09 އެޕްރީލް 2018
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މާލޭގެ މަގުތަކުގައި މުދާ އުފުލުން މަނާކުރުން ވެގެންދިޔަައީ ވިޔަފާރިވެރިންނަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. މިއީ ވިޔަފާރިވެރިންނަށް ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެ އެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މާލޭގެ މަގުތަކުގައި މުދާ އުފުލުން މަނާކުރުން ވެގެންދިޔަައީ ވިޔަފާރިވެރިންނަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. މިއީ ވިޔަފާރިވެރިންނަށް ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވެ އެވެ.
ވިޔަފާރި ބަނދަރުން މުދާ ނެރެގެން ގުދަކުރުމާއި ގުދަނުން މުދާ ނެރެގެން އެކި ތަންތަނަށް ސަޕްލައިކުރުމުގެ މަސައްކަތް މީގެ ކުރިން ފިހާރަތަކުން ކުރަމުން ދިޔައީ ދުވާލު ގަޑީގަ އެވެ. އެކަމުގެ ސަބަބުން މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިގާވެ އުޅެން ދަތިވެގެން ސަރުކާރުން ކުއްލިއަކަށް މަނާކުރުމުން ވިޔަފާރިވެރިން "ރަތަށް އެރި" އެވެ. އެ ބަދަލު އެންމެ ފުރަތަމަ ގެންނަން ނިންމިއިރު ވިޔަފާރިވެރިންނާ މާ ބޮޑު މަޝްވަރާއެއް ނުކުރެ އެވެ. ނަމަވެސް ވިޔަފާރިވެރިންގެ ޝަކުވާތަކާ ހެދި އެ ބަދަލު ގެނައުން އެއް ހަފުތާއަށް ލަސްކުރުމަށް ފަހު މުދާ އުފުލާ ގަޑިއަށް ބަދަލުތަކެއް ސަރުކާރުން ގެނަ އެވެ.
މުދާ އުފުލާ ގަޑި ދެވަނަ ފަހަރަށް ބަދަލުކުރުމުން ވެސް ވިޔަފާރިވެރިން ހިތްހަމަނުޖެހެ އެވެ. ނަމަވެސް ސަރުކާރުން ގޮތްދޫނުކޮށް ހިފެހެއްޓުމުން، ވިޔަފާރިވެރިންނަށް އިތުރު ގޮތެއް ނެތުމުން ސަރުކާރުގެ ނިންމުން ބަލައިގަންނަން މަޖުބޫރުވީ އެވެ. އެކަން ބޮޑެތި ބައެއް ވިޔަފާރިވެރިންނާ ވާހަކަދެއްކުމުން އެނގެ އެވެ.
ސަރުކާރުން ނިންމި ނިންމުމަށް ފާޅުގައި ފާޑުކިޔަން ގިނަ ވިޔަފާރިވެރިން ޖެހިލުންވެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައެއް ވިޔަފާރިވެރިންނަށް ދައުވަތު ދެއްވައިގެން ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ޝަކުވާތައް އޮއްސާލި އެވެ. އަދި އެ ޝަކުވާތައް އަޑު އެއްސެވުމަށް ބައެއް ކުދިކުދި ބަދަލުތައް ގެނައި ނަމަވެސް ގިނަ ވިޔަފާރިވެރިން ބޭނުންވި ގޮތަކަށް ގަޑި ބަދަލެއް ނުކުރި އެވެ
ފިހާރައަކަށް ގެންދާ މުދާތަކެއް ޕިކަޕަކަށް އަރުވައިގެން ގެންދަނީ: ރޭގަނޑު މުދާ ޑެލިވާކުރަން ލިބޭ ވަގުތު ކުޑަވުމުން ބައެއް ތަކެތި ފިހާރަތަކުން ލިބުން ވަނި ދަތިވެފައި. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ވިޔަފާރިވެރިންގެ ޝަކުވާތައް އަދިވެސް އޮތީ ހަމަ އެގޮތަށެވެ. އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ގުދަންތަކުން މުދާ ނެރެގެން އަމިއްލަ ފިހާރަތަކަށް ގެނައުމަށާއި ރަށު ތެރެއަށް ސަޕްލައިކުރަން ބޭނުންވާ ވަރަށް ނުކުރެވުން އަދި ވިޔަފާރިކުރަން ލިބޭ ވަގުތުކޮޅު ކުޑަވުމެވެ. މި މައްސަލަތަކުގެ ސަބަބުން އާއްމުންނަށް އޭގެ ދަތިކަން އަންނަނީ ފޯރަމުންނެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ އިރުއޮއްސި ހައެއް ޖަހާއިރު ގުދަންތަކުން މުދާ ނެރެގެން ރޭގަނޑު އަށެއް ޖެހުމުގެ ކުރިން މުދާ ފިހާރަތަކަށް ވައްދައި ނުނިމޭ ކަމަށެވެ. އެހެންވެ މިހާރު ރޭގަނޑު ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގަނޑު އެންމެ ގިނަ ބަޔަކު ވިޔަފާރިކުރަން ނުކުންނަ ގަޑިއަށް އަޅުގަނޑުމެންނަށް މުދަލެއް ނުވެއްދޭ ހުރިހާ ފިހާރަތަކަށް. އެހެންވެ ރޭގަނޑު ސޭލްސް މިހާރު އަންނަނީ ދަށްވަމުން. ދުވާލު ގަޑީގައި އާއްމުން ބިޒީވުމުން މީގެ ކުރިން ވެސް ވިޔަފާރި ވަރަށް ނުކުރޭ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުން ބުނަނީ ރޭގަނޑު އާއްމުންނަށް ވިޔަފާރިކުރަން ލިބޭ ވަގުތު އިތުރުކޮށްފި ނަމަ ވިޔަފާރިވެރިންނަށާއި އާއްމުންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
"ރޭގަނޑު އަށަކާއި ދިހައަކާ ދެމެދު މީހުންނަށް ވިޔަފާރިކުރަން ނުކުމެވެނީ. އެގަޑިއަށް އަޅުގަނޑުމެންނަށް މުދަލެއް ނުވެއްދޭ ފިހާރަތަކަށް. މީގެ ކުރިން ތިބެނީ ހެނދުނު ތައްޔާރުވެގެން ފިހާރަތަކަށް މުދާ ވައްދަން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިން ބުނަނީ ރޭގަނޑު ވިޔަފާރިކުރަން ލިބޭ ވަގުތު 11 ޖެހުމާ ހަމަޔަށް އިތުރުކޮށްފި ނަމަ ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑު ވެސް އެބަޖެހޭ ބައެއް ޑެލިވަރީތައް އަންނާތީ ދަންވަރު ބާރަ ޖަހަންދެން ވެސް ފިހާރާގައި ތިބެން. އެހެން ނޫނީ އަނެއް ދުވަހަށް ބޭނުންވާ ފެނާއި ކާޑެއް ނުހުންނާނެ. ހޭލާ ކޮންމެ ރެއަކު ނުހުރެވޭތީ ބައެއް ދުވަސް ދުވަހު ފެނާއި ކާޑެއް ނުލިބޭ،" މާފަންނުގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.
މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވީ ފެނާއި ކާޑު ސަޕްލައިކުރާ ކުންފުނިތަކަށެވެ. ދުވާލާއި ރޭގަނޑު ކުރަމުންގެންދިޔަ މަސައްކަތް ހަމައެކަނި ރޭގަނޑަށް ބަދަލުކުރުމުން ބައެއް މާލޭގެ ބައެއް ފިހާރަތަކުން ފެނާއި ކާޑު ހުސްވި އެވެ. އަދި ފެނުގެ ޑިމާންޑް އިންތިހާއަށް މަތިވެ، ބައެއް ކުންފުނިތަކަށް ފެން ސަޕްލައިކުރުން ހުއްޓުމަކަށް އަ އެވެ.
މާލޭގައި ފެން ގިނަ އަދަދަކަށް ސަޕްލައިކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވީ ރޭގަނޑު ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތައް މަދުވުމުން ޑެލިވަރީކުރަން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހައްލެއް ގެނެސްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެންމެ ފުރަތަމަ ރޭގަނޑު ޑެލިވަރީކުރަން ފަށަނީ ފިހާރަތަކަށް. އޭގެ ފަހުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކަށް ފެން ސަޕްލައިކުރަންކުރަން ފަށަނީ. އެތަންތަން ހުޅުވާފައި ބެހެެއްޓޭ ގަޑިއިތުރުކުރުމުން ޑެލިވަރީކުރަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ،" އެ ބޭފުޅާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންނަށް ލިބޭ ވަގުތުކޮޅު ކުޑަކަން ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީން ވެސް ގަބޫލުކުރެ އެވެ. އެހެންވެ އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހުޅުވާފައި ބެހެއްޓޭ ގަޑި ދަންވަރު 1:00 އަށް އަދި ޕެޓްރޯލް ޝެޑްތައް ދަންވަރު 12:00އާ ހަމަޔަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި އޭގެ އިތުރުން ވިޔަފާރިތައް 24 ގަޑިއިރު ހިދުމަތް ދެވޭ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ފިހާރަތަކާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓުތައް މީގެ ހައެއްކަ އަހަރު ކުރިން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް މާލެތެރޭގައި އެކި ކަހަލަ ކުށްކުރުން އިތުރުވުމުން އެކަން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރު ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް ފުޅާވެ، އާއްމުން ބޭނުންވާ ބައެއް ތަކެތި ރޭގަނޑު 10:00ގެ ފަހު ލިބެން ނުހުންނަ ކަމުގެ ޝަކުވާ ކުރެ އެވެ.
ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ކުކުޅުތަކެއް މީހަކު ބަލަނީ: ރޭގަނޑު ވިޔަފާރިކުރަން ލިބޭ ވަގުތު އިތުރުކުރަން ޖެހޭ ކަމަށް ވިޔަފާރިވެރިން ބުނޭ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ސާމާނު ގަންނަން ރޭގަނޑު އެކަށީގެންވާ ވަގުތު ނުލިބޭ ނަމަ ވަގުތު އިތުރުކޮށްދިނުމަށް ސަރުކާރުން ވިސްނާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވޭ ރޭގަނޑު ވިޔަފާރިކުރަން ލިބޭ ވަގުތު އިތުރުކޮށްދޭކަށް. ނަމަވެސް ވިޔަފާރިވެރިންނާއި އާއްމުންގެ ފަރާތުން އެފަދަ ކަމެއް ހުށަހަޅައިފި ނަމަ އެކަމާ މެދު ވިސްނާނެ،" އޭނާ ވިދާޅުވި އެވެ.
ތައުފީގް ވިދާޅުވީ ވިޔަފާރިވެރިން ބޭނުންވާ މުދާ ސްޓޮކްކުރަން ރޭގަނޑު އިތުރު ވަގުތު ބޭނުންވެދާނެ ކަމަށެވެ. އަދި އެ މައްސަލަ ވެސް ހުށަހަޅައިފި ނަމަ ހައްލުކޮށްދޭން ސަރުކާރުން ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެބަ ވިސްނުން ގެންގުޅޭ 24ގަޑިއިރު ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން. އަޅުގަނޑުމެން އެކަންކުރާނީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެކަން ކުރާ ގޮތަށް ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު،" ތައުފީގް ވިދާޅުވި އެވެ.
ރޭގަނޑު ވިޔަފާރިކުރަން ލިބޭ ވަގުތުކޮޅު ކުޑަވުމަކީ ވިޔަފާރިވެރިންނަށާއި އާއްމުންނަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމެކެވެ. ދާދި ފަހުން ގެނައި ބަދަލާ އެކު އެކަން މިހާރު މިދަނީ ފެންނަމުންނެވެ.
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
ބަދަލާއެކު މުދަލުގެ އަގު ބޮޑެއް ނުވާނެ: އެސްޓީއޯ
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ
މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނަން:ސައީދު
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ހަވީރު 6 ގެ ފަހުން ވެސް ތޮއްޖެހުމެއް ނުފެނުނު
ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ، ގަވާއިދު ގޯސް!
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
މިދިޔަ އަހަރު 15،500 އެއްހާ ސައިކަލް އެތެރެކުރި
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު