Roadha Mihaaru
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

ނިއު އަށް ދިން އަދަބު ދަމަހައްޓަން އެޕީލް ކޮމިޓީން ނިންމައިފި

18 މެއި 2017

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުގެ އެޑްރިއަން ގަލާޑޯގެ އަދަބު މައާފަކޮށްދީ، ސޮލާހަށް ދިން އަދަބު ލުއިކުރަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދަށް ދިން އަދަބު ލުއިކުރަން ނުވަތަ މައާފަކޮށްދޭން އެ ކްލަބުން އެދިފައިވާ ކަމަށެވެ.

މި އެސޯސިއޭޝަނުގެ އިސްތިއުނާފް ކޮމިޓީން ހުށައެޅިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް މައްސަލަ ދިރާސާކުރުމަށް ފަހު މި ކުޅުންތެރިންނަށް ކަނޑައެޅިފައިވަނީ ހައްގު އަދަބު ކަމަށް ވަނީ ނިންމަވާފަ އެވެ،" އެފްއޭއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ ނިއުގެ ގަލާޑޯ އާއި ޖަމީލް ލީފްލޭންގް އަދި އީގަލްސްގެ މުބީން އިބްރާހިމް (މުއްކި) ދެ މެޗަށް ސަސްޕެންޑްކޮށް ކޮންމެ ކުޅުންތެރިއަކު 4000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ނިއުގެ އިމްރާނަށް ދިން އަދަބަކީ ދެ މެޗަށް ސަސްޕެންޑްކޮށް 2000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ. އީގަލްސްގެ ނިމާދު (ނިމާ) ފަސް މެޗަށް ސަސްޕެންޑް ކުރިއިރު، 8000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ނިއުގެ ސޮލާ ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ނިއު އިން ބުނީ މި ކަމާ ބެހޭގޮތުން މި ވަގުތު ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.

ގަލާޑޯ އަށް އަދަބުދިނީ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާމްކުރި ވަގުތު މުއްކި އަށް ހަމަލާ ދިންކަން ސާބިތުވެ، ކުޅިވަރުގެ ރޫހާއި ހިލާފު އަމަލެއް ހިންގާފައިވާކަން ސާބިތުވުމުންނެވެ. މުއްކި އަށް އަދަބު ދިނީ ގަލާޑޯއަށް ހަމަލާދިނުމާއި ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައިވާކަން ސާބިތުވުމުންނެވެ. ނިއުގެ ޖަމީލަށް އަދަބުދިނީ އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގައިގައި ފައިން ޖެހުމުންނެވެ.

ނިއުގެ ކީޕަރު އިމްރާނަށް އަދަބު ދިނީ އޭނާގެ ސަބަބުން ހިނގައިދިޔަ ކަންތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމުންނާއި ދަނޑުގެ މަސްރަހު ހޫނުވުމަށް އޭނާގެ ސަބަބުން މަގުފަހިވެފައިވާތީ އާއި ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން މި ފަދަ އަމަލެއް ފެނުމުން ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

އީގަލްސްގެ ނިމާ އަށް އަދަބު ދިނީ ނިއުގެ ސޮލާހާއި ނިއުގެ ކީޕަރު އިމްރާނަށް ހަމާލާދީ ނިމާގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެފައިވާތީ އާއި ފުރަތަމަ ޑިވިޝަން ކޯޗެއްގެ މަގާމުގައި ހުރެ މި ފަދަ އަމަލެއް ހިންގާފައިވާތީ އެވެ.

ނިއުގެ ސޮލާހަށް އަދަބުދިނީ ޓީމު ލިސްޓުގައި ނެތި ދަނޑަށް އަރައި އީގަލްސްގެ މުއްކި އަށް ހަމަލާދީ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލެއް ހިންގާފައިވާތީ އާއި ސޮލާހުގެ ސަބަބުން އިތުރު ސަޕޯޓަރުންނަށް ދަނޑަށް އަރަން މަގުފަހިވެފައިވާތީ އެކަމަށް ބެލުމަށް ފަހު އެވެ.