Roadha Mihaaru
ފުނަދޫގެ 4 ތެޔޮ ޓޭންކްގެ މަސައްކަތް އަންނަމަހު ނިމޭނެ

ތެޔޮ ރައްކާކުރަން ފުނަދޫގައި ހަދާ ހަތަރު ޓޭންކްގެ މަސައްކަތް އަންނަ މަހު ނިމޭނެ: އެސްޓީއޯ

29 ޖެނުއަރީ 2018

ތެޔޮ ރައްކާ ކުރަން ކ. ފުނަދޫގައި ހަދާ ހަތަރު ޓޭންކްގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތެޔޮ ރައްކާ ކުރަން ކ. ފުނަދޫގައި ހަދާ ހަތަރު ޓޭންކްގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.

ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރުމަށްޓަކައި، އެންމެ ބޮޑު ސްޓޯރޭޖް ހަދާފައިވާ ތަން ކަމަށް ވާއިރު، އެ ރަށުގައި މިހާރު ހުރީ ޖުމްލަ 24،000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭ އެކި ސައިޒުގެ 10 ޓޭންކެވެ.

އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ ލަންކާގެ ވޯކާސް އެންޑް ސަންސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ ހަތަރު ޓޭންކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 24،000 ޓަނުގެ ޑީސަލް ރައްކާ ކުރެވޭނެ ތިން ޓޭންކަކާއި 4،000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ އެއް ޓޭންކް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހަކަތަ އުފައްދަން ޑީސަލް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައި. އެހެންވެ މި ފަހަރު އިސްކަން ދިނީ ޑީސަލް ރައްކާ ކުރެވޭ ޖާގަ ދެ ގުނަ އިތުރު ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫގެ ޖާގަބޮޑުކުރުމުގެ މަސައްކަތްކުރަނީ: އެތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫގެ ޖާގަބޮޑުކުރުމުގެ މަސައްކަތްކުރަނީ: އެތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ފޮޓޯ: އެސްޓީއޯ

އޭނާ ވިދާޅުވި ގޮތުގައި، ފުނަދޫގައި މިހާރު ހުރި ޖާގާގައި ރައްކާ ކުރެވެނީ ރާއްޖެއަށް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ މިންވަރުގެ ތެލެވެ. އަދި އަލަށް ހަދާ ހަތަރު ޓޭންކާއެކު ފުނަދޫގައި 48،000 ޓަނުގެ ޑީސަލް ރައްކާ ކުރެވޭއިރު، 10،000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) ޚަރަދު ކޮށްގެން ހިންގާ މަޝްރޫއުގެ ދަށުން ފުނަދޫގައި ތެޔޮ ރައްކާ ކުރުމުގެ ޖާގަ ބޮޑުކުރުމުގެ އިތުރުން، ތެޔޮ ޓޭންކަރުތައް ކައިރި ކުރަން ބޭނުންކުރާ މަގަތު ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

އެސްޓީއޯއިން ވަނީ ރާއްޖެއަށް ތެޔޮ އުފުލަން 25،000 ޓަނުގެ ތެޔޮ ޓޭންކަރެއް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސް އިއްޔެ އިފުތިތާހު ކޮށްފަ އެވެ. އެ ކުންފުނިން މީގެ ކުރިން ބޭނުންކުރީ 7،000 ޓަނުގެ ތެޔޮ އުފުލޭވަރުގެ ކުޑަ ޓޭންކަރެކެވެ.