Roadha Mihaaru
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ

ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ

13 މެއި 2024

ސަލްމާން ހާން މިހާރު އިއުލާންކޮށްފައިވާ އޭނާގެ އާ ފިލްމު "ސިކަންދަރު"ގެ ލީޑު ރޯލަށް ރަޝްމިކާ މަންދަނާ ހަމަޖައްސައިފި އެވެ.

ސަލްމާން ހާން މިހާރު އިއުލާންކޮށްފައިވާ އޭނާގެ އާ ފިލްމު "ސިކަންދަރު"ގެ ލީޑު ރޯލަށް ރަޝްމިކާ މަންދަނާ ހަމަޖައްސައިފި އެވެ.

ރަޝްމިކާ ހަމަޖެއްސިކަން "ސިކަންދަރު"ގެ ޓީމުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ. މިއީ ސަލްމާންގެ ފިލްމެއްގައި ރަޝްމިކާ މަސައްކަތްކުރާނެ ފުރަތަމަ ފަހަރެވެ.

ސަލްމާންގެ އެކްޝަން ފިލްމު "ސިކަންދަރު" އަކީ އަންނަ އަހަރުގެ ބޮޑު އީދުގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ އާމިރް ހާންގެ މަޝްހޫރު ފިލްމު "ގަޖްނީ" ޑައިރެކްޓުކުރި އޭއާރް މުރުގަޑޮސް އެވެ. ސަލްމާންއާ އެކު އޭނާ ވެސް މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

ރަޝްމިކާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް ބޮލީވުޑްގެ ބްލޮކްބާސްޓާ ފިލްމު "އެނިމަލް" އިންނެވެ. ރަންބީރް ލީޑު ރޯލު ކުޅުނު އެ ފިލްމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމެވެ.

"ސިކަންދަރު"ގެ އިތުރުން ވެސް ރަޝްމިކާ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ވިކީ ކައުޝަލްއާ އެކު ކުޅޭ "ޗާވާ" އާއި އައްލޫ އަރްޖުންއާ އެކު ކުޅޭ "ޕުޝްޕާ 2: ދަ ރޫލް އޮފް" ވެސް ހިމެނެ އެވެ. އަދި "ރެއިންބޯ" އާއި "ދަ ގާލްފްރެންޑް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.