05 އޯގަސްޓް 2019
ސިއްހީ ދާއިރާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ މިދިޔަ ފަސް އަހަރު އެ ދާއިރާ އަށް އަޅާނުލައި ދޫކޮށްލާފައި އޮތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ މިދިޔަ ފަސް އަހަރު އެ ދާއިރާ އަށް އަޅާނުލައި ދޫކޮށްލާފައި އޮތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މަޑުއްވަރީ އާއި ރ. މީދޫގެ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުރިމަތިލި ހަފްތާގެ ތެރޭގައި 28 ސިއްހީ މަރުކަޒެއް 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ތަންތަނުގައި ބަދަލުވީ ނަން ބޯޑުތައް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.
"މިއިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުން ފޯރުކޮށްދީފައެއް ނުވޭ. ބަޖެޓު ފޯރުކޮށްދީފައެއް ނުވޭ. ލެބޯޓަރީތަކަށް ވަސީލަތްތައް ގާއިމުކޮށްދީފައެއް ނެތް،" އަމީން ވިދާޅުވި އެވެ.
"މިއަދު ތިޔަބޭފުޅުން ރަށް ރަށަށް ވަޑައިގަތީމާ އެއްކަލަ އަށް ގަޑިއިރުގެ ތަން 24 ގަޑިއިރަށް ބަދަލު ކުރީމާ، ހަތަރު ނަރުހުންނާ އެކީގައި ކިހިނެއްތޯ އެ މީހުން ހިދުމަތް ދޭނީ؟ ކޮންތަނަކުންތޯ ފައިސާ ހޯދާނީ؟"
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް
އަމީން ވިދާޅުވި ގޮތުގައި އަށް ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެއް 24 ގަޑިއިރަށް ބަދަލު ކުރުމުން، އެ ތަނަށް 13 ނަރުހުން ބޭނުންވެ އެވެ. އަދި 28 ސިއްހީ މަރުކަޒަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ސިއްހީ ދާއިރާ އަށް މިހާ ބޮޑު ގޮންޖެހުންތަކެއް ދިމާވީ މި ސަބަބާ ހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅު ކުރެވޭނީ ތަސައްވުރަކާއި ދުރު ވިސްނުމެއް އޮވެގެންނެވެ. ފައިސާ ހޯދާފައި "ފައިސާ އޮއްސާލުމަކުން" ކަންކަން ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސިއްހީ ދާއިރާގެ ތަސައްވުރަކީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
އަމީންގެ މި ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުން އިރުކޮޅެއް ވަންދެން މަޖިލިހުގެ ތަޅުމުގައި އަޑުގަދަ ކުރެއްވި އެވެ. އަދި އަމީންގެ ވާހަކަ އެ ހިސާބުން ހުއްޓާލައްވަން ޖެހިވަޑައިގަތެވެ. އިދިކޮޅު މެމްބަރުންގެ ޝަކުވާ އަކަށް ވީ މެމްބަރުން ކުރައްވާ ސުވާލުތަކަށް އަމީން ޖަވާބު ނުދެއްވުމެވެ. އެކަމަކު، ބައެއް މެމްބަރުންގެ ދާއިރާތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް އަމީން ޖަވާބު ދެއްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ބަޖެޓުގައި ހުރި ކަންކަން، ތަރުތީބުން ކުރަމުން ދިއުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކާއި ބަޖެޓު ތަން ދޭ މިންވަރަކަށް ސިއްހީ ދާއިރާއާ ގުޅޭ ކަންކަން ކުރައްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
"ބައެއް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަން ހަގީގަތުގައި ވަރަށް ދަތިކޮށް ހުރީ. އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންނާއި މުވައްޒަފުންނާއި ހިދުމަތްތަކުގެ ގޮތުންނާއި ތަސައްވުރުގެ ގޮތުން ވަރަށް ބަލިކަށިކޮށް ހުރި ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ 187 ތަން ހުރި އިރު، ސަރުކާރުން މަސައްކަތް ކުރަނީ ބަލިކަށިކޮށް ހުރި ތަންތަން ރަނގަޅު ކުރުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން 60 ޕަސަންޓު ތަންތަނަކީ އިމާރާތާއި ވަސީލަތުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭ ތަންތަން ނޫން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ބަލީގެ ނުރައްކާ ކުޑަ ރަށްތަކަށް ލުއިތަކެއް ދެނީ
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާންކޮށްފި
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި
ކޮރޯނާވައިރަސްގެ މީހަކު ފެނިއްޖެ ނަމަ ސިއްރެއް ނުކުރާނެ
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން