Roadha Mihaaru
މަޖޫރީން އަލުން ރަޖިސްޓްރީވާން މުއްދަތެއް ދީފި

ސަރުކާރުން ކަނޑައެޅި އަގަށް މަސައްކަތް ކުރާނެ މަޖޫރީން ރަޖިސްޓްރީވާން އަންގައިފި

04 އެޕްރީލް 2018

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން، އެ އަގަށް މުދާ ހުސް ކުރުމުގެ މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން، އެ އަގަށް މުދާ ހުސް ކުރުމުގެ މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްއިން އެގޮތަށް އެންގީ އެ ބަނދަރުގައި މުދާ ހުސް ކުރުމުގެ މަސައްކަތަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައަޅައި، މިއަދު އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލް ކުރުމާ ގުޅިގެންނެވެ. ސަރުކާރުން އެ މަސައްކަތުގެ އަގު ކޮންޓްރޯލް ކުރީ ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެވެ.

އެމްޕީއެލް އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކަނޑައެޅުމާ ގުޅިގެން އެ އަގަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ރަޖިސްޓްރީވާން އަލުން ހުޅުވާލާ ކަމަށެވެ. އެ މަސައްކަތް ކުރާ ފަރާތްތަކުން ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި އެކަން ނުކޮށްފި ނަމަ، ކުރިން ދޫކޮށްފައިވާ ހުއްދަ ބާތިލްވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި ދުވާލު ވަގުތު މުދާ އުފުލުން މަނާ ކުރުމާ ގުޅިގެން، ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލު ކޮށްފަ އެވެ. ފަހުން އެ މީހުން އަލުން މަސައްކަތަށް ނިކުތީ މުދާ ހުސް ކުރުމުގެ އަގު ބޮޑުކޮށް ކުރާ ގޮތަށެވެ. އެކަމަކު ސަރުކާރުން ވަނީ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އޭރު ވެސް ބުނެފަ އެވެ.