Roadha Mihaaru
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ

"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ

23 ނޮވެމްބަރ 2021

ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ދޫމް" ގެ ހުރިހާ ފިލްމެއްގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އަބީޝެކް ބައްޗަން ދެން އެއިން ނުފެނިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ދޫމް" ގެ ހުރިހާ ފިލްމެއްގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އަބީޝެކް ބައްޗަން ދެން އެއިން ނުފެނިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ "ދޫމް" ގެނެސްދޭ ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި އަބީޝެކާ މެދު މިހާރު ކުނި ޖެހިފައިވާތާ ވެސް ދުވަސްތަކެއް ވެފައިވާތީ އެ ސްޓޫޑިއޯގެ ފިލްމަކުން އަބީޝެކް ދެން ފެނުމުގެ ފުރުސަތު ވެސް ކުޑަ ކަމަށެވެ. އޭގެ ހެއްކަކީ އަބީޝެކާއި އަދިތިޔާގެ އަންހެނުން މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2005 ގައި ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލްގައި އަބީޝެކް ނުހިމެނުމެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމުގައި، ކުރިން އަބީޝެކް ކުޅުނު ބަންޓީގެ ކެރެކްޓާ ކުޅުނީ ސައިފް އަލީ ޚާނެވެ. ދެހާސް ހަތަރަކުން ފެށިގެން ގެނެސްދެމުން އަންނަ "ދޫމް" ގެ ހަތަރު ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، މީގެ ކާސްޓަށް ނާންނަ ބަދަލަކީ އަބީޝެކް ކުޅެމުން އައި އޭސީޕީ ޖޭ ޑިކްޝިޓްގެ ރޯލާއި އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްޅާގެ އަލީގެ ކެރެކްޓާ އެވެ.

"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެންނާނެ ކަމަށް ބެލެވޭ އިރު، އޭނާ ވަނީ އެ ފްރެންޗައިޒްގެ އިތުރުން ވެސް ވައިއާރްއެފްގެ އެހެން ފިލްމުތަކެއް ކުޅެފަ އެވެ. އެއީ 2007 ގެ "ލާގަ ޗުނަރީ މޭ ދާގް" އާއި އެ އަހަރުގެ "ޖޫމް ބަރާބަރު ޖޫމް" ގެ އިތުރުން ސައިފާއި ރާނީ ލީޑް ރޯލު ކުޅުނު 2004 ގެ "ހަމް ތުމް" ގެ ހާއްސަ ފެނިލުމެކެވެ.

ސައިފް ބުނެފައިވާ ގޮތުގައި އޭނާ އަށް "ބަންޓީ އޯރް ބަބްލީ 2" އިން ފުރުސަތު ދިނީ ސީދާ އަދިތިޔާ އެވެ. އެގޮތުން އެއް ދުވަހަކު ގުޅާފައި އެހެން އެކްޓަރަކު ކުޅެފައި އޮތް ރޯލެއް ގަބޫލު ކޮށްފާނަންތޯ އެހުމުން އެކަމާ އެއްވެސް ފަސްޖެހުމެއް ނެތް ކަމަށް އަދިތިޔާ ގާތު ބުނި ކަމަށް ސައިފް ބުންޏެވެ. އޭނާ ބުނި ގޮތުގައި ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމު ކަމަށްވާ "ހަމް ތުމް" އަކީ ވެސް ހަމަ އެކަހަލަ ގޮތަކަށް ކުޅެން ލިބުނު ފިލްމެކެވެ.

ކުނާލް ކޯލީ ޑައިރެކްޓްކުރި އެ ފިލްމަކީ ސައިފަށް ނެޝަނަލް އެވޯޑް ލިބުނު ފިލްމެވެ.

ސައިފް ބުނީ އަބީޝެކްގެ ބަދަލުގައި އޭނާ އަށް "ބަންޓީ އޯރް ބަބްލީ 2" އިން ފުރުސަތުދޭން ނިންމި ސީދާ ސަބަބެއް އަދިތިޔާ ސާފުކޮށް ނުދޭ ކަމަށާއި އެކަމާ ބެހޭ ގޮތުން އަމިއްލަ އަށް ސުވާލެއް ވެސް ނުކުރާ ކަމަށެވެ. އަދި އެންމެ އުފާވި ކަމަކީ ތަފާތު ރޯލެއް ކުޅެން ލިބުނީތީ ކަމަށް ބުންޏެވެ.

ވަރަށް ހިނގާނެ ކަމަށް ކަމަށް ބެލެވުނަސް "ބަންޓީ އޯރް ބަބްލީ 2" އަށް ލިބޭ ތަރުހީބު ވަރަށް ކުޑަ އެވެ. ގިނަ ކްރިޓިކުން ވެސް ބުނެފައި ވަނީ އެ ފިލްމަކީ އުންމީދުކުރި ވަރުގެ އެއްޗެއް ނޫން ކަމަށެވެ.

"ދޫމް" ފްރެންޗައިޒުން ދެން އަބީޝެކް ނުފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުންދާ އިރު، މީގެ ހަތަރު ވަނަ ބަޔާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން އަދި ނުދައްކަ އެވެ. އެކަމަކު މީގެ ކާސްޓާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ.

އަބަދު ވެސް ވިލަން ފިލްމުގެ މައި ހީރޯގެ ގޮތުގައި ފާހަގަ ކުރެވޭ "ދޫމް" ފްރެންޗައިޒްގެ ތިން ވަނަ ބައި ގެނެސްދިނީ 2013 ގަ އެވެ. އޭގެ މުހިއްމު ތަރިއަކީ އާމިރު ޚާނެވެ. އަދި ބަތަލާ އަކީ ކެޓްރީނާ ކައިފް އެވެ.

ދެހާސް ހައެއްގައި ގެނެސްދިން "ދޫމް 2" ގެ ވިލަން އަކީ ރިތިކް ރޯޝަނެވެ. އަދި ބަތަލާއިންނަކީ އަބީޝެކްގެ އަންހެނުން އައިޝްވާރިއާ ރާއީ އާއި ބިޕާޝާ ބާސޫ އެވެ. ޖޯން އަބްރަހަކީ 2004 ގެ "ދޫމް" ގެ ވިލަން އެވެ. އޭގެ ބަތަލާއިންނަކީ އީޝާ ޑިއޯލް އާއި ރިމީ ސެން އެވެ.