Roadha Mihaaru
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް

މަބްރޫކް، ރައީސް އޮފީހުގެ އިިސް މަގާމަކަށް

07 ޖުލައި 2019

މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާ އިން ބަލިވި މަބްރޫކް އަބްދުލްއަޒީޒް ރައީސް އޮފީހުގެ އިސް މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގެ ބުދަ ދުވަހު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާ އިން ބަލިވި މަބްރޫކް އަބްދުލްއަޒީޒް ރައީސް އޮފީހުގެ އިސް މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގެ ބުދަ ދުވަހު އައްޔަން ކުރައްވައިފި އެވެ.

ފެލިދޫ ދާއިރާގެ އިންތިޚާބުގައި ވަރަށް ހަނި ގޮތަކުން ނާކާމިޔާބު ވެވަޑައިގެންނެވި އެމްޑީޕީގެ މަބްރޫކު، ހަމަޖެއްސެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީގެ މަގާމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި 50 ވޯޓުގެ ތަފާތުން މަބްރޫކް ބަލިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ވާދަކުރައްވަ އެވެ. އިދިކޮޅު ޕީއެންސީގެ ފަޒުލް އަށް 472 ވޯޓު ލިބިވަޑައިގެންނެވި އިރު މަބްރޫކަށް ހޯއްދެވުނީ 422 ވޯޯޓެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް މަބްރޫކް އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގަ އެވެ. އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މަބްރޫކާ އެކު 12 ބޭފުޅަކު މިވަގުތު ތިއްބަވަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް (އަށް މަސް ތެރޭގައި) 334 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އުފައްދާފައި ވަނީ 465 ސިޔާސީ މަގާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.