Roadha Mihaaru

ހުޅުމާލެ އަށް 21: ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަނީ!

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން "ފެމިލީ ކާނިވަލެއް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ހުޅުމާލެ އަށް 21: ފެމިލީ ކާނިވަލެއް ބާއްވަނީ!

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް އެޗްޑީސީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން "ފެމިލީ ކާނިވަލެއް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އަވަށުގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދިބޮޑު އެންމެން ވެގެން ހިތްގައިމު، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެ ކާނިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައި ކަމަށް ބަޔާނުގައި ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމަކާއި އެކި ކަހަލަ އެކްޓިވިޓީތަކާއި ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ކާނިވަލުގައި ބަހައްޓާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އާއިލާގެ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯ އާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ވެސް ހުންނާނެ ކަމަށާއި ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތު ވެސް އެ ހަރަކާތުގައި ބައިވެރިވާ އެންމެންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކާނިވަލުގައި ކުރިއަށް ގެންދާނެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ފޯމް ޕާޓީ އާއި ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް) އަދި ޓްރެފިކް ޕާކް ހިމެނެ އެވެ.

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނިގޮތުގައި، ކާނިވަލް ކުރިއަށް ގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގަ އެވެ. ކާނިވަލުގައި ފޯމް ޕާޓީ ބާއްވާނީ އުރީދޫން ކަމަށާއި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ފުލުހުންނާއި އެމްއެންޑީއެފާއި އެޗްޕީއޭ އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ތެލެސީމިއާ ސޮސައިޓީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި މަމްސް އެންޖީއޯ އާއި ކިޑްސް ޒޯން އާއި ޑޫ ގުޑް އެންޖީއޯ އަދި އެޗްއާރުސީއެމްގެ ވަރަށް ބޮޑު އެހީތެރިކަމެއް މި އިވެންޓަށް ލިބޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާ އެކު، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ކުރިއަށް ގެންދާ އެ ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.

ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފައްޓަވައި ދެއްވީ އޭރުގެ ރައީސް މައުމޫނެވެ.