Roadha Mihaaru
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް

24 ގަޑި އިރުގެ ވިޔަފާރިތައް ބެލެހެއްޓުން ކައުންސިލްތަކަށް

07 ޖެނުއަރީ 2019

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑި އިރު ހުޅުވާލުމުން އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ ކަންކަން ކުރާނީ ކައުންސިލްތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑި އިރު ހުޅުވާލުމުން އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ ކަންކަން ކުރާނީ ކައުންސިލްތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ 24 ގަޑި އިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާލުމުގެ ގޮތުން މިހާރު ކުރިއަށްދާ ކަމަކީ ސަރަހައްދުތައް ކަނޑައެޅުން ކަމަށެވެ. އެ މަސައްކަތްތައް ކުރާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިސާމް ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ތަންތަން ކަނޑައެޅުމަށް ފަހު، އެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރުމުން އެކަން އާންމުކޮށް އިއުލާނު ކުރާނެ އެވެ.

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑިއިރަށް ހުޅުވާލުމުން ކައުންސިލްތަކުން އެތަންތަން ބެލި ކަމަށް ވިޔަސް ނިންމުންތައް ނިންމާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑި އިރަށް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނެ ކަމެކެވެ.

ހާއްސަ ޝަރުތުތަކާ އެކު 24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ފެށީ ޖެނުއަރީ 1 ގަ އެވެ.

24 ގަޑިއިރު ހިންގަން ހުއްދަ ދޭ ބައެއް ޝަރުތުތައް

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން

- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން

ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

މިގޮތަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭއިރު 2،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ.

ޝަރުތުތަކާ ހިލާފްވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފެހެއްޓެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، އެއްކޮށް ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.