Roadha Mihaaru
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

21 ޖޫން 2017

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

މާޒިޔާ ނޫން އަނެއް ހަތް ކްލަބް މެޗެއް ކުޅެފައިވަނީ ގާތްގަނޑަކަށް މީގެ އެއް މަސް ދުވަސް ކުރިންނެވެ. މާޒިޔާ އިން އެންމެ ފަހުން މެޗެއް ކުޅުނީ މީގެ 20 ދުވަސް ކުރިން އޭއެފްސީ ކަޕްގަ އެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާރޭ އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ މެޗަށް ނުކުންނައިރު، އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މި ބްރޭކްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފެން ނެތީ އަލުން ފަށަން ޖެހެނީ ރޯދަ މަހުގެ ތެރޭގައި ކަމަށްވާތީ ކަމަށެވެ.

"ބޮޑު ބްރޭކެއް ލިބުނުއިރު އަލުން ފަށަން މި ޖެހެނީ ރޯދަ މަހުގައި. ހަގީގަތުގައި ރޯދައިގައި ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން އެންމެ ރަނގަޅު ހާލަތުގައެއް ނޫން ހުންނާނީ. މާޒިޔާ އަށް އެބައޮތް އެޑްވާންޓޭޖެއް. އެއީ އެ ޓީމަށް ރޯދަ މަހު ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު ލިބުނު (އޭއެފްސީ ކަޕްގައި). އެކަމަކު އީގަލްސް އަށް ހުރަހަކީ ދިގު މުއްދަތެއްގައި މެޗެއް ނުކުޅެ ހުސް ޕްރެކްޓިސްކޮށްފައި މެޗެއް ކުޅުން،" ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ އަތުން މިިދިޔަ މަހު 23 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ސާންތީ ބުންޏެވެ.

ލީގުގެ މަގާމުތައް މި ވަގުތު އޮތްގޮތުން ގަދަ ހަތަރެއްގެ ފުރުސަތު ގެއްލިފައި އަދި އެންމެ ފޯމު ދަށްކޮށް އޮތް ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބްރޭކުގެ ބޭނުން ރަނގަޅަށް ހިފޭނެ ފަދަ ގޮތަކަށް ކަންތައްތައް ރޭވިފައި ނެތް ކަމަށެވެ.

"މިސާލަކަށް ބަލާނަމަ ފުރަތަަމަ ޑިވިޝަންގެ އަށް ކްލަބާއި ދެން ހުރި ހުރިހާ ކްލަބްތަކަށް ވެސް މި އޮތީ ދެ ދަނޑެއް ޕްރެކްޓިސް ކުރަން. ރޯދަ މަހުގައި މި ލިބެނީ ހަމައެކަނި ރޭގަނޑު ރަނގަޅަށް ޕްރެކްޓިސް ކޮށްލަން. އެކަމަކު އެހާ ވަގުތު ކުޑަކޮށް ލިބޭނީ. އަޅުގަނޑު ދެކޭ ގޮތުގައި މިހާލަތުގައި ބްރޭކެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތަކަށް ނޫން އިންތިޒާމްތައް ހުރީ،" ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ބްރޭކް އެ ޓީމުން ނަގާނީ ޕްރީ ސީޒަނެކޭ ދާދި އެއް ކަހަލަ ގޮތަކަށް ކަމަށެވެ.

"މި ބްރޭކް ޓީސީން ނަގާނީ ޕްރީ ސީޒަނެއް ކަހަލަ ގޮތަކަށް ހަގީގަތުގައި ދަނޑިވަޅުގެ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ބްރޭކަށްދާއިރު. އޭގެ އިން އެއް ކަމަކީ ރޯދަ މަސް ކަމަށްވުން. އެކަމަކު ޓީސީން ހުރިހާ ކަމަކަށް ވިސްނާފައި ގަދަ ހަތަރެއް ކަށަވަރުކުރަން ކުރަން ޖެހޭ މަސައްކަތަށް މި ބްރޭކްގެ ބޭނުން ހިފަން މަސައްކަތް ކުރާނަން،" އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނިޒާމްބެ ބުންޏެވެ.

ޖުމްލަ ގޮތެއްގައި ހުރިހާ ކޯޗުންގެ ވެސް ކަންބޮޑުވުމަކީ ބޮޑު ބްރޭކަށް ފަހު ރޯދަ މަހުގައި މެޗަށް އަލުން ނުކުންނަން ޖެހުމެވެ. އެހެން ނަމަވެސް ބްރޭކްގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެނަމަ ޓީމުގެ ހާލަތު ބަދަލުކޮށްލަން މިއީ ރަނގަޅު ފުރުސަތެއް ކަމަށް ވެސް ބައެއް ކޯޗުން ދެކެ އެވެ.

މި ވަގުތު އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި ނުވަ މެޗުން 18 ޕޮއިންޓާ އެކު ނިއު އޮތްއިރު ތިން ވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އެވެ. ހަތަރު ވަނައިގައި އޮތް ޓީސީ އާއި ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ނުވަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ހަ ވަނައިގައި އީގަލްސް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި ނުވަ މެޗުން ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތްއިރު ނުވަ މެޗުން އެއް ޕޮއިންޓާ ފުލުގައި އޮތީ ވެލެންސިއާ އެވެ.

ލީގުގައި މާދަމާރޭ އީގަލްްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރޭގަނޑު 10 ޖަހާއިރު އެވެ.