08 މެއި 2017
ޖެހިޖެހިގެން ދެ މެޗުން ބަލިވެ ފޯމުން ކަޓާފައިވާ ކްލަބް އީގަލްސް އިން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގައި މިރޭ މުހިއްމު މޮޅެއް ހޯދައިފި އެވެ.
ޖެހިޖެހިގެން ދެ މެޗުން ބަލިވެ ފޯމުން ކަޓާފައިވާ ކްލަބް އީގަލްސް އިން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގައި މިރޭ މުހިއްމު މޮޅެއް ހޯދައިފި އެވެ.
ނިއު މި ވަގުތު އޮތީ 15 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ދެ މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. މާޒިޔާ މިރޭ ވެލެންސިއާ އަތުން މޮޅުވެގެން، އެއް ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. އިތުރު މެޗެއް ވެސް މާޒިޔާ އަށް އޮތުމުން އެ ޓީމަށް ބުރު ނިމޭއިރު ބޮޑު ލީޑެއް ނެގުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އީގަލްސް ވަނީ މިރޭގެ މޮޅާ އެކު 10 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. ތިން ވަނައިގައި 10 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ޓީސީ އެވެ. ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. މާދަމާ ހަވީރު ޓީސީ އަތުން ގްރީން ސްޓްރީޓްސް ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމަށް ހަތަރަކަށް އެރޭނެ އެވެ.
މިރޭގެ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ. މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާންކުރަނިކޮށް އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އާއި ނިއުގެ އެޑްރިއަން ގަލާޑޯއާ ދެމެދު ހިނގި ޒުވާބަކަށް ފަހު ފެނުނީ ގަލާޑޯ ދަނޑު މައްޗަށް ވެއްޓުނުތަނެވެ. އެއާ އެކު ނިއުގެ ކުޅުންތެރިން މުއްކި ވަށާލިއިރު ދެ ޓީމުގެ ބެންޗުން ކުޅުންތެރިންނާއި އޮފިޝަލުން އަރައި ހަމަނުޖެހުން ހިނގި އެވެ. އަދި ނިއުގެ ކުޅުންތެރިއަކު މުއްކި އަށް ހަމަލާ ވެސް ދިނެވެ. އެކަންތައް މައިތިރިވި ވަގުތު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު އައިސް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ކޮއްޕާލި އެވެ. އެއާ އެކު ނިމާއާ ދިމާލަށް އިމްރާން ދިޔަ ނަމަވެސް ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެގެން ވަނީ ހަމަޖެހުން ކޮންޓްރޯލްކޮށްފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު ނިއު އަށް ވަނީ ގޯލް ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
އެގޮތުން 10 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ޝޮޓެއް ބްލޮކްވުމުން ހުސްކޮށް ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނުއިރު އޭނާ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 13 ވަނަ މިނެޓުގައި ގޯލް ކުރިމަތިން ގަލާޑޯ ބޮލުން ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ނިއުގެ އަކްރަމް އަބްދުލްގަނީ ނެގި ހުރަހެއް އޭރިއާ ތެރެއިން ސެންޓޭ ޖެހުމުން ބޭރަށް ދިޔައިރު ސެންޓޭ ނެގި ހުރަސް، ގޯލްކުރިމަތީ މުޅިން ހުހަށް ހުރި ގަލާޑޯގެ ބޮލުގައި ލައްވާނުލާ ދިޔައީ ކިރިޔާ އެވެ. މީގެ އިތުރުން 43 ވަނަ މިނެޓުގައި އަކްރަމް ދިން ބޯޅައެއް ޖަމީލް ލީފްލެންގް ޖެހުމުން ދިޔައީ މަތިންނެވެ.
ނިއުގެ އަކްރަމް އަތުން ބޯޅަ ހޯދަން އީގަލްސްގެ މުއްކި (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސް އިން ގޯލް ޖެހީ މުޅި މެޗުގައި ވެސް އެ ޓީމަށް ލިބުނު ހަމައެކަނި ހުސް ފުރުސަތުގަ އެވެ. އެގޮތުން އަހުމަދު ރިޒްވާން (ރިޒޭ) ނެގި ހުރަހެއް އޭރިއާ ތެރެއިން މުހައްމަދު ނާއިމް އަށް ލިބުމުން އޭނާ ވަނީ ވަށައިގެން ތިބި ނިއުގެ ތިން ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ދެ ވަނަ ހާފުގައި ވެސް އީގަލްސް އިން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ނިއު އަށް އިތުރަށް ކުރިއަށް ޖެހުނު ނަމަވެސް ހޯދުނީ ދެ ފުރުސަތެވެ. އެގޮތުން ސެންޓޭ ފޮނުވާލި ބާރު ހަމަލައެއް ސުޖަން މަތަކުރިއިރު، މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ފުރަތަމަ ހާފުގައި އީގަލްސް އިން ލީޑު ނެގި ނަމަވެސް މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ އޭނާގެ ޓީމުން ކަމަށާއި މި މެޗުން ނިއު ބަލިވުން ހައްގެއް ނޫން ކަމަށެވެ.
"ފަސް ފުރުސަތު އަހަރެމެން އަތުން އޭރިއާ ތެރެއިން ގެއްލުނު ފުރަތަމަ ހާފުގައި. ދެ ވަނަ ހާފުގައި އީގަލްސް އިން ބެލީ ވަގުތު ބޭކާރުކުރަން. ފުލުފުލުގައި ކުޅުންތެރިން އަނިޔާވެގެން ފައިބައި އަރައި ހެދީ. މުޅި މެޗު އޮތީ ހުއްޓިފައި. އެކަމަކު އެވަރުން ވެސް ރެފްރީ އިތުރަށް ދިނީ ހަތަރު މިނެޓު،" ޓަވަރޭސް ބުންޏެވެ. "މިއީ ކޮންޓްރޯލް ކުރަން ޖެހޭ ކަމެއް. ސަޕޯޓަރުން ދަނޑަށް އަންނަނީ މިކަންތައް ބަލާކަށް ނޫން."
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި ކުރިން ގެއްލުނު ޕޮއިންޓްތަކެއް ބޮޑު ޓީމެއްގެ އަތުން ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
"މިރޭ އަޅުގަނޑުމެންގެ ގޭމް ޕްލޭނާ އެއްގޮތަށް މިދިޔައީ. އަޅުގަނޑުމެން ރޭވި ގޮތަށް ކާމިޔާބުމިވީ،" ސާންތީ ބުންޏެވެ.
އޭނާ ބުނީ މެޗަށް ފަހު ހިނގައިދިޔައީ ފުޓްބޯޅައިން ފެންނަން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި އެކަމުގައި ބައިވެރިވި އެންމެންނަށް އަދަބުދޭން އެފްއޭއެމަށް ގޮވާލާ ކަމަށެވެ. އަދި އެއީ އީގަލްސް ކުޅުންތެރިއަކަށް ވިޔަސް ފިޔަވަޅު އަޅަން އެދޭ ކަމަށް އޭނާ ބުންޏެވެ.
ފަހު މެޗުން މޮޅުވާން ނިއު އަށް މަޖުބޫރުވެއްޖެ
އީގަލްސްގެ މި ފަހަރުގެ އަމާޒަކީ ވެސް ނިއު ބަލިކުރުން
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި
އީގަލްސްގެ ފޯމް ރަނގަޅު ކުރަން ނިއުއާ ދެކޮޅަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އީގަލްސް އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ
މިހާލަތުގައި ނިއު ބަލިކުރުމަކީ ޗެލެންޖެއް: މޯހަން
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް