Roadha Mihaaru
އިސްލާމިކް ޔުނިވާސިޓީގެ އިމާރާތެއް އެޅުމަށް ބިމެއް ދެނީ

އާ އިމާރާތެއް އެޅުމަށް އިސްލާމިކް ޔުނިވާސިޓީ އަށް ބިމެއް ހަމަޖައްސައި ދޭނަން: ނައިބު ރައީސް

14 ޖުލައި 2016

އިސްލާމިކް ޔުނިވާސިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަށް ޔުނިވާސިޓީގެ އާ އިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމިކް ޔުނިވާސިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަށް ޔުނިވާސިޓީގެ އާ އިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމީކް ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިހާހުކޮށް ދެއްވުމަށް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ޔުނިވާސިޓީ މިހާރު ހިންގަމުން އަންނަ އިމާރާތަކީ ޔުނިވާސިޓީއަށް އެންމެ ފުރިހަމަ ތަނެއް ނޫން ކަމަށެވެ.

ސްޓްރެޓެޖިކް ޕްލޭންގައި އިމާރާތުގެ ދަތިކަމާއި އާ އިމާރާތެއް ނުވަތަ އާ ޖާގައެއް ހޯދަން މަސައްކަތް ކުރުމަށް ޔުނިވާސިޓީން އަމާޒު ހިފާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ފަހަރެއްގައި މި އަހަރު ނުވެދާނެ އެކަން. ނަމަވެސް ސްޓްރެޓެޖިކް ޕްލޭންގެ މުއްދަތުގެ ތެރޭގައި އެކަން ހާސިލް ކުރާނަން،" ރައީސް ޔާމީން ސަރުކާރުގެ ތިން ވަނަ ނައިބު ރައީސް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީ ހިންގަމުން އަންނަނީ ކުރިން މައުހަދާއި ކުއްލިއްޔާ ހިންގި އިމާރާތުގަ އެވެ. އެ ޔުނިވާސިޓީއަށް ޖާގައިގެ ދަތިކަން ހުރި ނަމަވެސް، އެ އިމާރާތަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ޔުނިވާސިޓީގެ ހަތަރު ފެކަލްޓީއަކާއި ތިން ސެންޓަރެއް މިހާރު ވެސް ހުރެ އެވެ.

ޖިހާދު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ކުރިއަށް އޮތް ހަތަރު އަހަރު ތެރެއަށް އަމާޒުކޮށްގެން ކަނޑައަޅާފައިވާ ކަންކަމަށް އެންމެ ބޭނުން އެކައްޗަކީ ފައިސާ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް ފައިސާގެ ގޮތުން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިސްރާބު ޖަހަނީ ޔުނިވާސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާނެ ޔުނިވަރސިޓީއަކަށް ހެދުމަށެވެ. އެހެންވެ ޕްލޭން އެކުލަވާލުމަށްފަހު އޭގަ ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމުގެ މުހިންމު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްްދެއްވުމަށް ފަހު ނައިބު ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްްދެއްވުމަށް ފަހު ނައިބު ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިސްލާމީ ކިއްލާއެއްގެ ގޮތުގައި ދެމި އޮންނަން ޖެހޭނެ އެވެ. އަދި ގައުމު އެކަތިގަނޑަކަށް ހެދުމަށް 2020 ގެ ކުރިން ސްޓްރެޓަޖިކް ޕްލޭންގައި ހުރި ލަނޑުދަނޑިތައް ހާސިލްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ޔުނިވާސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ އެކި ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލި ބައެއް މީހުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ނުދެވުނު ކަމަށެވެ.

ޔުނިވާސިޓީގެ ސްޓްރެޓަޖިކް ޕްލޭންގައި ތިން އަމާޒަކަށް ފަސް ދާއިރާއަކުން 21 ލަނޑުދަނޑި ވަނީ ހިމަނައިފަ އެވެ. މި ޕްލޭން އިފްތިތާހު ކުރުމުގެ އިތުރުން އިސްލާމީ ޔުނިވާސިޓީ އާއި އިސްލާމިކް ފޯރަމް އޮފް އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ފޯރަމް އޮފް އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯގެ ފަރާތުން ދެއްވާ ހާއްސަ އަށްޑަނަ ނައިބު ރައީސަށް ވަނީ އަރުއްވައިފަ އެވެ.