Roadha Mihaaru
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި

ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި

19 ޖުލައި 2017

މެޗުގެ ދެ ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ލަނޑާ އެކު ނިއު ރޭޑިއަންޓް ލީޑު ނަގާފައިވަނިކޮށް އަމްދާން އަލީ (އެންޑީ) ކާމިޔާބުކުރި ގޯލުން ނިއުއާ 1-1 އިން އެއްވަރުކޮށް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޗުގެ ދެ ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ލަނޑާ އެކު ނިއު ރޭޑިއަންޓް ލީޑު ނަގާފައިވަނިކޮށް އަމްދާން އަލީ (އެންޑީ) ކާމިޔާބުކުރި ގޯލުން ނިއުއާ 1-1 އިން އެއްވަރުކޮށް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި އެވެ.

މާޒިޔާ ލީގު ކާމިޔާބުކުރީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަދި ތިން ވަނައިގައި އޮތް ނިއު އަށް ލިބުނީ 27 ޕޮއިންޓެވެ. މާޒިޔާ އަތުގައި ފައިދާ 10 ގޯލް އޮތްއިރު ގްރީން ސްޓްރީޓްސްގެ އޮތީ ނުވަ ލަނޑެވެ. އަދި ނިއުގެ އޮތީ ހަތް ލަނޑެވެ.

ލީގުގެ ހަތަރު ވަނައިގައި ނިންމާލީ ޓީސީ ސްޕޯޓްސް ކްލަބެވެ. އެ ޓީމަށް ލިބިފައިވަނީ ފަސް ވަނައިގައި ނިންމާލި އީގަލްސް އާއި ހަ ވަނައިގައި އޮތް ވިކްޓަރީއާ އެއްވަރަށް 22 ޕޮއިންޓެވެ. ޓީސީގެ ފައިދާ 11 ލަނޑު އޮތްއިރު، އީގަލްސްގެ އޮތީ ހަތް ލަނޑެވެ. އަދި ވިކްޓަރީގެ އޮތީ އެންމެ ލަނޑެކެވެ. ހަތް ވަނައިގައި ވެލެންސިއާ ނިންމާލިއިރު އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ 100 ޕަސެންޓް ރެކޯޑަކާ އެކު ނިންމާލިއިރު، ދެ ވަނަ ބުރުގައި އެ ޓީމުގެ ނަތީތައް އެންމެ ރަނގަޅެއް ނޫނެވެ. މި ބުރުގައި ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. އެ ޓީމު މޮޅުވީ އެއް މެޗުންނެވެ. އަނެއް ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ދެން ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ.

ޓްރާންސްފާ ޕީރިއަޑްގައި ވަރުގަދަ ކުރި ނިއު އިން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރައިގައި އޮއްޕޮ އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ހިމަނައިގެންނެވެ. އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި އިން އިރު، އަނިޔާގެ ސަބަބުން އިމްރާން މުހައްމަދު ނުކުޅެ އެވެ.

ކާޑު ހަމަވުމުގެ ސަބަބުން މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި ސާބިއާގެ ވިންގް އަލެކްސަންޑަ ރަކިޗް އަދި ހުސެއިން ނިޔާޒް (ބޮކުރީ) ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ މިނިޓް ތެރޭ ނިއު އަށް ލީޑުނަގައިދިނީ އަހަރެއްހާ ދުވަހު ދިވެހި ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި އޮއްޕޮ އެވެ. އަލީ ފާސިރު (ސެންޓޭ) އަރިމަތިން ނަގައިދިން ބޯޅަ އޮއްޕޮ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ އޭރިއާ ތެރެއިން ހުސްކޮށް އަރަ އެވެ. އެ ބޯޅަ ގޯލަށް ވަންއިރު މާޒިޔާގެ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ނިއު އިން ލީޑު ނެގުމާ އެކު މާޒިޔާ އިން ކުރި އަށް ޖެހިގެން ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އެގޮތުން އެ ޓީމަށް ލިބުނު ދެ ކޯނަރުން ގާސިމް ސައްމާމު (ސައްމެ) ބޮލުން ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މާޒިޔާގެ ކޮވަސެވިޗް (ކ) ކައިރިން ނިއުގެ އޮއްޕޮ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ކޮވަސެވިޗް (ކ) ކައިރިން ނިއުގެ އޮއްޕޮ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ހާފްގެ ބޮޑުބައި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު މެޗުގެ 41 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފަ އެވެ. މެދު ތެރެއިން އޮއްޕޮ ދިން ބޯޅައެއް ނިއުގެ ކުޅުންތެރިން އަތުން ގެއްލި އެ ބޯޅަ ހޯދީ އުމެއިރު އެވެ. ހާފްގެ މެދު ތެރެއިން ލިބުނު ބޯޅަ ހިފައިގެން އުމެއިރު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނިއުގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ނިއު އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ނަތީޖާ ހަމަހަމަ ކުރަން މާޒިޔާ އަަށް ހުސް ފުރުސަތެއް ލިބުނެވެ. މެޗުގެ 50 ވަނަ މިނިޓްގައި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. ނިއުގެ ކީޕަރު އަބްދުﷲ ޒިޔަޒަން އަށް ލިބުމުގެ ކުރިން އަސަދުﷲ މަތިން ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ މާ ބޭރުންނެވެ.

އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާ އޭރިއާ ތެރެއިން ނިއުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 59 ވަނަ މިނިޓްގައި އެންޑީ ޖެހި ލަނޑުންނެވެ. ލިބުނު ހިލޭ ޖެހުމަކުން ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ނެގި ހުރަހަކުން އެންޑީ އެ ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.

މާޒިޔާގެ ލަނޑާ އެކު ނިއު އިން އަލުން ގޭމް ތެރެއަށް ވަދެ ހަމާލާތައް އުފައްދަން ފެށި އެވެ. އެގޮތުން ސެންޓޭ އާއި މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ލީޑުފުޅާކުރަން އަސަދުﷲ އަށް ލިބުނު ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ބޭނުންކުރެވޭ ގޮތް ނުވި އެވެ. އެ ބޯޅަ ނިއުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މިރޭގެ މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. މި ސީޒަނަށް ބަލާއިރު މިއީ އެންމެ ގިނަ ސަޕޯޓަރުން މެޗު ބަލަން ވަތް ފަހަރެވެ. މިގޮތުން ގޮޑިބަރި އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައި އޮތްއިރު، ސިޑިބަރީގައި ވެސް ސަޕޯޓަރުން ގިނަ އެވެ.

ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނީ މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. އެއީ މާޒިޔާ، ނިއު، ގްރީން ސްޓްރީޓްސް އަދި ޓީސީ އެވެ. ދެން ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ކަމަށްވާ އއ. މާޅޮސް، ށ. މިލަންދޫ، ގދ. ތިނަދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މާލޭ ލީގުގައި ފުލަށްދިޔަ އީގަލްސް، ވިކްޓަރީ، ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ދެ ވަނަ ހޯދި ކުޑަ ހެންވޭރު ޔުނައިޓެޑާ އެކު މާލެ ލީގު ކޮލިފައިންގަ އެވެ.