28 ޖެނުއަރީ 2018
އެސްޓީއޯއިން 25،000 ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް ގެނެސް، ތެލުގެ ވިޔަފާރި ވަރުގަދަކޮށްފި އެވެ.
އެސްޓީއޯއިން 25،000 ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް ގެނެސް، ތެލުގެ ވިޔަފާރި ވަރުގަދަކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުނިން އަލަށް ގެނައި ޓޭންކަރަކީ ޖަރުމަނުގެ ކުންފުންޏަކުން 14.7 މިލިއަން ޑޮލަރު (226.6 މިލިއަން ރުފިޔާ) އަށް ގަތް ޓޭންކަރެކެވެ. މީގެ 12 އަހަރު ކުރިން ބަނދެފައިވާ ޓޭންކަރު ރާއްޖެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އެ ކުންފުނިން މިހާތަނަށް ބޭނުންކުރީ 7،000 ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެކެވެ.
އެސްޓީއޯ އިން އަލަށް ގެނައި ތެޔޮ ޓޭންކަރު އިކޮނޮމިކް މިނިސްޓަރު ސައީދާއި އެ ކުންފުނީގެ އިސްވެރިން މިއަދު ބައްލަވާލައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އެސްޓީއޯގެ ތެޔޮ ޓޭންކަރު، "އެމްޓީ އަލިމަސް" ގެ ފުރަތަމަ ދަތުރު ފާހަގަކުރަން އެ ޓޭންކަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެސްޓީއޯގެ ތެލުގެ ކެޕޭސިޓީ ފުޅާކޮށް، ރާއްޖެއަށް އެތެރެކުރާ ތެޔޮ އެ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި ދެމެހެއްޓޭ ގޮތަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށެވެ.
"މިއީ ހަނޑޫ، ހަކުރު، ފުށް ފަދަ އަސާސީ ވަސީލަތެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. މި މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން، މިފަދަ ކޮންމެ ބޮޑު މައްސަލައަކަށް ހައްލު ހޯއްދެވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެ މަނިކުފާނުގެ ނެންގެވި ވަރަށް މުހިންމު ނިންމެވުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ.
އެސްޓީއޯއިން އަލަށް ގެނައި ތެޔޮ ޓޭންކަރު އިކޮނޮމިކް މިނިސްޓަރު ސައީދު (މ) އަދި އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް (ކ) އަދި މެނޭޖިން ޑިރެކްޓަރު ޝަހީރު މިއަދު އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"ސަރުކާރުގެ ސިޔާސަތަކަށް ވެފައި ވަނީ ދިވެހި ރާއްޖެ އަކީ ފުދުންތެރި، ބިނާކުރަނިވި އިގްތިސާދެއް އޮތް ގައުމަކަށް ހެއްދެވުން. އެ މަސައްކަތަށް ލިބެމުން އަންނަ ވަރަށް ބޮޑު ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް މި ފެންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް އެތައް ގުނައެއް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން ތެލަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް ބަލަނީ ރާއްޖެ އަށް ތެޔޮ ގެނެސް، ރައްކާ ކުރޭނެ ސްޓްރެޓީޖިކް ސްޓޯރޭޖް ހެދުމާއި ޑިސްޓްރިބިއުޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން އަލަށް ތެޔޮ ޓޭންކަރު: މިއީ މިހާތަނަށް ރާއްޖެ ގެނައި އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"މިއަދު އަޅުގަނޑުމެން އިފްތިތާހު ކުރާ އެމްޓީ އަލިމަސް ޓޭންކަރަކީ ހަކަތަ ޔަގީން ކުރުމަށްޓަކައި އެސްޓީއޯގެ ތާރީހުގައި ކުރެވެނު އެންމެ ބޮޑު މަސައްކަތް. އަޅުގަނޑުމެން މި ގެނައި ޓޭންކަރަކީ ރާއްޖެ އަށް ބޭނުންވާނެ ތެޔޮ ބޭރުގެ ފަރާތްތަކަށް ބަރޯސާ ނުވެ، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ގެނެވޭ ވަރުގެ ބޮޑު ޓޭންކަރެއް. އަދި އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް ނެތް ވަރުގެ ބޮޑު ޓޭންކަރެއް،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދަކީ ރާއްޖޭގައި ވެސް އަދި އެސްޓީއޯގެ ތާރީޚުގައި ލިޔެވިގެންދާނެ ދުވަހެކެވެ.
"ރާއްޖޭގެ އެއްވެސް ކުންފުންޏަކު މިފަދަ ބޮޑު ޓޭންކަރެއް ނުގެންގުޅޭ. އެހެން ކަމަށް ވުމާއެކު އަޅުގަނޑަށް ޔަގީން ކުރިއަށް އޮތް ތަނުގައި ހަކަތަ ޔަގީން ކުރުމަށްޓަކައި ބޭރުގެ އެއްވެސް ފަރާތެއްގެ އެހީ ހޯދަން ނުޖެހޭނެ،" ޝަހީރު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެ އެއާޕޯޓަށް ބޭނުންވާ ތެޔޮ ގެންނަން މީގެ ކުރިން ވަރަށް ބޮޑު އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.
އެސްޓީއޯގެ އެމްޓީ އަލިމަސް ޓޭންކަރު: މި ޓޭންކަރަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޮޑު ޓޭންކަރެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އެ ކާގޯއަކީ ކްލީން ކާގޯއަށް ވާން ޖެހޭ. ވަކި ސައިޒެއްގެ ޓޭންކަރަކަށް ވާން ޖެހޭ. މިގޮތުން ބައެއް ފަހަރު ރާއްޖެއަށް ބޭނުންވާ ތެޔޮ ބޭނުންވާ ގަޑިއަށް ގެނައުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވެފައި އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ދެ ޓޭންކަރު އޮތުމުން މި ހުރިހާ ދަތިތަކެއް ފިލައިގެން ދިޔައީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖެއިން ބޭރުގެ ބައެއް ފަރާތަކަށް ތެޔޮ ސަޕްލައިކުރި އެވެ. އަދި އެސްޓީއޯ އަށް އަލަށް ގެނައި ޓޭންކަރާއި މިހާތަނަށް ބޭނުން ކުރަމުން އައި ޓޭންކަރު ބޭނުންކޮށްގެން ބޭރުގެ ގައުމުތަކަށް ތެޔޮ ވިއްކައި، ބަންކަރު ކުރަން އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯގެ ދެ ޓަވަރުގެ އަގު 27 މިލިއަން ޑޮލަރު
ފުނަދޫގައި ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނަ އިތުރު
ފުނަދޫގެ 4 ތެޔޮ ޓޭންކްގެ މަސައްކަތް އަންނަމަހު ނިމޭނެ
ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ: އެސްޓީއޯ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުޅުމާލޭގައި ހުޅުވައިފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
އެމްއޭސީއެލް/އެސްޓީއޯ ތެލުގެ އާ އެއްބަސްވުމަކަށް
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ