Roadha Mihaaru

ހުޅުމާލޭގައި ސަފާރީ ބަނދަރުކުރާ ތަން ހުސްކުރަން އެންގުމަކީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް!

ހުޅުމާލެ ފަޅުތެރޭގައި އަޅާ ސަފާރީތައް ބަނދަރު ކުރާނެ އެހެން ތަނެއް ނުދައްކާ އެ ސަރަހައްދު ހުސްކުރަން އަންގާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވެއްޖެ އެވެ.

ސަފާރީ ބަނދަރުކުރާތަން ހުސްކުރުމަކީ ބޮޑު ގޮންޖެހުމެއް!
އިފްރާޒް އަލީ
އިފްރާޒް އަލީ

21 މެއި 2025

ހުޅުމާލެ ފަޅުތެރޭގައި އަޅާ ސަފާރީތައް ބަނދަރު ކުރާނެ އެހެން ތަނެއް ނުދައްކާ އެ ސަރަހައްދު ހުސްކުރަން އަންގާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވެއްޖެ އެވެ.

އެންބީއޭއެމް އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހުޅުމާލޭ ބަނދަރުން ސަފާރީ އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އުޅަނދުތައް ބަނދަރުކުރާނެ އެހެން ތަނެއް ނުދައްކާ ނަގަން އެންގުމުން އުޅަނދުތަކުގެ ވެރިންނަށް ހިންގުމުގެ ގޮތުންނާއި ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ނިންމުން އައިސްފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ދުވަސްވަރުގައި ކަމަށް ވުމުން އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މި މޫސުމަކީ އާންމުކޮށް ކަނޑުގަދަވެ، ވައިގަދަވެ، އަދި މޫސުން ލަފާނުކުރެވޭ ވަގުތެއް ކަމުން، އުޅަނދުފަހަރު އެހެން ތަނަކަށް ބަދަލުކުރުން ރައްކާތެރިއެއް ނުވާނެ. ރައްކާތެރި ބަނދަރެއް ފޯރުކޮށްދިނުމެއް ނެތި މި ސަފާރީ އުޅަނދުތައް ބަދަލުކުރުމުން އުޅަނދުތަކަށާއި އުޅަނދުގެ ފަޅުވެރިންނަށާއި އަދި އެކަމާ ގުޅުންހުރި އޮޕަރޭޝަންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ،" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ހުޅުމާލެ ބޭރުގައި ސަފާރީއެއް: ސަފާރީތައް ބަނދަރުކުރާނެ ރަނގަޅު ތަނެއް ނެތުމުގެ ޝަކުވާ އަބަދުވެސް އޮވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ ބޭރުގައި ސަފާރީއެއް: ސަފާރީތައް ބަނދަރުކުރާނެ ރަނގަޅު ތަނެއް ނެތުމުގެ ޝަކުވާ އަބަދުވެސް އޮވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ބަޔާނުގައި ބުނީ އެ ސަފާރީ އުޅަނދުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ވެސް މުހިންމު ބަޔަކަށް ވާއިރު، އެކަށޭނެ ބަދަލުތަކެއް ފަހިނުކޮށްދީ ކުއްލިއަކަށް އެގޮތަށް އެންގުމުން ގައުމުގެ އިގުތިސާދަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި އުޅަނދުތައް އޮޕަރޭޓްކުރާ މީހުންނަށް ލިބޭ އާމްދަނީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުންޏެވެ.

"އެންބީއޭއެމް އިން ކަމާބެހޭ ސަރުކާރުގެ ފަރާތްތަކަށާއި އެޗްޑީސީއަށް އިހުތިރާމާއެކު ގޮވާލަނީ، ކަނޑައެޅިފައިވާ އަދި ރައްކާތެރި ބަނދަރެއް ހަމަޖެހެންދެން މި ނިންމުން ބަދަލުކޮށްދިނުމަށް،" އެ ޖަމިއްޔާއިން ބުންޏެވެ.

އެފަދަ ނިންމުންތައް ނިންމަން ވާނީ އެކަށީގެންވާ ޕްލޭނަކާ އެކު، އަދި އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މަޝްވަރާއާ ވެސް އެކުގައި އެއްވެސް ބަޔަކަށް ދަތި ނުވާނެ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ހުޅުމާލެ 3 ހިއްކާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން، މިދިޔަ އަހަރު އިއުލާންކޮށްފައިވެ އެވެ.

ސަފާރީ އުޅަނދުތައް އަޅާނެ ރަނގަޅު ބަނދަރެއް ނެތުމަކީ އެންބީއޭއެމް އަބަދުވެސް ކުރާ ޝަކުވާއެކެވެ. ކުރީގެ ސަރުކާރުތަކަށް ވެސް މި ޝަކުވާ ހުށަހެޅި އެވެ.

ހުޅުމާލެއިން މިހާރު ހިއްކަމުން އަންނަ ސަރަހައްދަކީ ވެސް ކުރިން ކްރޫޒްލައިނާ އަޅަން މާސްޓަޕްލޭންގައި ހިމަނާފައި އޮތް ސަރަހައްދެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕްލޭނާ ހިލާފަށް އެ ސަރަހައްދު ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމި އެވެ. އަދި އެ ސަރަހައްދުގައި އަޅާ ސަފާރީތަކަށް ދިޔަނެރާއި ކުޑަގިރިން ޖާގަދިނުމަށް އޭރު ނިންމި އެވެ.