Roadha Mihaaru
އިމިގްރޭޝަންގެ އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

ޑީޕޯޓް ކޮށްފައިވާ ބަޔަކު ނުފޫޒުން ރާއްޖެ އެތެރެކުރި ދެ އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފި

09 ފެބުރުއަރީ 2023

ރާއްޖެ އިން ޑީޕޯޓް ކޮށްފައިވާ ބިދޭސީންތަކެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީގެ ފަސް އަހަރު ކުރިން އެތެރެ ކުރުވި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު، އެ ކަމުގައި ހިމެނުނު އިމިގްރޭޝަންގެ ދެ އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އިން ޑީޕޯޓް ކޮށްފައިވާ ބިދޭސީންތަކެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީގެ ފަސް އަހަރު ކުރިން އެތެރެ ކުރުވި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު، އެ ކަމުގައި ހިމެނުނު އިމިގްރޭޝަންގެ ދެ އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި 2018 ގައި ކުރި ތުހުމަތަކީ ރާއްޖެ ވަނުން މަނާ ބަންގްލަދޭޝްގެ ދެ މީހަކު އޭރު އެއާޕޯޓު ބެޗް އިންޗާޖުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔަ ޗީފް އިމިގްރޭޝަން އޮފިސަރު އަހުމަދު ގާސިމްގެ ނުފޫޒުން އެތެރެ ކުރުވުމެވެ. ގާސިމްގެ އިތުރުން އެކަމުގައި ހިމެނޭ އަނެއް އޮފިސަރަކީ އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމު ވެސް ފަހަކާ ޖެހެންދެން ފުރުއްވި މޫސާ ރަމީޒެވެ. ރަމީޒަކީ އޭރު އެއާޕޯޓް ޑިވިޝަން ހިންގުމާ ވެސް ހަވާލުވެ ހުންނެވި އޮފިސަރެވެ.

ދެ ބިދޭސީއަކު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރިކަން އެހެން އޮފިސަރުންތަކެއް ރަމީޒަށް ރިޕޯޓްކުރި ނަމަވެސް އޭނާ އެ ކަމާ އަޅާނުލައްވައި މައްސަލަ ނުބަލައި ދޫކޮށްލެއްވި ކަމަށް ތަހުގީގަށް އެނގުނު ކަމަށް ވެ އެވެ. ބަޔާން ދިން އޮފިސަރުންތަކެއްގެ ބަޔާން ބަދަލުކޮށް އަދި ދެ ބިދޭސީން ރާއްޖެ އެތެރެކުރި ގާސިމަށް އިދާރީ ފިޔަވަޅު ވެސް ރަމީޒު ނާޅާ ކަމުގެ ތުހުމަތު ކުރި އެވެ.

ގާސިމާ ދެކޮޅަށް ބަޔާން ދިން އޮފިސަރުންގެ ބަޔާން ރަމީޒު ފަހުން ބަދަލުކުރި ސަބަބެއް ކަމަށް ދެއްކި ހުއްޖަތަކީ އޮފިސަރަކަށް "ދިމާވެދާނެ ދެރަ ހާލަތަކަށް" ރިއާޔަތްކޮށް ކަމަށް އެނގިފައި ވެ އެވެ.

ވަކި މަގާމަކަށް އަޅުގަނޑުމެން މިހާރަކު ނުބަލާނަން. އިމިގްރޭޝަންގައި މިހާރު ކޮރަޕްޝަން ނުވަތަ ނުފޫޒު ބޭނުން ކޮށްގެން އެއްވެސް ކަމެއް ހިނގާނެ ޖާގައެއް ނުދޭނަން،"---ހަނަފީ

މިހާރުގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވައިލެއްވި އެވެ.

ދެ ބިދޭސީން ރާއްޖެ އެތެރެކުރުމުގައި، ގާސިމް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަސްމީ ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ކޮމިޓީ އަށް ފާހަގަކުރެވުނު ކަމަށް ވެ އެވެ. އަދި އޭރު އެއާޕޯޓް ޑިވިޝަންގެ އިން ޗާޖް ރަމީޒް ވެސް ބަޔާން ނަގަން ދެ ފަހަރަކު ކޮމިޓީ އަށް ހާޒިރުވާން އެންގުމުން ހާޒިރެއް ނުވި އެވެ.

އެހެންވެ، ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ރިއާޔަތްކޮށް، ސިވިލް ސާވިސް ގާނޫނާއި ގަވާއިދުގެ ދަށުން ރަމީޒާއި ގާސިމް ވަޒީފާ އިން ވަކި ކުރީ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އެކަން ހިނގިކަން ސަމާލު ކަމަށް އައުމާ ގުޅިގެން ވަގުތުން މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އެ މައްސަލަ ބަލުމަށް ފަހު، އެ ދެ އޮފިސަރުން ވަޒީފާ އިން ވަކި ކުރަން ނިންމާފައިވާ ކަން ހަނަފީ ކަށަވަރު ކޮށްދެއްވި އެވެ.

ހަނަފީ "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.

ހަނަފީ "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.

ހަނަފީ ވިދާޅުވީ ގޮތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ކޮރަޕްޝަނާއި ނުފޫޒު ނައްތާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް ނަޒާހަތްތެރި މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

"ވަކި މަގާމަކަށް އަޅުގަނޑުމެން މިހާރަކު ނުބަލާނަން. އިމިގްރޭޝަންގައި މިހާރު ކޮރަޕްޝަން ނުވަތަ ނުފޫޒު ބޭނުން ކޮށްގެން އެއްވެސް ކަމެއް ހިނގާނެ ޖާގައެއް ނުދޭނަން،" ހަނަފީ ވިދާޅުވި އެވެ.

އެކި ކުށްތަކާ ގުޅިގެން ހައްޔަރު ކުރާ މީހުންނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކޮށްލުމަށް ފަހު، ވެސް އަލުން ފަސޭހައިން ރާއްޖެ އެތެރެވާ ކަމުގެ ޝަކުވާ އާއި ތުހުމަތުތައް އަބަދުވެސް އޮވެ އެވެ.

ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި އެފަދަ މައްސަލައެއްގައި އިމިގްރޭޝަންގެ އިސް މަގާމެއްގެ މުވައްޒަފުންތަކަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.