Roadha Mihaaru
ދެ އަހަރު ވީއިރު ވެސް ނެކްސްބިޒަށް ފައިސާއެއް ނުދައްކާ

ދެ އަހަރު ވީއިރު ވެސް ސަރުކާރުން ނެކްސްބިޒަށް ފައިސާ ނުދައްކާ

16 އެޕްރީލް 2018

މެލޭޝިއާގެ ނެކްސްބިޒުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވި އެއްބަސްވުން ބާތިލުކުރުމުން، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިތާ ދެ އަހަރުވީ އިރުވެސް އެ ފައިސާ ސަރުކާރުން ނުދައްކާ ކަން އެނގިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މެލޭޝިއާގެ ނެކްސްބިޒުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވި އެއްބަސްވުން ބާތިލުކުރުމުން، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިތާ ދެ އަހަރުވީ އިރުވެސް އެ ފައިސާ ސަރުކާރުން ނުދައްކާ ކަން އެނގިއްޖެ އެވެ.

ނެކްސްބިޒުން ހުށަހެޅި މި މައްސަލަ އާބިޓްރޭޝަނުން ނިންމީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

އެއްބަސްވުން ބާތިލްކުރުމުން ނެކްސްބިޒުން އެދުނީ ބަދަލުގެ ގޮތުގައި 269 މިލިއަން ޑޮލަރު ހޯދުމަށެވެ. އެކަމަކު އާބިޓްރޭޝަނުން ކަނޑައެޅީ ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 15 މިލިއަން ޑޮލަރު ކަމަށެވެ. އެ ފައިސާ ދައްކަން އެ ކުންފުނިން ސަރުކާރަށް އެކި ފަހަރުމަތިން އެންގި އެވެ.

ސަރުކާރުން ފައިސާ ދައްކާފައި ނުވާތީ، ރާއްޖޭގެ އާބިޓްރޭޝަން ގާނޫނުގައިވާ ގޮތަށް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް އެނގިފައިވެ އެވެ. އެ ފައިސާ ނުދައްކާ މައިގަނޑު ސަބަބެއް ކަމަށް ވަނީ އެއީ ކޮރަޕްޝަން އެކުލެވޭ މައްސަލަ އަކަށް ވުން ކަމަށް ވެ އެވެ.

މި މައްސަލައާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ނެކްސްބިޒުން ރާއްޖޭގައި ގާއިމުކުރި ބޯޑަ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުން، ދިވެހި ސަރުކާރުން ހުއްޓާލީ އޮގަސްޓް، 2013ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް އެމެރިކާގެ ހިލޭ އެހީގައި ސިސްޓަމެއް ގާއިމްކޮށް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަކު ވަކި ހިސާބަކުން ޖަރުމަަނުގެ ސިސްޓަމެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި މިހާރު ރާއްޖޭގެ ބޯޑަރު ބަލަހައްޓަނީ އެމެރިކާ އާއި ޖަރުމަނުގެ ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވެ އެވެ.

އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ހާއްސަކޮށްފައި ވަނީ ރާއްޖެއަށް އަންނަ ބިދޭސީންނަށް އެކަންޏެވެ. ރާއްޖެ އިން ބޭރަށް ފުރާ އަދި އަންނަ ދިވެހިންގެ ކަންކަން ބަލަނީ ޖަރުމަނުގެ ސިސްޓަމުން ކަމަށް އެނގިފައިވެ އެވެ.

ނެކްސްބިޒްގެ މައްސަލަ ސަރުކާރާ ދެކޮޅަށް ނިމުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ކުރި 25 އަހަރުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށެވެ. އެ ފައިސާ އެއް ފަހަރާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.