފީލްޑަރު ޖަމީލް ލީފްލޭންގް އަދި ފޯވާޑް އެޑްރިއަން ގަލާޑޯ ނުލާ ނިއު އިން ކުޅުނުއިރު ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. އެ ޓީމުގެ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް މި ހާފުގައި ގްރީން ސްޓްރީޓްސް އިން ވަނީ ލިބުނު ހަމައެކަނި ދެ ފުރުސަތުގައި ގޯލް ޖަހައިފަ އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ޑަނޯފް ޑިމިޓްރޯ 22 ވަނަ މިނެޓުގައި ނެގި ހުރަސް ގޯލް ކުރިމަތީ ހުހަށް ހުރެ އައްމަޑޭ ގޯލަށް ވައްދާލިއިރު، ދެ ވަނަ ލަނޑު 28 ވަނަ މިނެޓުގައި ވައްދާލީ އަރިމަތިން ނެގި ހުރަހެއް ބޮލުން ޖަހަ އެވެ.
ނިއު އިން ދެ ވަނަ ހާފު ފެށީ ވަރަށް ވަރުގަދަކޮށެވެ. ހާފުގެ ކުރީކޮޅު ނިއު އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަކްރަމް އަބްދުލްގަނީ ދިން ބޯޅަ އަށް މާކޮވިޗް ސްޓެވާން ހުހަށް އެރި ނަމަވެސް ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ޖައްސާލި ބޯޅަ ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުން ނިއު އިން އަށް ފަސޭހަވާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ ޓީމު ކުރިއަށް ޖެހިފައި އޮއްވާ 65 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް އިން ވަނީ ތިން ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. އައްމަޑޭ ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އަހުމަދު ހަސަނެވެ. އޭގެ ފަހުން ވެސް ނިއު ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަދި ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މިއީ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމަޔަށް ކުޅުންތެރިން އޭނާގެ ޕްލޭނާ އެއްގޮތަށް ޑިސިޕްލިންއާ އެކު ކުޅުމުގެ ނަތީޖާ ކަމަށެވެ.
"ޕޮއިންޓް ޓޭބަލް ވަރަށް ޓައިޓްކޮށް އޮތީ. އެހެންވެ އެއްވެސް ޓީމަކާ ދެކޮޅަށް، ނިއު ވިޔަސް މާޒިޔާ ވިޔަސް ރިލެކްސްކޮށްލެވެން ނެތް އަޅުގަނޑުމެންނަށް. ޓީސީއާ އެއްވަރުވި މެޗަށް ފަހު ކުޅުންތެރިން ގާތު ބުނަމުން މި އައީ މި މެޗު ނަގަން ޖެހޭ ކަމަށް. އެގޮތުން ކުޅުންތެރިންގެ ބުރަ މަސައްކަތް މިއީ. ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިން. ރަނގަޅު ވަގުތު ގޯލް ވެސް ޖެހުނު އަޅުގަނޑުމެން ޓީމަށް،" ސޮބާ ބުންޏެވެ. "ނަމަކުން ކުރާނެ ކަމެއް ނޯންނާނެ. މީގައި އޮންނާނެ ބުރަކޮށް މަސައްކަތްކުރުން."
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މިއީ ގްރީން ސްޓްރީޓްސް އަށް ހައްގު މޮޅެއް ކަމަށާއި އެ ޓީމުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފި ކަމަށެވެ.
"ފުރަތަމަ ހާފުގައި އިދިކޮޅު ޓީމަށް ވުރެ އަހަރެމެން ގިނަ ވަގުތު ބޯޅަ ގެންއުޅުނު. އެކަމަށް އެއަށް ވުރެ ރަނގަޅު ކުރެވެން ޖެހޭނެ. ދެ ވަނަ ހާފުގައި ފުރުސަތު ލިބުނު އެކަމަކު ނަސީބު ވެސް އެހީ ނުވީ. އަހަރެން ބޭނުމެއް ނޫން ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންގެ ވާހަކަ ދައްކަން. އަހަރެމެންނަކީ ޓީމެއް. އެހެންވީމާ ވަކި ކުޅުންތެރިއަކު ނެތިގެން ބަލިވީއޭ ނުބުނާނަން. އަހަރެމެންނަށް މިއަށް ވުރެ ރަނގަޅު ކުރެވޭނެ،" ޓަވަރޭސް ބުންޏެވެ.
މިރޭގެ މެޗަށް ފަހު ލީގުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަށް ފަހު ލީގު އަލުން ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެރެ އެވެ. ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.
ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް
ނިއުއާ ގުޅެން ދެ ފަހަރު ފުރުސަތު ލިބުނު: ސުޒޭން
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ