29 މާޗް 2018
ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބޮޑެތި ވިޔަފާރިވެރިންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އޮއްސާލައިފި އެވެ.
ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބޮޑެތި ވިޔަފާރިވެރިންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އޮއްސާލައިފި އެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި މުދާ އުފުލުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު އިއްޔެ ވަނީ ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ބޮޑު ވިޔަފާރި ކުންފުންޏެއްގެ ވެރިއަކު މިއަދު ވިދާޅުވީ ރޭގަނޑު ދަންވަރު ހޭލައި ތިބެގެން މަސައްކަތްކުރަން ޖެހުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރަށް ދެންނެވި ކަމަށެވެ. އަދި އެތަނުގައި ތިބި ބައެއް ވިޔަފާރިވެރިން ވަނީ ހަވީރު 4:00ން ރޭގަނޑު 12:00އާ ދެމެދު މުދާ އުފުލޭ ގޮތަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިރީހަކަށް ވިޔަފާރިވެރިން އެ ބައްދަލުވުމުގައި ބައިވެރިވި. އެއްވެސް މީހަކު އެއްބަހެއް ނުވޭ ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގަޑީގައި އެ މަސައްކަތްކުރަން. އެންމެން ވެސް ބުނީ އެ ގަޑީގައި މަސައްކަތްކުރަން ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށް،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެންދުރު 12:00ން ފެށިގެން 2:00އާ ދެމެދު މުދާ އުފުލުން ހުއްޓާލަން ވެސް ބައެއް ވިޔަފާރިވެރިން ހުށަހެޅި ކަމަށެވެ. އަދި ހޭލައި ތިބެގެން ދަންވަރު މަސައްކަތްކުރަން ޖެހޭ ނަމަ ތަކެތީގެ އަގު އުފުލޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ކަންތައްތައް ހުށަހެޅުމުން މިނިސްޓަރު ނޯޓު ކުރެއްވި. މިނިސްޓަރު ވިދާޅުވި ވިސްނަވާނެ ކަމަށް. ނަމަވެސް މިހާރު ކަނޑައަޅާފައިވާ މުއްދަތު ފަސްކުރައްވާނެ ކަމަކަށް ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވާ ގޮތް ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ އެމްޕީއެލްއާ ވެސް ބައްދަލުކުރިން. އެތަނުގައި މަސައްކަތްކުރާ މަޖޫރީންގެ ތެރެއިން އެއްވެސް ބަޔަކު އެއްބަހެއް ނުވޭ އެގޮތަށް މަސައްކަތްކުރާކަށް. އަދި މިހާރު ހަމަޖެއްސި ގަޑިތަކުގައި މަސައްކަތްކުރަން ޖެހޭ ނަމަ އަގުބޮޑުކުރާނެ ކަމަށް ވެސް ބުނި،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ މިހާރު ދުވާލަކަށް 2،500ރ. އަށް މަސައްކަތްކޮށްދޭ މަޖޫރީން ވަނީ 5،000ރ. އަށް އަގު ބޮޑުކުރާނެ ކަމަށް ބުނެފައި ކަމަށެވެ. އަދި ލޮރީ ޑްރައިވަރުން ވެސް ދަތުރެއްކޮށްދޭން ނަގާ އަގު 420ރ. އިން 800ރ. އަށް ބޮޑުކުރާނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުޅާ ދާއިރާއެއްގައި ފެން ބަންދުކޮށްގެން ވިއްކާ ހެޕީ މާކެޓުގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މިނިސްޓަރު އިއްޔެ ބޭއްވި ބައްދަލުވުމުގައި މިހާރަށް ވުރެ ޓްރެފިކަށް ބާރު ބޮޑު ނުވާނެ ގޮތަށް މުދާ އުފުލޭނެ ގޮތްތަކެއް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން މެންދުރު 11:30 ން 1:30އަށް މުދާ އުފުލުން ހުއްޓާލަން ވެސް ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ހަވީރު 5:30 ން ރޭގަނޑު 7:30 އަށް ވެސް ދަތުރުތައް ނުކުރަން ބައެއް ވިޔަފާރިވެރިން ހުށަހެޅި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިނޫން ގޮތަކަށް ކުރާކަށް ޕްރެކްޓިކަލް ސޮލިއުޝަނެއް ނުފެނޭ. އަޅުގަނޑުމެން ވެސް އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް ހުށަހަޅާފައިވާނެ. އެގޮތުން މާލެއިން ބޭރު ސަރަހްދުން ގުދަންކުރަން ޖާގަ ދޭން އެދުނިން. މިހާރު މާލެ ތެރޭގައި ގުދަންތަކަށް ފެން ކޭސްތައް ވައްދާފައި ބަހަންވީމަ ވަރަށް އުނދަގޫވޭ،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފެން ކޭސްތައް މާލެތެރެއަށް ޑެލިވަރީކުރަން ހަމައެކަނި ރޭގަނޑަށް ބަދަލުކުރި ނަމަވެސް ކަސްޓަމަރުން ބޭނުންވާ އަދަދަށް ފެން ޑެލިވާއެއް ނުކޮށްދެވޭނެ ކަމަށެވެ.
"ރޭގަނޑު އާއްމުކޮށް މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ. އެ ގަޑީގައި އެކަނި ފެން ޑެލިވާކުރާ ގޮތަށް ހަދައިފި ނަމަ ހުރިހާ ތަނަކަށް ޑެލިވަރީ ނުކޮށްދެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އެމްޕީއެލް އިން މުދާ ނެރެގެން ގެންދާ ވެހިކަލްތަކަކީ އާއްމުކޮށް މަގުމަތީގައި މަޑުކޮށްގެން މުދާ ބާލާ ވެހިކަލްތަކެއް ނޫން ކަމަށްވާތީ އެ ވެހިކަލްތައް އިސްތިސްނާ ކޮށްދޭން ވެސް ވިޔަފާރިވެރިން އެދުނު ކަމަށެވެ.
"އެމްޕީއެލް ސަރަހައްދުން މުދާ ހިފައިގެން ދަތުރުކުރާ ވެހިކަލްތަކަކީ މަގުމައްޗަށް މަޑުކުރާ އެއްޗެއް ނޫން. އެވެސް މަޑުކުރަން ޖެހެނީ ކޮންމެ ވެސް ހިސާބަކުން ޓްރެފިކް ތާށިވިމަ. އެކަން އިސްތިސްނާކޮށްދިނުމަށް އެދުނިން،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޓްރެފިކް ތޮއްޖެހޭ މައްސަލަ ދިމާވާ ސަބަބުތައް ދެނެގަންނަން އެބަޖެހޭ ކަމަށެވެ. އެގޮތުން އާއްމުކޮށް ޓްރެފިކް ތޮއްޖެހެނީ ސައިކަލްތައް އިންތިހާއަށް އިތުރުވުމާއި ކުނި އުފުލާ ލޮރީތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ ބޯ ފެނާއި އެހެނިހެން ބުއިންތަކާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި އެ ނޫން ވެސް ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.
އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކޮށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލަކީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންގެ ރައްކާތެރިކަމަށާއި ލުއި ފަސޭހަ ކަމަށް ބެލުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.
"މިފަދަ ކަންކަމަށް އަންނަ ބަދަލުގެ ތެރެއިން ބޭރު ގައުމުތަކުގެ ސިޓީތައް ބިޒީ ވެއްޖެނަމަ، މިކަހަލަ ބަދަލުތައް އެ ގައުމުތަކުން ވެސް ގެނެސްފައި ވަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޓްރާންސްޕޯޓުން ގެނައި ބަދަލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރާ ގޮތަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް އަދި ނާންނަ ކަމަށެވެ. އެކަމަކު، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަ، އެކަން ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ
ސަރުކާރުން ބޭނުންވާ މަންޒަރު މަގުމަތިން ފެނިއްޖެ!
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް
އެފްޓީއޭ ހަދަން ޖެހުނީ އެކަށީގެންވާ އަގު ނުލިބޭތީ
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ
މަޖޫރީން އަގުބޮޑުކުރާ މައްސަލަ ހައްލު ކުރާނަން: ސައީދު