Roadha Mihaaru
މަޖޫރީން އަގުބޮޑުކުރާ މައްސަލަ ހައްލު ކުރާނަން: ސައީދު

މަސައްކަތުގެ އަގު މަޖޫރީން ބޮޑުކުރާނަމަ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ، މައްސަލަ ހައްލު ކުރާނަން: ސައީދު

03 އެޕްރީލް 2018

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމާ ގުޅިގެން، މަޖޫރީން އެ މީހުންގެ މަސައްކަތުގެ އަގު ބޮޑު ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށާއި، އަގު ބޮޑު ކުރާނަމަ އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ އެ މައްސަލަ ހައްލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމާ ގުޅިގެން، މަޖޫރީން އެ މީހުންގެ މަސައްކަތުގެ އަގު ބޮޑު ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށާއި، އަގު ބޮޑު ކުރާނަމަ އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ އެ މައްސަލަ ހައްލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އާ އުސޫލާ ގުޅިގެން މަސައްކަތް ހުއްޓާލުމަށް ފަހު އިއްޔެ މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށާފައިވަނިކޮށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ނޫސްވެރިނާ ބައްދަލުކޮށް ސައީދު ވިދާޅުވީ، މަޖުރީން އަގުބޮޑު ކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އަގު ބޮޑުކޮށްފައިވާނަމަ، ކުރިއެކޭ އެއްގޮތަށް އެކަން ބަދަލު ކުރަން ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

ސައީދު ވިދާޅުވީ، އަގު ތިރިނުކޮށް މަަޖޫރީން މަސައްކަތް ކުރާނަމަ، އެ މަސައްކަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ. އަދި ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް އެ މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަ ވެސް، އަގު ހެޔޮކޮށް މަޖޫރީންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މަޖޫރީންގެ އަގު ބޮޑުވާނަމަ، ބޮޑު ކޮށްފިނަމަ ސަރުކާރުން އެކަމަކަށް އިންޓަވީން ކުރާނަން. އަދި އެ ހިދުމަތަކީ ހުޅުވާލެވިފައިވާ ހިދުމަތަކަށް ހަދާނަން... އެގޮތުން ހައްލު ނުވެއްޖެއްޔާ ސަރުކާރުން އެކަން ހައްލު ކުރާނަން. މާނަ އަކީ ސަރުކާރުން ކުންފުންޏަކުން ހިދުމަތް ދީގެން ނަމަވެސް އެކަން ހައްލު ކުރާނަމޭ،" މަޖޫރީންގެ ހިދުމަތަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ހިދުމަތެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖޫރީންގެ އިތުރުން ކަސްޓަމުން މުދާ ނެރެ ލޮރީތަކުގެ އަގަށް ވެސް އަލަށް އަމަލު ކުރަން ފެށި އުސޫލާ ގުޅިގެން އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެގޮތުން އަގަށް ބަދަލު ގެންނަ ނަމަ، އެމްޕީއެލްގައި މިހާރު އޮންނަ ކިއު ތަރުތީބު އުވާލައި، އިތުރު ލޮރީ ޑްރައިވަރުންނަށް އެމްޕީއެލް އަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިން އަމިއްލަ އަށް މުދާ ކްލިއާކުރުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާއި، އެއީ ވެސް މި މަސައްކަތުގެ ދަށުން އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ލޮރީ ޑްރައިވަރުންގެ މަައްސަލައެއް އުޅޭކަމަކަށް އަޅުގަނޑަކަށް ރަސްމީ ސިފައެއްގަ އެނގިފައެއް ނެތް. އެހެންނަމަ ވެސް މިސާލަކަށް މައްސަލައެއް އޮވެ، އަގުބޮޑު ކުރާނަމަ އަޅުގަނޑުމެން އެ ކިއު ތަރުތީބު ދެން ޖެހޭނީ އުވާލަން،" އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވެސް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

ކިއު ތަރުތީބު އުވާލައި، އިތުރު ލޮރީތަކަށް އެމްޕީއެލް އަށް ވަނުމުގެ ހުއްދަ ދީގެން ވެސް އަގު ބޮޑުވާނަމަ އެކަން ވެސް ހައްލު ކުރާނީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެގެން ކަމަށް ސައީދު ވިދާޅުވި އެވެ.

"[ކިއު ތަރުތީބު އުވާލައި، އިތުރު ލޮރީތަކަށް ފުރުސަތު ދީގެން ވެސް] މިކަން ހައްލު ނުވާނަމަ ހަމަ އަޅުގަނޑުމެން ސަރުކާރުން މި ހިދުމަތް ދޭން ޖެހޭނީ. އެއީ އަޅުގަނޑުމެންގެ އަމާޒެއް ނޫން ގަޑިއަށް މި ގެނައި ބަދަލާ ގުޅިގެން ތަކެތި އަގުބޮޑު ކުރުމަކީ،" ސައީދު ވިދާޅުވި އެވެ.

އެމްޕީއެލް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރަނީ ވެސް ޓްރެފިކް ހައްލު ކުރަން

ސަރުކާރުން މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަނީ ވެސް ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ތިލަފުށީގައި ހަދާ ޕޯޓަކީ މިހާރު މާލޭގައި ހުރި ޕޯޓަށް ވުރެ ތިން ގުނަ އިތުރަށް ކޮންޓެއިނާ ހޭންޑްލް ކުރެވޭ ޕޯޓަކަށް ވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާރު މާލޭ ޕޯޓްގައި 60،000 ކޮންޓެއިނާ ހޭންޑްލް ކުރެވޭއިރު، ތިލަފުށީގައި ހެދިގެންދާ ޕޯޓުގައި 180،000 ކޮންޓެއިނާ ހޭންޑްލް ކުރެވޭނެ ކަމަށެވެ.

ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގެ އިތުރުން، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި މަސައްކަތްތައް ފެށިގެން ދިއުމުން މާލެ ތެރޭގެ ޓްރެފިކް "އައުޓްބައުންޑް"ވެ ބޭރު މަގުތަކަށް ވަރަށް ބޮޑަށް ބަދަލުވެގެން ދިއުމުން، މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ވެހިކަލް ގެނައުން ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން

ސައީދު ވިދާޅުވީ، ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކޮށްގެން، ޓްރެފިކް މައްސަލަ ހައްލު ކުރުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ޓްރެފިކް މައްސަލަ ހައްލު ކުރާނީ އިތުރު ޕާކިން ސްޕޭސް އާއި މަގުތައް ތަރައްގީކޮށް، "އީޖާދީ ހައްލުތައް" ގެނެސްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އާންމު ރައްޔިތުންގެ ބޭނުންތަކަށް، ވިޔަފާރިވެރިންގެ ބޭނުންތަކަށް، ލޮޖިސްޓިކްސްގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެހިކަލް އެތެރެ ކުރާނެ. އެހެންނަމަ ވެސް މި ސަރުކާރަކީ ކަންކަން ފިއްތައިގެން އެއަށް ހައްލު ހޯދުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އެތައް ހޭދައެއް ކޮށްގެން، އިތުރު ޕާކިން ސްޕޭސް އާއި މަގުތައް ތަރައްގީ ކުރުމާ މަގުތަކަށް ދެން ގެންނަން ޖެހޭ ބަދަތަކާ އެކު ވެހިކަލް އެތެރެވާ ވަރަށް ކްރިއޭޓިވް ހައްލު ނުވަތަ އީޖާދީ ހައްލު ހޯދަން މަސައްކަތް ކުރުން ނޫންތޯ ސަރުކާރުން ކުރަން ވާނެ ކަމަކީ،"

ބްރިޖާއި އެކު ވެސް ޓްރެފިކް މައްސަލަ ވަރަށް ބޮޑަށް ހައްލު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބްރިޖާއި އެކު މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ވެސް ޕާކިން ސަރަހައްދުތައް އިތުރުކޮށް ވަރަށް ބޮޑަށް މެނޭޖް ކުރެވިގެން ދާނެ ކަމަށެވެ.