Roadha Mihaaru
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި

ތެޔޮ ވިއްކާ ރޭޓަށް ބަދަލު ގެނެސް، އެސްޓީއޯ/އެމްއޭސީއެލްގެ އެއްބަސްވުން އާ ކޮށްފި

06 އެޕްރީލް 2023

އެމްއޭސީއެލް އަށް ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއާ އެކު ވެފައިވާ އެއްބަސްވުން މިއަދު އާ ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްއޭސީއެލް އަށް ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއާ އެކު ވެފައިވާ އެއްބަސްވުން މިއަދު އާ ކޮށްފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލަށް އެއް އަހަރު ތެރޭ 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 88،000 ފީފާގެ ޑީސަލް އެސްޓީއޯ އިން ފޯރުކޮށްދޭނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިދިޔަ އަންގާރަ ދުވަހު ހަވާލުވެވަޑައިގެންނެވި ސައީދު ވިދާޅުވީ، އެއްބަސްވުން އާ ކުރީ، ތެލުގެ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ތެޔޮ ފޯރުކޮށްދޭ ރޭޓުތަކަށް ބަދަލު ގެނައުމަށް ފަހު ކަމަށެވެ.

އެހެންވެ، އެސްޓީއޯ އިން އެމްއޭސީއެލަށް މިހާރު ތެޔޮ ވިއްކާނީ ކުރީގެ ރޭޓަށް ވުރެ ބޮޑުކޮށެވެ. އެކަމަކު، އަގު ބޮޑުވި ވަރެއް ދެ ކުންފުނިން ވެސް ނުބުނެ އެވެ.

އެސްޓީއޯ އެމްޑީ ސައީދު. އޭނާ ވިދާޅުވީ، އެމްއޭސީއެލް އިން ބޭނުންވާ އިރަކު، އެ ބޭނުންވާ މިންވަރަކަށް އެކުންފުނިން ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ އެމްޑީ ސައީދު. އޭނާ ވިދާޅުވީ، އެމްއޭސީއެލް އިން ބޭނުންވާ އިރަކު، އެ ބޭނުންވާ މިންވަރަކަށް އެކުންފުނިން ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައީދު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން ދިއުމުގެ ސަބަބުން އަގުތަކަށް ބަދަލު ގެންނަން ޖެހުނީ ކަމަށެވެ. އޭނާ ވިދާޅުވީ، އެސްޓީއޯ އިން ތެޔޮ ގަތުމުން، އެމްއޭސީއެލްގެ ފިއުލް ސްޓޯރޭޖްގެ ކެޕޭސިޓީއާ އެއްވަރަށް އަބަދުވެސް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށެވެ.

"ބޮޑެތި ކުންފުނިތަކުން މިކަން ކުރާ ކަމުގައިވާ ނަމަ އެމްއޭސީއެލް އަށް އެ ބޭނުންވާ ފްރިކުއެންސީގައި ލިބުމުގެ ދަތިތަކެއް ދިމާވެދާނެ. އެކޮޅުން ފޮނުވާ ވެސަލް މިކޮޅުގެ [އެމްއޭސީއެލް] ގެ ހެންޑްލިން ކެޕޭސިޓީ އަށް ވުރެ ބޮޑުވެދާނެ،" މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ސައީދު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވިގޮތުގައި، އެއްބަސްވުމަށް ބަދަލުތަކެއް ގެނައި ނަމަވެސް ރަނގަޅު ރޭޓެއްގައި އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދޭނެ ކަމުގެ އުންމީދު އެބައޮތެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވާހަކަދައްވަނީ. ތެޔޮ ހޯދުމަށް އެސްޓީއޯއާ އެކު ވެފައިވާ އެއްބަސްވުން ވަނީ އާ ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވާހަކަދައްވަނީ. ތެޔޮ ހޯދުމަށް އެސްޓީއޯއާ އެކު ވެފައިވާ އެއްބަސްވުން ވަނީ އާ ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން 2018 އަހަރުން ފެށިގެން އެގްރީމެންޓެއް އޮވެގެން މި ދިޔައީ ގަންނަމުން އެސްޓީއޯ އިން. މި އަހަރު ކޮންޓެރްޓް ރިނިއު ކުރީ. އެހެންވީމާ އަދިވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ރަނގަޅު ރޭޓެއްގައި އެސްޓީއޯ އިން ތެޔޮ ފޯޓުކޮށްދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޖީއެމްއާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި ދުވަސްވަރު ފިޔަވައި، އެހެން ހުރިހާ ދުވަސްތަކެއްގައި އެމްއޭސީއެލުން ޖެޓް ފިއުލް އާއި ޑީސަލް ހޯދަމުން އައީ އެސްޓީއޯ މެދުވެރިކޮށެވެ.