Roadha Mihaaru
ގުދަންކުރަން މަޖޫރީން ވަކި އަގެއް ނަގަނީ

ކޮންޓެއިނަރު ހުސްކުރުން ސަރުކާރުގެ އަގަށް، ގުދަން ކުރަން އިތުރު އަގެއް

05 އެޕްރީލް 2018

ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭނީ ސަރުކާރުން ކަނޑައެޅި އަގަށް ކަމަށާއި ނަމަވެސް މުދާ ގުދަން ކުރަން ވަކި ފީއެއް ނަގާނެ ކަމަށް މަޖޫރީންގެ ގްރޫޕްތަކުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭނީ ސަރުކާރުން ކަނޑައެޅި އަގަށް ކަމަށާއި ނަމަވެސް މުދާ ގުދަން ކުރަން ވަކި ފީއެއް ނަގާނެ ކަމަށް މަޖޫރީންގެ ގްރޫޕްތަކުން މިއަދު ބުނެފި އެވެ.

މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި، މާލެ ތެރޭގައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ސަރުކާރުން ކަނޑައެޅުމުން، ކޮންޓޭނަރުތައް ހުސްކޮށްދޭ އަގު މަޖޫރީން ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ބުނެ، ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ސަރުކާރުން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރުން އެ ކަމަށް ވަކި އަގުތަކެއް ކަނޑައެޅިޔަސް، މަޖޫރީން ބުނަނީ، ވިޔަފާރި ބަނދަރަށް ބާލާ ކޮންޓޭނަރުތައް ސަރުކާރުގެ އަގަށް ހުސްކޮށްދިން ކަމުގައި ވިޔަސް، ކޮންޓޭނަރުތަކުން ނެރޭ މުދާތައް ގުދަން ކުރުމަށް އިތުރު ފީއެއް ނަގާނެ ކަމަށެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތުން، ހެނދުނު ހަޔަކުން ރޭގަނޑު 12 އާ ދެމެދު 20 ފޫޓުގެ ކޮންޓެއިނަރުތަކުން ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން މުދާ ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 2،500ރ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރަކުން ނެގޭނެ އެންމެ ބޮޑު އަގަކީ 5،000ރ. އެވެ. އަދި ރޭގަނޑު 12 އިން ހެނދުނު ހަޔަކާ ދެމެދު 20 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ 3،000ރ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ ގިނަވެގެން 5،500ރ. އެވެ.

ސަރުކާރުން ކަނޑައެޅި އަގާ ބެހޭ ގޮތުން، ވާހަކަދެއްކި މަޖޫރީންގެ ގްރޫޕްތައް ހިންގާ މީހަކު ބުނީ އިއްޔެ ކަނޑައެޅި އަގަށް ކޮންޓެއިނަރު ހުސްކޮށް، ލޮރީތަކަށް އަރުވައިދޭނެ ކަމަށެވެ. އަދި ގުދަން ކުރަން ވަކި އަގެއް ނަގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހާ ބުނީ ލޮރީ އަށް އަރުވާ މުދާ ގުދަނަށް ބާލައިދޭނީ 3،000ރ. އަށް ކަމަށެވެ. ނަމަވެސް އެ އަގަށް ހުރިހާ ގްރޫޕްތައް އެއްބަސްވި ކަމެއް އަދި ނޭނގެ އެވެ.

"ސަރުކާރުން ކަނޑައެޅީ ކޮންޓެއިނަރު ހުސްކޮށްދޭން ޖެހޭ އަގު. ދެން ވިޔަފާރިވެރިން ނިންމާނީ ގުދަކުރަން ވަކި އަގެއް ދޭނެތޯ. އަޅުގަނޑުމެންނަށް ދެން ގުދަން ކޮށްދެވޭނީ ވަކި ފީއެއް ނަގައިގެން،" އޭނާ ބުންޏެވެ.

މީގެ އިތުރުން ކޮންޓެއިނަރަށް ނުލާ އެތެރެކުރާ މުދަލަށް ނެގޭނެ އެންމެ ބޮޑު އަގަކީ ދާގީނާއަކަށް 6.ރ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ކޮންޓެއިނަރު ހުސްކޮށްދޭނެ އަގާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް މަޖޫރީން އަންގާފައިވާ ކަމަށެވެ.

"މިހާރު އެހެރީ ކޮންޓެއިނަރު ނޫން ގޮތްގޮތަށް ގެންނަ ތަކެތި ބާލައިދޭ އަގު ބޮޑު ކޮށްދީފައި ހަތަރު ރުފިޔާ އިން ހަ ރުފިޔާ އަށް. އަޅުގަނޑުމެން އިއްޔެ ވެސް މިނިސްޓަރަށް ދެންނެވިން މަޖޫރީން ލައްވައި މި ކަންކުރެވޭނީ އެ މީހުން ބުނި އަގެއް ދީގެންނޭ. ނޫނީ އަޅުގަނޑުމެން އަމިއްލައަށޭ ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން ވައްދައިގެން މުދާ ނެރެފިއްޔާ މާ ފައިދާވާނެ. އެކަމަކު މައްސަލައަކީ އެ މަސައްކަތްކުރެވޭ މިންވަރަށް ކޯޓާ ނުލިބޭތީ."

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މުދާ ހުސްކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލުކޮށްފަ އެވެ. އެ މީހުން އަލުން އިއްޔެ މަސައްކަތް ފެށީ މުދާ ހުސްކުރުމުގެ އަގު ބޮޑު ކުރުމަށް ފަހު އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބަނދަރުގައި މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން، އެ އަގަށް މުދާ ހުސް ކުރުމުގެ މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން އެމްޕީއެލުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.