15 ޖެނުއަރީ 2020
މެލޭޝިއާގެ ކުންފުންޏަކުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މައްސަލައިގައި މަޝްވަރާކޮށް، ކޯޓުން ބޭރުގައި ހައްލު ކުރެވޭތޯ މަސައްކަތް ފަށައިފި އެވެ.
މެލޭޝިއާގެ ކުންފުންޏަކުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މައްސަލައިގައި މަޝްވަރާކޮށް، ކޯޓުން ބޭރުގައި ހައްލު ކުރެވޭތޯ މަސައްކަތް ފަށައިފި އެވެ.
ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އެ އިމާރާތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ހަވާލުކުރީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެވެ. ކުރިން އެ އިމާރާތް އަޅަން އޮތީ ފިނޭންސް މިނިސްޓްރީ ހުރި ބިމުގަ އެވެ.
ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅީ އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް މި ސަރުކާރުން ފައިސާ ދީފައިނުވާތީ އާއި އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައި ވާތީ އެވެ.
މެލޭޝިއާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހަޅާފައި އޮތީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށެވެ.
އޮފީސް އިމާރާތް މާލޭގައި ހެދުމަށް ނިންމުމާ ގުޅިގެން، އެ ބިމުގައި ހުރި ބައެއް އިމާރާތްތައް ތަޅައި، ބިން ވެސް ސާފުކުރި އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެތަން އަޅާން ނިންމީ، މާލޭގައި އެފަދަ ބޮޑު އިމާރާތެއް ހަދާއިރު ދިމާވާނެ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެކަމަކު މި މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަ ޖެހި، އިމާރާތް އެޅުން އޮތީ ހުއްޓިފަ އެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގެ ތަރައްގީއާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ މެލޭޝިއާގެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ ބަލަން މިހާރު ވަނީ މަޝްވަރާ ވެސް ފަށާފައި ކަމަށެވެ. އެކަމަކު ކޮންޓްރެކްޓަރާ އެކު އެއްބަސްނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނީގެ ޝަކުވާއަކީ މާލޭގައި އަޅަން ނިންމި އިމާރާތް ހުޅުމާލޭގައި އަޅަން ބޮޑު ހޭދައެއް ހިނގުމާއި ޕައިލްކުރަން ހޭދަވި އަގު ނުލިބުމެވެ. އެކަމަކު އެ އަގުގައި އެޗްޑީސީއަށް އެއްބަސްނުވެވޭ ކަންކަން ހުރި ކަމަށް ސުހައިލް ވިދާޅުވި އެވެ.
ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަނުން ބުނަނީ އިތުރު ވާހަކަައެއް ދެއްކޭނީ، ސުހައިލް ވިދާޅުވި ގޮތުގައި، އެ މަސައްކަތުގެ އަގު ކަމަށް ވާ 29 މިލިއަން ޑޮލަރު (448 މިލިއަން ރުފިޔާ) ދެއްކީމާ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވީ ޖޮއިންޓް އިންސްޕެކްޝަނެއް ހަދާފައި އެއްބަސްވެވޭ އަދަދެކޭ ދެވޭނީ ކޮށްފައި ހުރި މަސައްކަތަށް،" ސުހެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮފީސް އިމާރާތުގެ މަސައްކަތް ފަށަން ޖެހޭނީ ލޯނު ހަމަޖެހުނީމާ ކަމަށް އެއްބަސްވުމުގައި އޮތް ކަމަށެވެ. އެކަމަކު ލޯނު ހަމަނުޖެހެނީސް މަސައްކަތް ފަށާފައި އޮތް ކަމުގެ ކަންބޮޑުވުން އެޗުޑީސީން ފާޅުކުރުމުން، އެއީ "ކުރީ ސަރުކާރުގެ އިހުމާލެއް" ކަމަށް އެ ކުންފުނިން ބުނި ކަމަށް، ސުހައިލް ވިދާޅުވި އެވެ.
"އެ މީހުން ބުނަނީ [ލޯނުގެ] އޮފަ ލެޓާ ދިނީމޭ، ސަރުކާރުން ގަބޫލުނުކުރީއޭ،" ސުހެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގަައި ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދީގެން ނަގާ ލޯނެއް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލުތަކަށް ފެތެން ޖެހޭނެ އެވެ. ނަމަވެސް ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަނުން ހުށައެޅި ގޮތް، ސަރުކާރުގެ އެ އުސޫލުތަކަށް ނުފެތޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސޮވެރެން ގެރެންޓީ އޭރު ވެސް ނުލިބުނީ، އޭނާ ވިދާޅުވި ގޮތުގައި، އޭގެ ސަބަބުންނެވެ.
ލޯނު ހަމަޖެހުމުގެ ކުރިން މަސައްކަތް ފެށުމަކީ، އެޗުޑީސީން ދެކޭ ގޮތުގައި، މައްސަލައެކެވެ. އެހެންކަމުން އެ މައްސަލައިގައި އެޗްޑީސީން އަންނަނީ އޮޑިޓެއް ވެސް ކުރަމުންނެވެ.
އެ އިމާރާތް ހަދަން ނިންމާފައި ވަނީ އިމާރާތުގެ ދަށުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ ގޮތަށެވެ. ބިއްލޫރި އާއި ދަގަނޑުން ހަދާ އިމާރާތުގެ އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކު ކުރުމަށް ހާއްސަކުރާއިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހިސާބަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދަން ޑިޒައިން ކޮށްފައި އޮތީ 250 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ. ކުރަހާފައި ހުރީ ރޫފް ޓޮޕްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނަ ގޮތަށެވެ.
އެޗްޑީސީން 22 މިިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
މެލޭޝިއާގެ ކުންފުންޏަށް ދޭންޖެހުނީ މަސައްކަތުގެ އަގު
22 މިލިއަން ޑޮލަރު ނުދޭތީ މެލޭޝިއާ ކުންފުނިން ކޯޓަށް
ފިނޭންސް އިމާރާތް އަޅާނީ ސަރުކާރުން ފައިސާ ދޭ ނަމަ
30 މިލިއަން ހޯދަން މެލޭޝިޔާ ކުންފުނިން އާބިޓްރޭޝަނަށް
ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ހުޅުމާލޭ ބިންތަކެއް 878 މިލިއަނަށް ސަރުކާރުން ގަނެފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ނުފޫޒުން ޖާގަ ހޯދައިދިނުމަކީ މުޑުދާރު އަމަލެއް:މަބްރޫކް
މެލޭޝިޔާގަ ތިބި އާއިލާތަކަށް އެހީ ފޮނުވަން ހުޅުވާލައިފި