Roadha Mihaaru
ސަލްމާންގެ "ބާރަތު"ގެ އަސްލަކީ ކޮރެޔާގެ ފިލްމެއް

ސަލްމާންގެ "ބާރަތު"ގެ އަސްލަކީ ކޮރެޔާގެ ފިލްމެއް

05 ޖެނުއަރީ 2018

ސަލްމާން ޚާނާއި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ގުޅިގެން މިހާތަނަށް ދެ ބްލޮކްބަސްޓާ އުފައްދައިފި އެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އެވެ. މިހާރު މި ފަންނާނުން އަނެއްކާވެސް ތައްޔާރުވަނީ މުޅިން އާ ފިލްމެއްގެ މަސައްކަތް ފެށުމަށެވެ. ދާދި ފަހުން އަލީ އައްބާސް ވަނީ މި ފިލްމާ ބެހޭ ތަފްސީލު އިންޑިޔާގެ މީޑިއާއާ ހިއްސާކޮށްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އަލީ ބުނި ގޮތުގައި ސަލްމާން ބަތަލުގެ ބަޔަށް ލައިގެން އޭނާ މިފަހަރު ޑައިރެކްޓްކުރާނީ "ބާރަތު" އެވެ. މިއީ ކޮރެއާ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފެމެލީ"ގެ ރިމޭކްއެކެވެ. ޔޫން ޖެ-ކިއޫން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހިންދީ ބަހުން އުފެއްދުމަކީ ސަލްމާންގެ ޚިޔާލެއް ކަމަށް އަލީ ބުންޏެވެ.

"އަހަންނަށް އެ ފިލްމު ބަލާލަން ދިނީ ސަލްމާން. އޭނާ ބުނި މިއީ އޭނައަށް ވަރަށް ކަމުދިޔަ ފިލްމެކޭ. އަހަންނަށް ވެސް އެ ފިލްމު ބަލާފައި ފިލްމު ވަރަށް ކަމުދިޔަ،" އަލީ ބުންޏެވެ.

"ނަމަވެސް އޮރިޖިނަލްއާ އެއްގޮތަށް އެ ފިލްމު ހިންދީ ބަހުން އުފެއްދޭކަށް ނެތް. ސަބަބަކީ ފިލްމުގައި ދައްކާފައިވާ ސިޔާސީ-އިޖްތިމާއީ ކަންތައްތައް އިންޑިޔާ އާއި ކޮރެޔާގައި ވަރަށް ތަފާތު. ފިލްމުގެ ވާހަކަ އާއި ކެރެކްޓާތަކަށް ވެސް އެ ބަދަލުތައް އަންނާނެ. ނަމަވެސް އަހަންނަށް ފިލްމުގެ މައިގަނޑު ޚިޔާލު ވަރަށް ކަމުދިޔަ."

އާ ފިލްމު ހަދަނީ އިންޑިޔާ އާއި ޕާކިސްތާނު ވަކިވި ދުވަސްވަރުގެ ވާހަކައަކަށް ކަމަށް ބުނާ ޚަބަރުތަކާ ގޮތުން އޭނާ އެއްޗެކޭ ނުބުނެ އެވެ.

އަލީ ބުނީ ފިލްމުގައި ސަލްމާން ފިޔަވައި ދެން ބައިވެރިވާނީ ކޮން ތަރިންނެއްކަން އަދި ހަމަނުޖެހޭ ކަމަށެވެ.

"ފިލްމު އަދި އޮތީ ވަރަށް ޅަފަތުގެ މަރުހަލާއެއްގައި. މިހާރު މި ބަލަނީ މާޗް ހިސާބުގައި ފެށޭތޯ. އޭގެ ކުރިން އަހަރެމެން ބޭނުންވަނީ މަހެއްހާ ދުވަހު ނިދާލަން،" 'ޓައިގާ ޒިންދާ ހޭ'ގެ ޝޫޓިން އާއި ޕްރޮމޯޝަންގެ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެފައިވާ އަލީ ބުންޏެވެ.

"ޓައިގާ ޒިންދާ ހޭ" މިހާރު ވަނީ 200 ކްރޯޑު (20 ބިލިއަން ރުޕީސް) ފަހަނައަޅާ ގޮސް 300 ކްރޯޑު (30 ބިލިއަން ރުޕީސް) އާ ހަމަޔަށް ދިއުމުގެ މަގުމަތީގަ އެވެ. ބޮލީވުޑްގައި ފިލްމުތަކުގެ ކާމިޔާބު މިހާރު މިންކުރަނީ ކޮންމެ 100 ކްރޯޑަކުންނެވެ.