Roadha Mihaaru
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"

ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް: ސެކުލޮސްކީ

20 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ލިބުމުން ދެން އަމާޒު ހިފާނީ މި ކާމިޔާބީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ވެސް ތަކުރާރު ކުރުމަށް ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ލިބުމުން ދެން އަމާޒު ހިފާނީ މި ކާމިޔާބީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ވެސް ތަކުރާރު ކުރުމަށް ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވެ، މާޒިޔާ ލީގު ކާމިޔާބުކުރީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަދި ތިން ވަނައިގައި އޮތް ނިއު އަށް ލިބުނީ 27 ޕޮއިންޓެވެ. ފައިދާ ލަނޑުގެ ގޮތުން މާޒިޔާގެ 10 ލަނޑު އޮތްއިރު، ގްރީން ސްޓްރީޓްސްގެ އޮތީ ނުވަ ލަނޑެވެ. އަދި ނިއުގެ އޮތީ ހަތް ލަނޑެވެ.

މެޗުގެ ދެ ވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ލަނޑާ އެކު ނިއު ރޭޑިއަންޓް ލީޑު ނަގާފައިވަނިކޮށް މާޒިޔާ އަށް އެއްވަރުކޮށްދިނީ އަމްދާން އަލީ (އެންޑީ) އެވެ. ސެކުލޮސްކީ ބުނީ މެޗުގެ ކުރިން ވެސް ޗެމްޕިއަންކަން ހޯދަން ކުރަން ޖެހޭ ކަންތައް އެނގުމުން ކުޑަ ފަސޭހައެއް އޮތް ކަމަށެވެ.

"މެޗުގެ ކުރިން ވެސް އަހަރެމެންނަށް އެނގޭ ޗެމްޕިއަންކަން ހޯދަން އެއް ޕޮއިންޓުން ފުދޭނެކަން. ތިން ޕޮއިންޓަށް އަހަރެމެން ކުޅުނީ. މެޗުން މޮޅުވަން ފަސް ވަރަކަށް ފުރުސަތު ލިބުނު. ޖެހުނީ އެންމެ ލަނޑެއް މަގްސަދު ހާސިލްވެއްޖެ." ސެކުލޮސްކީ ބުންޏެވެ.

ރޭގެ މެޗުގައި ކާޑު ހަމަވުމުގެ ސަބަބުން މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި ސާބިއާގެ ވިންގް އަލެކްސަންޑަ ރަކިޗް އަދި ހުސެއިން ނިޔާޒް (ބޮކުރީ) ތިބީ ސަސްޕެންޝަނުގަ އެވެ.

"މިއީ ވަރަށް އުނދަގޫ މުބާރާތެއް. ހުރިހާ ޓީމުތައް ވެސް ވަރަށް ވަރުގަދަ. އަހަރެން ވަރަށް އުފަލުން މިހުރީ އަހަރެމެންނަކީ ޗެމްޕިއަނުންނަށްވީމަ. އަހަރެން ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ލީގުން ކާމިޔާބު ކުރަން ބޭނުންވާ އެއްބައިވަންތަކަމުގެ ރޫހު މި މެޗުން ފެނުނު،" ސެކުލޮސްކީ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ މާޒިޔާ 100 ޕަސެންޓް ރެކޯޑަކާ އެކު ނިންމާލިއިރު، ދެ ވަނަ ބުރުގައި އެ ޓީމުގެ ނަތީތައް އެންމެ ރަނގަޅެއް ނޫނެވެ. މި ބުރުގައި ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. އެ ޓީމު މޮޅުވީ ފުލަށްދިޔަ ޔުނައިޓެޑް ވިކްޓަރީ އަތުން އެކަންޏެވެ. އަނެއް ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ދެން ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ.

"ފުރަތަމަ މެޗުން ފެށިގެން ފަހު މެޗާ ހަމައަށް އަހަރެމެން އެއް ވަނަ ދިފާއު މިކުރީ. ފެށުން ވަރަށް ރަނގަޅު ދެން އެންމެ ފަހުން މިދިޔަ 20 ދުވަހަކީ ވަރަށް އުނދަގޫ ހާލަތެއް ޓީމަށް ކުރިމަތިވި ދުވަސްތަކެއް. އުނދަގޫ ވަގުތުގައި ވެސް އަހަރެމެން ކުރި ހިތްވަރު ފެނިއްޖެ. ބޭނުންވަނީ ކުރީގެ މޮޅު ކުޅުން ދައްކައި މި ފިޔަވަޅު މަތީ ކުރިއަށްދާން،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ކުރިއަށްމިދާ ޓްރާންސްފާ މާކެޓްގެ ތެރޭގައި މާޒިޔާ އަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަންނަ މަހު ހަތަރެއްގައި ފަށާ ޕްރިމިއާ ލީގު ދިފާއު ކުރަން މާޒިޔާ ނުކުންނާނީ ނިއު، ގްރީން ސްޓްރީޓްސް އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ކަމަށްވާ އއ. މާޅޮސް، ށ. މިލަންދޫ، ގދ. ތިނަދޫ އަދި ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.