Roadha Mihaaru
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ މަހު ލިބުނު އާމްދަނީ 1.4 ބިލިއަން، އެއް ބިލިއަން ލިބުނީ ޑޮަލަރުން

11 ޖެނުއަރީ 2018

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 66.1 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި އަދަދަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ ވެސް 10.1 ޕަސެންޓް އިތުރު އަދަދެކެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް، މިދިޔަ މަހު ވެސް ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 43 ޕަސެންޓަކީ ޖީއެސްޓީގެ ފައިސާ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ލަފާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ޓޫރިޒަމްގެ ދާއިރާއިން ލިބުނު ޖީއެސްޓީ އިތުރުވުމާއި އެއާޕޯޓް ޑިވެލޮޕްމަންޓްގެ ޗާޖްގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމެވެ. ޑިސެމްބަރު، 2016 އަށް ވުރެ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 15 ޕަސެންޓް އިތުރެވެ.

ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.