04 އެޕްރީލް 2018
މަޖޫރީންގެ ބަދަލުގައި މުދާ ކްލިއާ ކޮށްދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓީމެއް ނެރެން ޖެހިދާނެ ކަމަށް ސަރުކާރުން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.
މަޖޫރީންގެ ބަދަލުގައި މުދާ ކްލިއާ ކޮށްދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓީމެއް ނެރެން ޖެހިދާނެ ކަމަށް ސަރުކާރުން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މާލެ ތެރެއަށް މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކުރުމުން، ކަސްޓަމް ސަރަހައްދުގައި މުދާ ކްލިއާކުރާ މަޖޫރީން ވަނީ މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފަ އެވެ. އަދި ދެ ގުނަ އަގު ބޮޑުކޮށް މަޖޫރީން އިއްޔެ މަސައްކަތް ފެށުމުން ސަރުކާރުން އިއްޔެ ބުނެފައި ވަނީ އެކަން ހައްލުކޮށް، މުދަލުގެ އަގު ބޮޑުވިޔަ ނުދޭން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވަނީ، ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
މުދާ އެތެރެކުރާ ފަރާތްތަކާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލު ކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވިޔަފާރިވެރިއަކު ވިދާޅުވީ މަޖޫރީންގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން އެމްޕީއެލްގެ ޓީމެއް ނެރެން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
"މިނިސްޓަރު ވިދާޅުވީ މަޖޫރީން އަގު ބޮޑުކުރާ މައްސަލަ އަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް. އަދި އެކަމަށް އެމްޕީއެލްގެ ޓީމެއް ނެރެން ޖެހިއްޖެ ނަމަ ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި. ވިޔަފާރިވެރިން ވަނީ އަގު ބޮޑުކޮށް މުދާ ކްލިއާ ކުރަން ޖެހުނީމަ އެކަމުގައި ހުރި މައްސަލަތައް ކިޔައިދީފައި،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ އެމްޕީއެލުން ޓީމެއް ނެރެގެން މުދާ ކްލިއާ ކުރަން ޖެހުނަސް ވިޔަފާރިވެރިންގެ މައްސަލައެއް ނެތް ކަމަށެވެ.
"މުދާ އެތެރެކުރާ މީހުން ބޭނުން ވަނީ އަގު ހެޔޮކޮށް މުދާ ކްލިއާކުރަން. އެކަން އަގު ހެޔޮކޮށް ކުރެވެންޏާ ވިޔަފާރިވެރިންގެ ޝަކުވާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މަޖޫރީންގެ މައްސަލައިގެ އިތުރުން ދުވާލު ގަޑީގައި މިހާރު ހުސްކޮށް އޮންނަ ޓީ ޖެޓީ ބޭނުންކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް ހުށަހަޅައިފަ އެވެ.
މުދާ އެތެރެކުރާ ފަރާތްތަކާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލު ކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު އިއްޔެ ވިދާޅުވެފައި ވަނީ ދުވާލުގެ ވަގުތު މުދާ އުފުލުން މަނާކުރުމާ ގުޅިގެން، މަޖޫރީން އެ މީހުންގެ މަސައްކަތުގެ އަގު ބޮޑު ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށާއި، އެކަމުގެ ތެރެއަށް ސަރުކާރުން ވަދެގެން ވިޔަސް އެ މައްސަލަ ހައްލު ކުރާނެ ކަމަށެވެ.
ސައީދު ވިދާޅުވީ، އަގު ތިރިނުކޮށް މަަޖޫރީން މަސައްކަތް ކުރާ ނަމަ، އެ މަސައްކަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް އެ މަސައްކަތް ކުރަން ޖެހުނަސް، އަގު ހެޔޮކޮށް މަޖޫރީންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަޖޫރީންގެ އަގު ބޮޑު ވާނަމަ، ބޮޑު ކޮށްފިނަމަ ސަރުކާރުން އެކަމަކަށް އިންޓަވީން ކުރާނަން. އަދި އެ ހިދުމަތަކީ ހުޅުވާލެވިފައިވާ ހިދުމަތަކަށް ހަދާނަން... އެގޮތުން ހައްލު ނުވެއްޖެއްޔާ ސަރުކާރުން އެކަން ހައްލު ކުރާނަން. މާނަ އަކީ ސަރުކާރުން ކުންފުންޏަކުން ހިދުމަތް ދީގެން ނަމަވެސް އެކަން ހައްލު ކުރާނަމޭ،" މަޖޫރީންގެ ހިދުމަތަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ހިދުމަތެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ހަލީމް މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުނިން އެ މަސައްކަތްކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެކަން އެމްޕީއެލް އިން ކުރާނެ ކަމަށެވެ.
ދުވާލުގެ ވަގުތުގައި މުދާ އުފުލުން މަނާކުރުމުން ވިޔަފާރިތަކަށް އަސަރު ކުރި ކަމުގައި ވިޔަސް، އޮފީސް ގަޑިތަކުގަ އާއި ސްކޫލް ގަޑިތަކުގައި މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ އަށް މިހާރު ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފަ އެވެ.
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ
މަޖޫރީން އަގުބޮޑުކުރާ މައްސަލަ ހައްލު ކުރާނަން: ސައީދު
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
ގުދަންކުރަން މަޖޫރީން ވަކި އަގެއް ނަގަނީ
ސަރުކާރުން ބޭނުންވާ މަންޒަރު މަގުމަތިން ފެނިއްޖެ!
މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނަން:ސައީދު
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރަށް