Roadha Mihaaru
އެސްޓީއޯއަށް ލިބުނު ފައިދާ އިތުރެއް ނުވި

އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ އިތުރެއް ނުވި

31 ޖެނުއަރީ 2018

އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު އޭގެ ކުރީ ކުއާޓަރަށް ވުރެ އިތުރުނުވެ، 46 މިލިއަން ރުފިޔާގައި ހިފަހައްޓައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު އޭގެ ކުރީ ކުއާޓަރަށް ވުރެ އިތުރުނުވެ، 46 މިލިއަން ރުފިޔާގައި ހިފަހައްޓައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިން މިއަދު ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 46 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 45.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ވިޔަފާރިއަށާއި ހިންގުމަށް ކުރި ހަރަދު ކެނޑުމުން ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 76.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ހިއްސާދާރުންނަށް މިދިޔަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ހިއްސާއަކަށް 40.86ރ. ޖެހިފައިވެ އެވެ.

ތެލާއި ގޭހާއި ބޭސް އަދި ކާޑުގެ ބާވަތްތަކާއި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އިލެކްޓްރިކް ސާމާނު ވެސް ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުނީގައި ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ ކޮންޓްރޯލްކުރަނީ ސަރުކާރުންނެވެ. އަދި އާއްމުންގެ ހިއްސާއަކީ 18.37 ޕަސެންޓެވެ.