Roadha Mihaaru
ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ

އީގަލްސްއާ އެއްވަރުވެ ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ

14 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް 1-1 އިން އެއްވަރުވެ އީގަލްސް އިން ގަދަ ހަތަރަކާ ކައިރިއަށް ޖެހިލިއިރު، ނިއު އަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު މެޗުން މާޒިޔާ އަތުން މޮޅުވާން މަޖުބޫރުވެއްޖެ އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް 1-1 އިން އެއްވަރުވެ އީގަލްސް އިން ގަދަ ހަތަރަކާ ކައިރިއަށް ޖެހިލިއިރު، ނިއު އަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު މެޗުން މާޒިޔާ އަތުން މޮޅުވާން މަޖުބޫރުވެއްޖެ އެވެ.

މިރޭ ނިއު މޮޅުވި ނަމަ އެ ޓީމަށް ފަހު މެޗުން މާޒިޔާ އަތުން ޕޮއިންޓެއް ހޯދާލައިގެން ވެސް ލީގު ކާމިޔާބުކުރެވޭނެ އެވެ. ނިއު އާއި މާޒިޔާ އަށް ވެސް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ، މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން 1-0 އިން ބަލިވި މާޒިޔާ އެވެ. ފަހު މެޗުން މި ދެ ޓީމު އެއްވަރުވެއްޖެ ނަމަ މާޒިޔާ އަށް ލީގު ލިބެނީ އެ ޓީމުގެ ލަނޑުގެ ތަފާތު ގެއްލޭނެ ގޮތެއް ނެތުމުންނެވެ.

މިރޭ މޮޅުވެން ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު އީގަލްސް އަށް ގެއްލުނު ނަމަވެސް އެއް ޕޮއިންޓް ވެސް މި ވަގުތު އެ ޓީމަށް ވަރަށް މުހިއްމެވެ. ގްރީން 24 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އީގަލްސް ހަތަރު ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. މި ދެ ޓީމަށް ބާކީ އޮތީ ދެ ޓީމު ބައްދަލުކުރާ މެޗެވެ.

އަނެއްކޮޅުން މި މެޗު އެއްވަރުވުމާ އެކު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކޮންމެވެސް ވަރެއްގެ އުއްމީދެއް ވަނީ ލިބިފަ އެވެ. އެ ޓީމު 16 ޕޮއިންޓާ އެކު ހަވަނައިގައި އޮތްއިރު ވިކްޓަރީ އޮތީ 19 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ދެ ޓީމަށް ވެސް އަދި ދެ މެޗު އެބައޮތެވެ.

އަނިޔާގައި ހުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ނެތި ކުޅުނު ނިއުގެ ފަރާތުން މިރޭ އެންމެ އެދެވޭ ކުޅުމެއް ނުފެނުނެވެ. އެކަމަކު ފުރަތަމަ ހާފުގައި އެ ޓީމުން ގޯލަށް ދެ ހަމަލާ ފޮނުވާލި އެވެ. އެގޮތުން 21 ވަނަ މިނެޓުގައި އީގަލްސްގެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލުމަށް ފަހު އަލީ ފާސިރު (ސެންޓޭ) ގޯލަށް ޖެހި ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު 27 ވަނަ މިނެޓުގައި އެޑްރިއަން ގަލާޑޯ ފޮނުވާލި ބޯޅަ ވެސް އޭނާ މަތަކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު ވެސް ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ގޯލް ކުރިމަތީ ހުހަށް ހުރެ އިމްރާން ޖެހި ބޯޅަ ނިއުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ސަލާމަތްކުރި އެވެ.

މެޗުގެ ލީޑު ނެގީ އީގަލްސް އިންނެވެ. އެ ޓީމަށް 66 ވަނަ މިނެޓުގައި މި ގޯލް ޖަހައިދިނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް މުހައްމަދު ނާއިމެވެ.

ނިއު އިން 71 ވަނަ މިނެޓުގައި އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ ގޯލަށް އެތެރެވަނިކޮށް ސުޖަން ދިފާއުކުރި އެވެ.

ނިއު އިން އެއްވަރުކުރީ 88 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގަލާޑޯ ޖެހި ލަނޑުންނެވެ. މިއީ އޭރިއާ ތެރެއިން ސެންޓޭ ބޯޅަ ހިފައިން ދަނިކޮށް އީގަލްސްގެ ޑިފެންޑަރަކު އޭނާ ވައްޓާލުމުން ރެފްރީ އަހުމަދު ޝިފާން ދިން ޕެނަލްޓީއެކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ބާރު ބޯޅަ ސަލާމަތްކުރީ ނިއުގެ ޒިޔަޒަން އެވެ.

މެޗަށް ފަހު ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ މި މެޗުގައި ނިއުގެ ގޭމް ވެސް ނުކުޅެވުނު ކަމަށާއި ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ ވެސް ނުފެނުނު ކަމަށެވެ.

"ކުޅުމާ މެދު އަހަރެން ހިތްހަމަނުޖެހޭ. އެކަމަކު އެބައޮތް ލީގު ހޯދުމުގެ ފުރުސަތު އަދިވެސް. އެ މެޗަށް ނުކުންނައިރު ލިބޭނެ ހިތްހަމަޖެހުމަކީ ޓްރާންސްފާ ބާޒާރު ހުޅުވި އާ ކުޅުންތެރިންނަށް ކުޅެވުން،" އޮސްކާ ބުންޏެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ ކޮންމެ ގޮތެއް ވިޔަސް ފަހު މެޗުން ގްރީން ސްޓްރީޓްސް އަތުން ތިން ޕޮއިންޓް ހޯދަން ޖެހޭ ކަމަށާއި މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޓާގެޓް ހުރީ އެ މެޗަށް ކަމަށެވެ.

"ޖުމްލަކޮށް ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ފުޓްބޯޅައިގައި ބައެއް ފަހަރު ނަސީބު ވެސް އެބަ ބޭނުންވޭ. އަނެއްހެން މުޅި މެޗުގައި ރަނގަޅަށް ގޮސްފައި ފަހު ވަގުތު ގޯހެއް ހެދުނީ. އެކަމަކު އެއީ ފުޓްބޯޅައިގައި ދިމާވާނެ ކަންކަން،" ސާންތީ ބުންޏެވެ.