Roadha Mihaaru
އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް

އެސްޓީއޯގެ އާ އެމްޑީއަކަށް ކޮށީގޭ ސައީދު ހަމަޖައްސަން ޕީސީބީއަށް

28 މާޗް 2023

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން ފޮނުވައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން ފޮނުވައިފި އެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދު އައްޔަންކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީސީބީން އަންނަނީ ފުރިހަމަކުރަމުންނެވެ. އެކަމަކު ޕީސީބީން މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

ޕީސީބީގެ އޮފިޝަލަކު ވިދާޅުވީ އެޕޮއިންޓްކުރަން ފޮނުވާ ނަންތައް، އެ އޮންނަ ޕްރޮސެސް ނިމުމުގެ ކުރިން އެތަނުން ހާމަނުކުރާނެ ކަމަށެވެ.

އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ވަކިކުރެއްވުމަށް ފަހު އެވެ.

ސައީދު، ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

ސައީދު: އޭނާ ވަނީ ކެބިނެޓުގެ ސެކްރެޓަރީގެ މަގާމާ އެކު ގިނަ މަގާމްތައް ފުރުއްވާފައި.

ސައީދު: އޭނާ ވަނީ ކެބިނެޓުގެ ސެކްރެޓަރީގެ މަގާމާ އެކު ގިނަ މަގާމްތައް ފުރުއްވާފައި.

އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް މެ އެވެ.

ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

އަމްރު މަގާމުން ވަކިކުރީ، ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަކު އޭނާ ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅަށް ނުކުންނަވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމުގެ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އަމްރު ތާއީދުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އޭގެ ފަހުން ވެސް އަމްރު މަސައްކަތް ކުރައްވަނީ ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފަޅީގަ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު ކުންފުންޏެއް ހިންގަވަން މަގާމުގައި ބަހައްޓައިގެން ނުވާނެ ކަމަށް ސަރުކާރު ފަޅީފައި ތިބި ގިނަ ބައެއްގެ ނުރުހުން އަމްރަށް އަމާޒުވި އެވެ.