Roadha Mihaaru
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް

ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް

08 ޑިސެމްބަރ 2016

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަގާމުތަކުން ގިނަ ބޭފުޅުންތަކެއް ވަކިކުރާ މައްސަލާގައި "މިހާރު" އިން ދެންނެވި ސުވާލަކާ ގުޅިގެން މުއާޒް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައި އޮތް ބާރެކެވެ.

މުއާޒް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސަށް ވެރިކަން ހިންގުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ވަކި ބަޔަކަށް ފައިދާއެއް ވުމުގެ ބަދަލުގައި، ރައްޔިތުންނަށް ވީހާވެސް އަވަސް ހިދުމަތްތަކެއް ދިނުމަށް އުފައްދާ މަގާމުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ އަދަދެއްގެ ބަޔަކު މަގާމުތަކަށް އެއް ފަހަރާ ސަރުކާރުން އައްޔަން ކުރޭ. މި ފަހަރު ގިނަ ބަޔަކު އެއް ފަހަރާ ވަކި މި ކުރީ، މި ބޭފުޅުން ވަކި ކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް،" މުއާޒް ވިދާޅުވި އެވެ

ރައީސް ޔާމީން ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަސް ބޭފުޅަކު މަގާމުތަކުން މިދިޔަ އަންގާރަދުވަހު ވަކި ކުރައްވައިފަ އެވެ. އަދި ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކާއި ހައުސިން މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު ވެސް މަގާމުން ވަކި ކުރެއްވި އެވެ.

މިހާ ގިނަ އަދަދެއްގެ ބޭފުޅުން ވަކި ކުރެއްވީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުންތޯ ސުވާލު ދެންނެވުމުން މުއާޒް ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަ ކުރަން ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެހެންވެ، އެއީ ވެސް ވެދާނެ ކަމެއް ކަމަށް މުއާޒް ވިދާޅުވި އެވެ.

"އެކަމަކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް އުޅޭ ކަމަށްވާނަމަ، ރައީސަށް ފެނިވަޑައިގެން އަލުން އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ފުރުސަތު އެބައޮތް. އެކަމަކު މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނުން އަވަސް،" މުއާޒް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުން ވަކި ކުރައްވާފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް މުހައްމަދު ޔާސިރާއި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ޒުހައިރު (ޝީ ޒުހައިރު) އާއި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުލް ޣަފޫރު އަބްދުއްލަތީފް އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރެވެ.

މި ބޭފުޅުންގެ އިތުރުން ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރުން ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މުހައްމަދު ޝަހުނީމް އާއި އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) އަދި އަހުމަދު ޒަމީލް ވެސް ވަނީ ކޯޑިނޭޓަރުކަމުން އިއްޔެ ވަކިކޮށްފަ އެވެ.