Roadha Mihaaru
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް

ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް

19 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗަކީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާ މެޗެވެ. ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުކޮށްގެން ނުކުތް ނިއު އާއި މާޒިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު، މިއަދު ހަވީރު އީގަލްސް އާއި ގްރީންސްޓްރީޓްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން، އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ޗެމްޕިއަންކަން ލިބިދާނެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗަކީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާ މެޗެވެ. ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުކޮށްގެން ނުކުތް ނިއު އާއި މާޒިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު، މިއަދު ހަވީރު އީގަލްސް އާއި ގްރީންސްޓްރީޓްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން، އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ޗެމްޕިއަންކަން ލިބިދާނެ އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. މިއަދު ހަވީރު ކުޅޭ މެޗުން ގްރީން ސްޓްރީޓްސް މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މާޒިޔާ އަށް އެއްވަރުކޮށްލައިގެން މާލޭ ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނޫން ނަމަ ޗެމްޕިއަންކަން ލިބޭނީ ނިއު އާއި މާޒިޔާ މެޗުން މޮޅުވާ ޓީމަކަށެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ އެއްވަރުކޮށްލައިގެން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އޮތް ނަމަވެސް އެއީ އެޑްވާންޓޭޖެއް އޮތް ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ގްރީން ސްޓްރީޓްސްގެ މެޗަށް ބަލައިގެން އެއްވަރު ކޮށްލައިގެން ވެސް އަހަރެމެންނަށް މާލޭ ލީގު ލިބެން އޮތް ގޮތެއް އެބައޮތް. މީގެ އެޑްވާންޓޭޖެއް ނެތް. އެއީ ނިއުއާ ދެކޮޅަށް މި ކުޅެނީ. ހަަމަ އެގޮތަށް ނިއު އަށް ވެސް ނެތް އެޑްވާންޓޭޖެއް. މިއީ 50-50 މެޗެއް. އުއްމީދަކީ ކުޅުންތެރިން ގޯހެއް ނަހަދާ ކަމަށް. ކޮންމެ ޓީމެއްގައި ވެސް އުނިކަމެއް ހުންނާނެ މާޒިޔާ އިން މަސައްކަތް ކުރާނީ އެ ހޯދައިގެން މެޗުން މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.

އެފްއޭއެމުން މި ފަހަރުގެ ސީޒަން ކުރިން ދިން މުބާރާތްތަކުގެ ޝެޑިއުލް ބުނާގޮތުން މާލޭ ލީގު 20 ޖޫން އަށް ނިމެ އެވެ. އެހެން ނަމަވެސް ދިގުލައިގެން ގޮސް ޖުލައި 19 އަށް މުބާރާތް ދިޔައިރު، މިހާރު މިއީ ޓްރާންސްފާ ޕީރިއަޑެވެ. ގިނަ ޓީމު ތަކުން މިހާރު ވެސް ވަނީ ކުޅުންތެރިން ގެނެސްފަ އެވެ.

"މި މެޗަށް ތައްޔާރުވާން ނިއު ރޭޑިއަންޓުން ކުޅުންތެރިން ގެނެސްފި މެއި މަހުން ފެށިގެން. އެ ޓީމަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބުނު. މިއީ އިންސާފުވެރި ގޮތެއް ނޫން. އަހަރެން ދެކޭ ގޮތުގައި ކުޅުންތެރިން ގެންނަންވީ މުބާރާތުގެ މެދު ތެރެއިން. އެންމެ މެޗަކަށް ނޫން. މިއީ އަހަރެން ދެކޭ ގޮތް،" ސެކުލޮސްކީ ބުންޏެވެ.

ނިއު އިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، ލުބުނާންގެ ޑިފެންޑަރު ހުސެއިން އެލްޑޯ އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ގެނެސްފަ އެވެ. ސެކުލޮސްކީ ބުނީ މި ކުޅުންތެރިންނާ އެކު ނިއު އިތުރަށް ވަރުގަދަ ވެފައިވީ ނަމަވެސް ޖެހިލުމެއް ނުވާ ކަމަށެވެ.

"މިއީ އެންމެ ވަރުގަދަ އެއް މެޗު. މި ޓްރާންސްފާގައި ނިއު އިން ގެނައި ކުޅުންތެރިންނާ އެކު އެ ޓީމު ވަރަށް ވަރުގަދަ ވެއްޖެ. އެކަމަކު އަހަރެމެން ބިރެއް ނުގަނޭ. އެއީ އަހަރެމެންނަށް އެނގޭ ކުރަން ޖެހޭ ކަންތައް. ނިއު ބަލިކުރެވޭނެ ފެންވަރުގެ ކުޅުންތެރިން މި ޓީމުގައި އެބަތިބި. ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް ކުޅޭނެ،" ސެކުލޮސްކީ ބުންޏެވެ.

ގައުމީ ސްކޮޑަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ނިއު އާއި މާޒިޔާ އަށެވެ. ސެކުލޮސްކީ ބުނީ ދެ ޓީމުގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންގެ ތަފާތަކީ ތަޖުރިބާ ކަމަށެވެ.

"ނިއު ރޭޑިއަންޓްގައި ތިބީ ގައުމީ ޓީމަށް ބަލާއިރު ތަޖުރިބާހުރި ކުޅުންތެރިން އޮއްޕޮ، އަކުރަމް، އަޝްފާގު، އިމްރާން، ލިލީ ދެން މާޒިޔާ އަށް ބަލާއިރު މި ތިބީ ގައުމީ ޓީމަށް ކުޅުނަސް ތަޖުރިބާގެ ގޮތުން ދަށް އުއްމީދީ ކުޅުންތެރިން ސަމުއްޓޭ، އިރޭ، އެންޑީ ދެން އާއްކޮ. މިއީ ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާހުރި ކުޅުންތެރިންގެ ކުރިމަތިލުމެކޭ ވެސް ބުނެވިދާނެ،" އޭނާ ބުންޏެވެ.

މި ފަހަރު ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް އޮތްގޮތުން ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނީ މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. ސެކުލޮސްކީ ބުނީ އަސްލު މަގްސަދަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން ކަމަށާއި މާލޭ ލީގަކީ ފުރަތަމަ މަރުހަލާ ކަމަށެވެ.

"މިއީ އަސްލު މުބާރާތުގެ ފުރަތަމަ މަރުހަލާ. މީގެ މުހިއްމީ އެއް ވަނަ، ދެ ވަނަ، ތިން ވަނަ އަދި ހަތަރު ވަނަ. އެކަމަކު އެއް ވަނަ ހޯދުމަކީ ވެސް ފައިދާ ބޮޑު ކަމެއް. އެކަމަކު މީގެ ހަގީގީ މަގްސަދު ހާސިލްވާނީ ޕްރިމިއާ ލީގުގެ އެއް ވަަނަ ހޯދައިގެން،" ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ކުޅުނު ހަތް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި މިހާތަނަށް އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، އަނެއް ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވިއިރު މޮޅުވީ އެންމެ މެޗަކުންނެވެ.

ސެކުލޮސްކީ ބުނީ ނަތީޖާތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ޓީމުގެ ކޮންފިޑެންސް އަދިވެސް ނުގެއްލޭ ކަމަށެވެ.

މާޒިޔާގެ އެންޑީ (ކ) އަތުން ބޯޅަ ހޯދަން ނިއުގެ ގަލާޑޯ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ އެންޑީ (ކ) އަތުން ބޯޅަ ހޯދަން ނިއުގެ ގަލާޑޯ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކުޅުމާ މެދު އަހަރެން ހިތްހަމަ ޖެހޭ. ހުރިހާ މެޗެއްގައި ވެސް ނަތީޖާ މައްސަލަ އަކީ. އެ ހުރިހާ މެޗަކުން މޮޅުވެވޭ ވަރަށް ފުރުސަތު ލިބުނު. އޭގެ ތެރެއިން ދެ މެޗު ކުޅުނިން 10 ކުޅުންތެރިންނާ އެކު ވެސް. އަހަަންނަށް ޔަގީންކަން އޮތް ކަމަކީ ކުޅުންތެރިންގެ ކޮންފިޑެންސް އަދިވެސް ރަނގަޅު،" އޭނާ ބުންޏެވެ.

މާޒިޔާ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ހުސެއިން ނިޔާޒު (ބޮކުރީ)، ސާބިއާގެ ވިންގް އަލެކްސެންޑަ ރަކިޗް އަދި އަސްހަދު އަލީ (އަޑުބަރޭ) ސަސްޕެންޑްވެފައިވުމެވެ.

ލީގުގެ ފުރަތަަމަ ބުރުގައި މާޒިޔާ ވަނީ 2-1 އިން ނިއު ބަލިކޮށްފަ އެވެ. އޭރު ނިއުގެ ކޯޗަކަށް ހުރީ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އެވެ. މިރޭގެ މެޗަށް ނުކުންނައިރު ނިއުގެ އާ ކޯޗު އޮސްކާ ބްރުޒޮން ބުނީ މާޒިޔާ އަކީ މިދިޔަ ދެތިން އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ކަމަށާއި އެކަމުން ވެސް ވަރަށް ގިނަ ކަންތައްތައް އެނގިގެންދާ ކަަމަށެވެ.

"މާޒިޔާ އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް. އަހަރެން އެ ޓީމަށް މަރުހަބާ ކިޔަން. ތާރީހާއި އެހެން ކަންކަމަށް ބަލާއިރު ނިއު ރޭޑިއަންޓަކީ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކްލަބް. އެކަން ދެމެހެއްޓުމުގެ މަސައްކަތް މާޒިޔާ މެޗުން ފެށުން މުހިއްމު،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މާޒިޔާއެކޭ އެއްގޮތަށް ނިއު އިން ވެސް މެޗަށް ނުކުންނާނީ ދޫދޭ ގޮތަށް ނޫން ކަމަށާއި ހުރިހާ ފޯކަސް އެއް ހުރީ މެޗުގެ ތިން ޕޮއިންޓަށް ކަމަށެވެ.

"މާޒިޔާ އިން މި މެޗު ކާމިޔާބު ކުރަން 100 ޕަސެންޓް ދޭ ގޮތަށް. ނިއު އިން ވެސް 100 ޕަސެންޓް ދޭނެ. އަހަރެން ވަރަށް ހިތްހަމަ ޖެހޭ ނިއުގެ ތައްޔާރީތައް ދާގޮތާ މެދު. ކުރިއެރުން އެބަފެނޭ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ޓްރާންސްފާގައި ނިއުއާ ގުޅުނު ކުޅުންތެރިން އެ ޓީމުން މިރޭގެ މެޗުގައި ފެނުމާ މެދު ގޮތެއް ނިންމާނެ ކަމަށާއި މެޗުގެ ކުރިން އެކަން ހާމަކުރުމަކީ އޭނާ ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ނުކުޅެ އެވެ. އޮސްކާ ބުނީ އިމްރާން މި ވަގުތު ހުރީ އަނިޔާގައި ކަމަށާއި އޭނާ ރިސްކު ކުރުމުގެ ވިސްނުމެއް ވެސް އެބަހުރި ކަމަށެވެ.

"އިމްރާން އިންޖަރީގައި. އަހަރެމެން އޭނާ ރިސްކު ކޮށްފާނަން. އެކަމަކު އޭގެ ފައިދާ ނުކުރާނެ ކަންނޭނގެ. އެއީ ހަގީގީ މަސައްކަތަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން. އޭގެ އިން އޭއެފްސީ ޖާގަ ލިބެން މި އޮތީ. މާޒިޔާއާ އެކު އޮތް ހަގީގީ ވާދަވެރިކަން ފެންނާނީ އެ މުބާރާތުން،" އޭނާ ބުންޏެވެ.

ނިއުގެ ކޯޗުކަމާ އޮސްކާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުންނާއި ތިން ވަނަ މެޗުން ވަނީ ވިކްޓަރީ އާއި އީގަލްސްއާ ކުޅެގެން އެއްވަރުވެފަ އެވެ.

"އަހަރެންގެ ތަޖުރިބާ ބުނާގޮތުން ޓީމަކާ ހަވާލުވެގެން މަދުވެގެން ފަސް ހަފްތާ ތެރޭގައި ގިނަ ކަންތައްތަކެއް ބަދަލުކުރެވޭނީ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީއާ އެކު ފެނުނީ ރަނގަޅު ކުޅުމެއް އެކަމަކު ދެ ވަނަ މެޗުގައި ވިކްޓަރީއާ ދެކޮޅަށް ފުރަތަމަ 30 މިނިޓްގައި އަހަރެމެން މޮޅަށް ކުޅުނު ފަހުން ވިކްޓަރީން ކޮންޓްރޯލް ކުރަން މަސައްކަތް. އީގަލްސްއާ ދެކޮޅަށް އަހަރެމެންގެ ޕްލޭން މަސައްކަތް ނުކުރިތަން ފެނުނީ. މި ހުރިހާ ކަމެއްގެ ތަޖުރިބާއާ އެކު މި މެޗަށް ނުކުންނާނީ،" އޮސްކާ ބުންޏެވެ.

ނިއު އިން އަމާޒު ހިފާފައިވަނީ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ނަމަވެސް މާލޭ ލީގަކީ ވެސް ޓާގެޓެއް ކަމަށާއި މި މުބާރާތް ވެސް ކާމިޔާބު ކުރުން މުހިއްމު ކަމަށް އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ.

"އަސްލު މަގްސަދަކީ ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށް ވިޔަސް. އަހަރެމެންގެ މެނޭޖްމަންޓުގެ ވެސް އެބަހުރި ޓާގެޓްތަކެއް. އަހަރެމެންގެ ޗެއާމަން ވެސް ބޭނުންވޭ މާލޭ ލީގު ކާމިޔާބު ކުރަން. ސަޕޯޓަރުންގެ ރޫހު ވެސް ހުރީ އެ ގޮތަށް. އެހެން ވުމުން އެ ކަންތައްތައް ފުރިހަމަ ކުރަން ވެސް ޖެހޭ،" އޮސްކާ ބުންޏެވެ.

ނިއު އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.