Roadha Mihaaru
ހުޅުމާލޭގައި ހެދިކާ ވިއްކާ މީހުން އަތުން ފީއެއް ނަގަނީ

ހުޅުމާލޭގައި ހެދިކާ ވިއްކާ މީހުން އަތުން ރެޖިސްޓްރޭޝަން ފީއެއް ނަގަން ނިންމައިފި

11 އެޕްރީލް 2018

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކަން ތިބޭ މީހުންގެ އަތުން ރެޖިސްޓްރޭޝަން ފީއެއް ނެގުމަށް ނިންމައި އެ ތަންތަނުގައި ހެދިކާ ވިއްކުމުގެ އުސޫލެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކަން ތިބޭ މީހުންގެ އަތުން ރެޖިސްޓްރޭޝަން ފީއެއް ނެގުމަށް ނިންމައި އެ ތަންތަނުގައި ހެދިކާ ވިއްކުމުގެ އުސޫލެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކުލަވާލައިފި އެވެ.

ހުޅުމާލޭގެ ފްލެޓުތަކުގެ ތިރީގައި އޮންނަ ހުސް ބިމުގައި ކޮންމެ ދުވަހަކު ހަވީރު، މޭޒާއި ގޮނޑި ބަހައްޓައިގެން ހެދިކާ ވިއްކުމަކީ މިހާރު އާންމު ކަމެކެވެ. އެ މަސައްކަތުން އެ މީހުންނަށް އެކަށީގެންވާ އާމްދަނީއެއް ވެސް ލިބެ އެވެ.

ހުޅުމާލޭގައި ހެދިކާ ވިއްކުމުގެ އުސޫލުގައިވާ ގޮތުން އެ ފުރުސަތު އޮންނާނީ އެޗްޑީސީން ކަނޑައަޅާ ސަރަހައްދުތަކުގަ އެވެ.

ހެދިކާ ވިއްކަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރަން ޖެހޭއިރު، ރަޖިސްޓްރޭޝަން ފީ ގެ ގޮތުގައި ކޮންމެ އަހަރަކު 150ރ. ނަގާނެ ކަމަށް އުސޫލުގައި ވެ އެވެ. އެ ފީ ގެ އިތުރުން އެހެން ފައިސާއެއް ނަގާ ގޮތަށް އުސޫލުގައި ކަނޑައަޅާފައެއް ނެތެވެ.

އޭގެ ބޭނުމަކީ ހުޅުމާލޭގައި އުޅޭ ބައެއް މީހުން އާމްދަނީ ހޯދުމުގެ މަގުސަދުގައި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކަމުން ދާތީ، އެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ގާއިމް ކޮށްފައިވާ ސަރަހައްދުތަކުގައި ހެދިކާ ވިއްކުމުގެ ހުއްދަ ދޫކުރާނީ އުސޫލުގައިވާ ގޮތުން އެއް އަހަރަށެވެ. އެއް އަހަރު ހަމަވުމުން ހުއްދަ އަލުން އާ ކުރަން ޖެހޭނެ އެވެ.

މި އުސޫލުގެ ދަށުން ހުޅުމާލޭގައި ހެދިކާ ވިއްކޭނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 3:00 އިން ހަވީރު 6:00 އަށެވެ.

ހެދިކާ ވިއްކުމުގެ ޚިދުމަތް ދޭ މީހުންނަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވައިދުގައި ބުނާ ގޮތަށް ސާފުތާހިރުކޮށް ތިބޭ، ސާފުތާހިރު އުސޫލުތައް ހިފަހައްޓާ ބަަޔަކަށް ވާން ޖެހޭނެ ކަމަށް އުސޫލުގައި ވެ އެވެ.