Roadha Mihaaru

ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

16 މާޗް 2025

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް މިކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ މާޗު 13، 2014 ގަ އެވެ.

ނަމަވެސް، ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި އެޗްޑީސީން ސީލައިފްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ވަނީ ބާތިލުކޮށްފަ އެވެ.

އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެކަން ކޮށްފައި ވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށަހެޅި އެވެ.

ސީލައިފުން އެދިފައި ވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާ ގުޅިގެން އެ ފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

"ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.