Roadha Mihaaru
ފުނަދޫގެ ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރަނީ

ފުނަދޫގެ ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

21 ޖެނުއަރީ 2024

މާލެ އާއި ހުޅުމާލެ ދެމެދަށް އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ އާއި ހުޅުމާލެ ދެމެދަށް އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފެށުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

މާގިރިފަޅަކީ ކަނޑުއޮށްގިރި ކައިރީގައި އޮންނަ ތަނެކެވެ.

ސަރުކާރުގެ މި މަސައްކަތަކީ އެއާޕޯޓް ވެސް ހިމެނޭ ގޮތަށް މުޅި މާލެ ސަރަހައްދަށް ގެންނަ ބޮޑު ބަދަލެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ މަޝްރޫއުއާ ގުޅޭ ތަފްސީލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ ބޮޑު ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއްސާކުރައްވާފަ އެވެ.

ރައީސް އެ ރޭ ވިދާޅުވީ މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ އެކު އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމާއި ކ. ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުން ހިމެނޭނެ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ.

"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ އެވެ.