Roadha Mihaaru
ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި

ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި

23 ޖޫން 2024

އެކިއެކި މިނިސްޓްރީތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދު މަދުކުރަން ސަރުކާރުން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެކިއެކި މިނިސްޓްރީތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދު މަދުކުރަން ސަރުކާރުން ފަށައިފި އެވެ.

މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގެ ގިނަ މިނިސްޓްރީތަކަށް 40 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މީހުން އައްޔަން ކޮށްފައި އެބަތިއްބެވެ.

ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ ޖުމުލަ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ސަރުކާރުން އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މިހާރު އަންނަނީ މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ބައެއް ސިޔާސީ މީހުން މަދު ކުރަން ފަށައިފަ އެވެ. ބައެއް މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ސިޔާސީ މީހުންގެ އަދަދު 25 އަށް މަދު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ބައެއް މީހުންގެ ޕާފޯމަންސަށް ބަލައި ވަޒީފާ އިން ވަކި ކުރާއިރު އަނެއްބައި މީހުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރާކަން ވެސް ވަނީ އެނގިފަ އެވެ.

މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ވެސް އެ ގޮތަށް ގިނަ މީހުން ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީތަކުގައި އަބަދުވެސް ތިބޭނީ އެ މިނިސްޓްރީއެއްގެ މަސައްކަތަށް ބޭނުންވާ ބޭފުޅުންނެވެ.

އެ ބޭފުޅުންގެ ޕާފޯމަންސަށް ބަލައި އަބަދުވެސް އުނި އިތުރު ކުރަމުން ދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވާނެ އެ މަނިކުފާނުގެ ޓީމަކީ ޕާފޯމް ކުރެވޭ ޓީމަކަށް ވާން ވާނެ ކަމަށް،" ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމެވެ.