Roadha Mihaaru
ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ދިވެހި ސަރުކާރުން ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ނިންމައިފި

20 ޑިސެމްބަރ 2016

މެލޭޝިއާގެ ނެކްސްބިޒުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ގަވައިދާ ހިލާފަށް ކަމަށާއި އޭގެ ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މެލޭޝިއާގެ ނެކްސްބިޒުން ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ގަވައިދާ ހިލާފަށް ކަމަށާއި އޭގެ ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނެކްސްބިޒުން ހުށަހެޅި މި މައްސަލަ އާބިޓްރޭޝަނުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު ސަރުކާރުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ނެކްސްބިޒުން އެދުނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިއަން ޑޮލަރު ހޯދުމަށެވެ. އެކަމަކު އާބިޓްރޭޝަނުން ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 15 މިލިއަން ޑޮލަރު ކަމަށެވެ.

މި މައްސަލާގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުން ރިވިއު ކުރަމުން އަންނަ ކަމަށެވެ.

"މައްސަލަ ރިވިއުކޮށް ނިންމާފައި ދެން މައްސަލާގައި ކުރިއަށް ދާނެ ގޮތެއް ނިންމާނެ،" އުޝާމް ވިދާޅުވި އެވެ.

ނެކްސްބިޒުން ރާއްޖޭގައި ގާއިމްކުރި ބޯޑަ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރުން، ދިވެހި ސަރުކާރުން ހުއްޓާލީ އޮގަސްޓް، 2013ގަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް އެމެރިކާގެ ހިލޭ އެހީގައި ސިސްޓަމެއް ގާއިމްކޮށް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަކު ވަކި ހިސާބަކުން ޖަރުމަަނުގެ ސިސްޓަމެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި މިހާރު ރާއްޖޭގެ ބޯޑަރު ބަލަހައްޓަނީ އެމެރިކާ އާއި ޖަރުމަނުގެ ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވެ އެވެ.

އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ހާއްސަ ކޮށްފައި ވަނީ ރާއްޖެ އައިސް، ގޮސްވާ ބިދޭސީންނަށް އެކަންޏެވެ. ރާއްޖެ އިން ބޭރަށް ފުރާ އަދި އަންނަ ދިވެހިންގެ ކަންކަން ބަލަނީ ޖަރުމަނުގެ ސިސްޓަމުން ކަމަށް އެނގިފައިވެ އެވެ.

ނެކްސްބިޒްގެ މައްސަލަ ސަރުކާރާ ދެކޮޅަށް މި ނިމުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ކުރި 25 އަހަރުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށެވެ.

އެ ފައިސާ އެއް ފަހަރާ ސަރުކާރުން މިހާރު ވަނީ ދައްކައިފަ އެވެ.