Roadha Mihaaru
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް

ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް

26 އޮކްޓޯބަރ 2021

އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ބޮޑު ތިން ފިލްމެއްގެ ޓްރެއިލާ ހޯމަ ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑްގެ ބޮޑު ތިން ފިލްމެއްގެ ޓްރެއިލާ ހޯމަ ދުވަހު ދައްކާލައިފި އެވެ.

މީގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 19 ގައި ގެނެސްދޭ ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ 2" އެވެ. ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ވަރުން ޝަރުމާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ކްރައިމް ކޮމެޑީއެކެވެ.

ލައިޓްހާޓެޑް ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހާއްސަ "ބަންޓީ އޯރް ބަބްލީ 2" އަކީ 2005 ގައި ރާނީ އާއި އަބީޝެކް ބައްޗަން ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. މި ފަހަރު ބަންޓީގެ ރޯލު ސައިފް ކުޅެފައިވާ ފިލްމުގެ ކާސްޓްގައި ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ.

ޓްރެއިލާ އިން "ބަންޓީ އޯރް ބަބްލީ 2" އަކީ ވަރަށް މަޖާ ފިލްމަކަށްވާނެ ކަމަށް ގަބޫލުކުރެ އެވެ. އަނެއްކޮޅުން މިއީ ސައިފާއި ރާނީގެ ޖޯޑު ވަރަށް ދުވަސް ފަހުން އެކީގައި ސްކްރީނަށް އަންނަ ފިލްމެކެވެ. އެ ސަބަބަށްޓަކައި ވެސް މިއީ ހާއްސަ ފިލްމެކެވެ.

ހޯމަ ދުވަހު ޓްރެއިކާ ދައްކައިލި ދެވަނަ ފިލްމަކީ މިދިޔަ އަހަރުން ފެށިގެން ފަސް ކޮށްފައި އޮތް ޖޯން އަބްރަހަމްގެ އެކްޝަން ފިލްމު "ސަތިއަމޭވް ޖަޔަތޭ 2" އެވެ. އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަ އެ ފިލްމަކީ އޭނާއާ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.

ޖޯން ފުރަތަމަ ފަހަރަށް ޑަބަލް ރޯލަކުން ފެންނާނެ ފިލްމުގެ ބަތަލާ އަކީ ޓީ ސީރީޒްގެ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ. "ސަތިއަމޭވް ޖަޔަތޭ 2" އަކީ މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ދިވްޔާ ފިލްމެއް ނުކުޅޭތާ ވަރަށް ގިނަ ދުވަސް ފަހުން ކުޅުނު ފިލްމެކެވެ.

މީގެ ފުރަތަމަ ބަޔާ އެއްގޮތަށް ދެވަނަ ބައިގައި ވެސް ނޯރާ ފަތުހީގެ އައިޓަމް ލަވައެއް ހިމެނޭނެ އެވެ. ކުރީގެ ލަވަ "ދިލްބަރު" އަކީ ފިލްމުގެ އެންމެ ބޮޑު އެއް ހައިލައިޓެވެ.

ދެން އޮތީ "ސަތިއަމޭޗް ޖަޔަތޭ 2" ގެ އެއް ދުވަސް ފަހުން ނޮވެމްބަރު 26 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޓްރެއިލާ އެވެ. މި ފިލްމަކީ އޭނާ އާއި ޅިޔަނު އާޔޫޝް ޝަރުމާގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދާނެ އެކްޝަން ތުރިލާއެކެވެ.

އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓް ކޮށްފައިވާ "އަންތިމް" އަކީ 2018 ގެ "ލަވްޔާތުރީ" އަށް ފަހު ރިލީޒްވާ އާޔޫޝްގެ ދެވަނަ ފިލްމެވެ. މި ފިލްމަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

"އަންތިމް" އަކީ "ރާދޭ" އަށް ފަހު މި އަހަރު ރިލީޒްކުރާ ސަލްމާންގެ ދެވަނަ ފިލްމެވެ.