Roadha Mihaaru
22 މިލިއަން ޑޮލަރު ނުދޭތީ މެލޭޝިއާ ކުންފުނިން ކޯޓަށް

ފިނޭންސްގެ އާ އިމާރާތުގެ މައްސަލައިގައި 22 މިލިއަން ޑޮލަރު ނުދީގެން މެލޭޝިއާގެ ކުންފުނިިން ކޯޓަށް

08 އޯގަސްޓް 2021

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ނުދެއްކުމުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ނުދެއްކުމުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ހަވާލުކުރީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ އެވެ. މާލޭގައި އިމާރާތް ކުރަން ނިންމި 25 ބުރީގެ އޮފީސް އިމާރާތް ފަހުން ހުޅުމާލެ އަށް ބަދަލުކުރަން ނިންމިޔަސް، އެ މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަތަކެއް ދިމާވުމުން މަޝްރޫއު ވަނީ މަޑުޖެހިފަ އެވެ.

ޑަބްލިއުޒެޑްއާރު ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން މިދިޔަ އަހަރުގެ ޖުލައި މަހު އާބިޓްރޭޝަނުން އެންގީ 22 މިލިއަން ޑޮލަރު ހަތް ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުންޏަށް ދެއްކުމަށެވެ.

ޑަބްލިއުޒެޑްއާރުގެ އިސްވެރިއަކާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ވަނީ އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް މިހާތަނަށް ވެސް އެޗްޑީސީން ފައިސާ ދައްކާފައި ނުވާތީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ފައިސާ ހޯދަން އެކި ގޮތްގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވާ ކަމަށާއި އެހެންވެ ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމީ ކަމަށް މެލޭޝިއާގެ ނޫސްތަކުގައިވެ އެވެ.

އެ ފައިސާ ހޯދަން އެހީވެ ދިނުމަށް އެދި މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގައި ވެސް ޑަބްލިއުޒެޑްއާރު ކުންފުނިން އެދިފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ޔާމީންގެ ސަރުކާރުގައި 122 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އަޅަން ނިންމި އެ އިމާރާތުގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ކުންފުނިން އާބިޓްރޭޝަންގައި ދައުވާކުރީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށެވެ. އެކަމަކު އާބިޓްރޭޝަނުން ނިންމީ އެ ކުންފުންޏަށް ދޭން ޖެހޭނީ ކުރި މަސައްކަތުގެ އަގަށްވާ 22 މިލިއަން ޑޮލަރު ކަމަށެވެ.

އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ކުންފުންޏާ އެކު މަޝްވަރާ ކުރަން އެޗްޑީސީން ކުރިން ނިންމި އެވެ. އެކަމަކު އާބިޓްރޭޝަނުން މައްސަލަ ނިމުނުއިރު ވެސް، އެ މައްސަލައަށް ހައްލެއް ނުލިބުނެވެ.